މާފުށީ ޖަލުގައި ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭގޮތަށް ޚާއްސަކޮށްފައިވާ 03 ކޯޓް ރޫމްގެ އަދަދު 05ށް އިތުރުކޮށް، ބޭނުންކުރަން ފަށައިފިއެވެ.
މާފުށީ ޖަލުގައި ބޭއްވި ރަސްމިއްޔާތުގައި، ކޯޓް ރޫމްތައް ހުޅުއްވައިދެއްވީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު މުހައްމަދުފުޅެވެ. މި ރަސްމިއްޔާތުގައި ކޮމިޝަނަރގެ އިތުރުން ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕްރިޒަންސް އަލްއުސްތާޒް އިބްރާހީމް މުހައްމަދު ދީދީ، މާފުށީ ޖަލުގެ ޑައިރެކްޓަރ އެސިސްޓަންޓް ސުޕްރިންޓެންޑެންޓް އޮފް ޕްރިޒަންސް އަހުމަދު ޖާދުﷲގެ އިތުރުން, ކޮމިޝަންޑް އޮފިސަރުންނާއި އެ ޖަލުގެ އޮފިސަރުން ބައިވެރިވިއެވެ.
މި ކޯޓް ރޫމްތައް އިތުރުކޮށް، ބޭނުންކުރަން ފެށުމުގެ މަގުސަދަކީ އެމްސީއެސްގެ ބެލުމުގެ ދަށުގައި އަބަދުވެސް ޝަރީއަތް ނިމެންދެން ގިނަ އަދަދެއްގެ މީހުން ބަންދުކޮށްފައި ބައިތިއްބަންޖެހި، ކޮވިޑް-19ގެ ނުރައްކާ ކުރިމަތިވެފައިވާ ހާލަތުގައި ޝަރީއަތް ބޭއްވުމުގައި, އަދި އެ ފަރާތްތައް ކޯޓުތަކަށް އުފުލުމުގައި ދިމާވާ ދަތިތައް ކުޑަކުރުމެވެ. މިގޮތުން މި ކޯޓް ރޫމްތައް ބޭނުންކުރަން ފެށުމުން، ކްރިމިނަލް ކޯޓުގެ ބެކްލޮގް ކުރިން އަންދާޒާކޮށްފައިވާ މުއްދަތަށްވުރެ އަވަހަށް ކްލިއަރ ކުރުމަށް މަގު ފަހިވެގެންދާނެއެވެ. މިގޮތުން 13 ފެބްރުވަރީ 2022 ވަނަ ދުވަހު މާލެ ޖަލުގައި ރަސްމީކޮށް 03 ކޯޓް ރޫމް ވަނީ ބޭނުންކުރަންފަށާފައެވެ.
މި 05 ކޯޓް ރޫމްތަކުގެ ސަބަބުން ދުވާލަކަށް 25 ގައިދީންނާއި ބަންދުމީހުންނަށް އޮންލައިންކޮށް ޝަރީއަތްތަކުގައި ބައިވެރިވެވޭނެއެވެ. އަދި އެ ފަރާތްތަކަށް ޢާއިލީ ބައްދަލުވުމާއި ވަކީލު ބައްދަލުވުން ފޯރުކޮށްދެވޭ އަދަދު މިހާރަށްވުރެ އިތުރު ވެގެންދާނެއެވެ.