ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 20:17
ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
ދިވެހި ޕްރިމިއަރ ލީގުގައި ޔޫވީ އާއި އީގަލްސް ބައްދަލުކުރި މެޗުގެ ތެރެއިން
އެފްއޭއެމް
އުރީދޫ ދިވެހި ޕްރިމިއަރ ލީގު
ޔޫވީ އާއި އީގަލްސްގެ ކުރިމަތިލުން އެއްވަރު
 
މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުން

އުރީދޫ ދިވެހި ޕްރިމިއަރ ލީގުގައި ޔުނައިޓެޑް ވިކްޓްރީ (ޔޫވީ) އާއި ކުލަބް އީގަލްސް ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ހަވީރު ކުޅުނު މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު އީގަލްސްގެ ހުނަރުވެރި ފޯވާޑް އަޙްމަދު ރިޒްވާން (ރިޒޭ)އަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އޭރިއާ ތެރެއިން މުޅިން ހުސްކޮށްހުރެ ރިޒޭ ފޮނުވާލި ބޯޅަ ޔުވީގެ ކީޕަރު އަޙްމަދު އަނަފް ޒަރިޔަންދު ވަނީ މަތަކޮށްފައެވެ.

އޭގެ ފަހުން މެޗުގެ ހަތްވަނަ މިނެޓުގައި ޔޫވީން އުފެއްދި ފުރަތަމަ އެޓޭކުގައި އެޓީމުން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ބެލަރޫސް ފޯވާޑް އިވާން ވެރާސްއެވެ. އޭގެ ދެ މިނެޓު ފަހުން ނަތީޖާ ހަމަހަމަ ކުރުމަށް އީގަލްސްގެ ރިޒޭއަށް ރަނގަޅު ފުރުސަތެއް ލިބި ވަނީ ބޭކާރުވެފައެވެ. އޭރިއާ ތެރެއިން ހުސްކޮށްހުރެ ރިޒޭ ފޮނުވާލި ހަމަލާ ދިޔައީ ގޯލާ އަމާޒުނުވެ ބޭރަށެވެ.

މެޗުގެ ދެވަނަ ހާފުގައިވެސް އީގަލްސްއިން ޔޫވީގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް ވަނީ އުފައްދާފައެވެ. އެކަމަކު މި ހާފުގައި ޔޫވީން ވަނީ މޮޅަށް ޑިފެންސްކޮށް އީގަލްސްގެ ހަމަލާތައް ހުއްޓުވައިފައެވެ.

އީގަލްސްއިން އެއްވަރުކުރީ މެޗުގެ 86 ވަނަ މިނެޓުގައެވެ. މި ލަނޑު އެޓީމަށް ކާމިޔާބު ކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އަލީ އަޒުވާން އަބްދުލް އަޒީޒްއެވެ. މި ލަނޑު އޭނާ ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި، އަބްދުﷲ ޒިޔާން (ޖަންކީ)ގެ އެހީތެރިކަމާއެކުގައެވެ.

މި ނަތީޖާއާއެކު މާޒިޔާއިން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު ތިން މެޗުން ލިބުނު ނުވަ ޕޮއިންޓާއެކުގައެވެ. ދެވަނަ އަދި ތިންވަނައިގައި އޮތް ޔޫވީ އަދި އީގަލްސްއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތް ޕޮއިންޓެވެ. އަދި ވެލެންސިއާއިން ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތީ ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އެހެންކަމުން ވެލެންސިއާއަށް ކުރިއަށް އޮތް މެޗު ކާމިޔާބުކޮށް ލީގު ތާވަލުގެ ދެވަނައަށް އެރުމުގެ ފުރުސަތު އެބައޮތެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް