ކ. މާލެ
|
3 މާރޗް 2022 | ބުރާސްފަތި 07:04
އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)
އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)
ރާއްޖެއެމްވީ
އިހަވަންދިއްޕޮޅު ޓްރާންސިޓް ބަނދަރު
އިހަވަންދިއްޕޮޅު ޓްރާންސިޓް ބަނދަރު ހެދުމަށް ސަރުކާރުގެ މަތީ ފަންތީގައި މަޝްވަރާކުރަނީ
ރާއްޖެ އުފެދިފައިވާ ސަރަހައްދުގެ ގޮތުން ޓްރާންސިޓް ބަނދަރެއް ހަދައިގެން ބޮޑު ފައިދާއެއް ވާނެ
މަސައްކަތް ފެށުމަށްދާ ޚަރަދު ވަރަށް އަވަހަށް އިއާދަ ކުރެވޭނެ
ރާއްޖެ އުފެދިފައިވާ ސަރަހައްދަށް ބަލާއިރު ގިނަ ބޯޓުތައް ދާންޖެހެނީ ކޮންމެވެސް ހިސާބަކުން ރާއްޖެ ހުރަސްކޮށްފައި

އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއް އެޅުމަށް ސަރުކާރުގެ މަތީ ފަންތީގައި މަޝްވަރާ ކުރަމުން އަންނަކަމަށް އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ޝަރީފު ވިދާޅުވީ އެސްޓީއޯ، އެޗްޑީސީ، މޯލްޑިވްސް ޕޯޓްސް ފަދަ ބޮޑެތި ކުންފުނިތައް ހިމެނޭގޮތަށް ސަރުކާރުގެ މަތީ ފަންތީގައި މި މަސައްކަތުގެ މަޝްވަރާތައް ކުރެވެމުން އަންނަ ކަމަށެވެ. އަދި މި މަސައްކަތް ފަށައިގަތުމަށްޓަކައި އަޅާ ބަނދަރާއި އެހެނިހެން ކަންކަމަށް ގިނަ އަދަދެއްގެ ފައިސާ ޚަރަދުވާނެކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ މި މަސައްކަތް ފެށުމަށްދާ ޚަރަދު ވަރަށް ކުރު މުއްދަތެއްގެ ތެރޭގައި އިޔާދަކުރެވޭނެ ކަމަށެވެ. އަދި މި ޕްރޮޖެކްޓް ރަނގަޅަށް ހިނގައިގަތުމާއެކު ރާއްޖޭގެ އިގްތިސާދު އެހެން ހަރުފަތަކަށް ދާނެކަމަށް ޝަރީފު ވިދާޅުވިއެވެ.

މި މަސައްކަތް ފެށުމަށްޓަކައި ސިންގަޕޫރު ނަމޫނާއެއްގެ ގޮތުގައި ބަލަން ޖެހޭކަން ފަހާގަކުރައްވާ ޝަރީފު ވިދާޅުވީ ޝަރީފު އެންމެ ފުރަތަމަ ސިންގަޕޫރަށް ދަތުރުކުރެއްވިއިރު އެޤައުމުގައި ވިޔަފާރިތައް ކުރަމުން އައީ ކަޑަ ޖަހައިގެން އެތަންތަން ކޮޅުގައި ކަމަށެވެ. ނަމަވެސް މިހާރު ސިންގަޕޫރު ކުރިއަރާފައިވާ މިންވަރަށް އަލިއަޅުއްވާލައްވާ ޝަރީފު ވިދާޅުވީ އެޤައުމުވެސް ކުރިއަރާ ދިޔުމަށްޓަކައި އެންމެ ބޮޑަށް ބޭނުންކުރީ މެރިޓައިމް ކަމަށެވެ.

ރާއްޖެ އުފެދިފައިވާ ސަރަހައްދަށް ބަލާއިރު ގިނަ ސަރަހައްދުތަކަށް ދަތުރުކުރާ ބޯޓުތައް ދާންޖެހެނީ ކޮންމެވެސް ހިސާބަކުން ރާއްޖެ ހުރަސްކޮށްފައެވެ. އެހެންކަމުން މީގެ ބޭނުން ހެޔޮގޮތުގައި ހިފާ، ރާއްޖެއަށް ލިބެން އޮތް ބޮޑު އާމްދަނީގެ ބޭނުން އޭގެ އެންމެ ރަނގަޅު ގޮތުގައި ބޭނުން ކުރުމުގެ މުހިންމުކަން ޝަރީފު ފާހަގަކުރެއްވިއެވެ.

ޝަރީފު ވިދާޅުވީ މި ޚިދުމަތްތައް ދޭން މިވަގުތު އެންމެ ރަނގަޅު ސަރަހައްދަކަށް އޮތީ އިހަވަންދިއްޕޮޅުކަމަށެވެ. އަދި އެއަށްފަހު ދެވަނަ ސަރަހައްދަކަށް ލ. ގާދޫ ކައިރީގައި މި ޚިދުމަތްތައް ދޭން ފެށިދާނެކަމަށެވެ. ތިންވަނަ ސަރަހައްދެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވީ އައްޑޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް