ކާމިޔާބުކަމާއެކު ކުރިއަށްގެންދެވުނު ސަވާދީއްތަ ދަތުރާއެކު، މިހާރު އެކިއެކި ޔޮޓްތަކުން ނ. ލަންދޫއަށް ދިއުމަށް ގިނަ ރިކުއެސްޓްތައް އަންނަމުންދާކަމަށް މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ ފަށާއިރު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރު ވަރަށް ކާމިޔާބު ކަމަށާއި، ހާސިލްކުރަން ބޭނުންވި ހުރިހާ ލަނޑުދަނޑިއެއް ހާސިލްވެފައިވާ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް ކުރިއެރުވުމަށް ބޭއްވި ރެލީގައި ޖުމްލަ 9 ޔޮޓެއް ބައިވެރިވިކަން ފާހަގަކުރައްވައި ރާއިދު ވިދާޅުވީ, މަގުބޫލު އުޒުރަކާއެކު ދެ ޔޮޓެއް ދަތުރާ ވަކިވި ނަމަވެސް, ދަތުރުގެ 21 ދުވަހުގެ ތެރޭގައި ހީވެސް ނުކުރާ ވަރަށް ތަރުހީބު ލިބުނު ކަމަށެވެ. ދަތުރުގައި އެއްވެސް ފަތުރުވެރިއަކަށް ސިއްހީގޮތުން ވެސް މައްސަލައެއް ކުރިމަތިނުވާ ކަމަށާއި، ހުރިހާ އިންތިޒާމެއް ދިޔައީ ވަރަށް ފުރިހަމައަށް ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއިދު ވިދާޅުވީ މިދަތުރުގެ ސަބަބުން އަތޮޅުތެރޭގެ ރަށްރަށަށް ޔޮޓްތައް ޒިޔާރަތް ކުރުމަށް ބޭނުންވެގެން ރިކުއެސްޓް އަންނަމުންދާ ކަމަށާއި، ނ.ލަންދޫއަށް ދިއުމަށް ވަރަށް ގިނަ ރިކުއެސްޓް ލިބެމުންދާ ކަމަށެވެ. އަދި މިހާރު އެކަމާގުޅޭގޮތުން ކައުންސިލާ މަޝްވަރާކޮށްފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ވަރަށް ތާފަތު ކަންކަން ވަރަށް ގިނަ ރަށްރަށުން ފެނިގެންދިޔަ. ސަގާފީ ވަރަށް ގިނަ ކަންކަން ފެނިގެން ދިޔައިރު، ބޮޑުބެރު ކަހަލަ އިވެންޓްތަކަށް ބޮޑު ތަރުހީބެއް ލިބުނު. އެހެންވީމަ އެކަން ފަތުރުވެރިން ފާހަގަކުރި. ޝައުގުވެރިކަން ހުރި ކަންތައްތަކުގެ ތެރޭގަ އަޅުގަނޑު ދަންނަވާނީ، އަންހެން ވެރިން ނުކުމެ ސަގާފީ ހެނދުމުގަ ނުކުމެ ހުށަހަޅައިދިން އައިޓަމްތައް ވަރަށް ބޮޑު ވަރަށް ތަފާތު ކަމަކަށް އެމީހުންނަށް ފާހަގަވެގެންދިޔަ. ހަނޑޫ ފޮޅުން، ބިންބި ތެޅުން މި ކަހަލަ ކަންކަމުގަ ފަތުރުވެރިން ވެސް ބައިވެރިވި. އޭގެ އިތުރުން ރާއްޖޭގައި ހުރި އާސާރީ ތަންތަނުގެ މައުލޫމާތު ހިއްސާކުރުން. މިސާލަކަށް އުތީމު ގަނޑުވަރާ އަދި ލަންދޫގަ ހުރި މާބުދުގެ ސަރަހައްދު، މި ދެތަނަކީ ފަތުރުވެރިންނަށް އެމީހުންނާ ގުޅޭ ތާރީޚެއް އޮޮތް ދެތަނެއް. ޕޯޖުގީޒުންގެ އަޅުވެތިކަމުން މުހައްމަދު ތަކުރުފާނު ހަނގުރާމައަށް ނުކުންނެވިއިރު ދިރިއުޅުއްވަމުން ގެންދެވި ތަން އެތަނަކީ. ލަންދޫ މާބުދުގެއަކީ ތާރީޚުގައި ރެދިން އުޅުނު ތަނެއް. މިކަހަލަ ކަންތައްތަކަށް ވަރަށް ބޮޑަށް ޝައުގުވެރިކަން އުފެދިގެން ދިޔަ.އެމްއައިޓީޑީސީގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު
ސަވާދީއްތަ ދަތުރު ކުރިއަށް ގެންދިއުމުގައި ދިމާވި ދަތިތަކަކަށް އިޝާރާތް ކުރައްވައި ރާއިދު ވިދާޅުވީ, ފުރަތަމަ ކުރިއަށް ގެންދިޔަ ހަރަކާތަކަށް ވުމާއެކު، ގިނަ ބަޔަކަށް އިތުބާރު ކުރަން ދަތިވި ކަމަށާއި، ސްޕޮންސަރ ހޯދުމަށް ބައެއް ދަތިތައް ކުރިމަތިވި ކަމަށެވެ. އަދި މިއީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވިދާނެ ހަރަކާތެއްކަމާމެދު ބައެއް މީހުން ސުވާލު އުފެއްދި ކަމަށް އޭނާ ވިދާޅުވިއެވެ. ނަމަވެސް މިހާރު ގިނަ ބައެއްގެ އިތުބާރު ލިބިފައިވާ ކަމަށާއި، ދެވަނަ ބުރަށް ބޮޑު ތަރުހީބެއް ލިބިގެންދާނެ ކަމަށް އުންމީދުކުރާކަމަށް ރާއިދު ވިދާޅުވިއެވެ.
ރާއިދު ވިދާޅުވީ ސަވާދީއްތަ ދަތުރަކީ ފެށުމެއް ކަމަށާއި، ކުރިއަށް އޮތްތަނުގައި ރާއްޖެ ފަތުރުވެރިކަމަށް ހުޅުވާލުމަށް ގިނަ މަސައްކަތްތައް ކުރަމުންދާ ކަމަށެވެ. އަދި މިދަތުރުގެ ސަބަބުން ވެސް އިގުތިސާދީ ގިނަ ދޮރުތައް ހުޅުވިގެން ދިޔަ ކަމަށް އޭނާ ވިދާޅުވިއެވެ. ރާއިދު ވިދާޅުވީ ރާއްޖޭގައި އަލަށް ކުރިއަށް ގެންދެވުނު ސަވާދީއްތަ ދަތުރު ކާމިޔާބު ކަމާއެކު ކުރިއަށް ގެންދިއުމުގައި ގިނަ ބައެއްގެ އެހީތެރިކަމާއި އެއްބާރުލުން ލިބުނު ކަމަށެވެ. އޭގެ ތެރޭގައި އެމްޓީސީސީ، ކޯސްޓްގާޑް، މެރިން ޕޮލިސްގެ ނަން ރާއިދު ފާހަގަކުރެއްވިއެވެ.
ހއ. ހޯރަފުށީގައި ސަވާދީއްތަ ދަތުރު ފެށީ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހެވެ. ސަވާދީއްތަ ދަތުރާއެކު ސެއިލް ޓޫރިޒަމް ރާއްޖޭގައި ވަނީ ފުޅާވެގެން ގޮސްފައިވާއިރު، ދެވަނަ ދަތުރު ވެސް 2023 ވަނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ކުރިއަށް ގެންދިއުމަށް ނިންމާފައިވެއެވެ.