ބެލަރޫސްއާއި ރަޝިއާގައި ތިބި 140 ދިވެހިންގެ ހާލު ދަނީ ގާތުން ބަލަމުންކަމަށް ފޮރިން މިނިސްޓްރީން ބުނެފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ގިނަ ދިވެހި ދަރިވަރުން ކިޔަވަމުންދަނީ ބެލަރޫސްގައި ހުންނަ ގްރޮޑްނޯ ސްޓޭޓް މެޑިކަލް ޔުނިވަރސިޓީން ކަމަށެވެ. އަދި އެތަނުން ނެރުނު ސްޓޭޓްމަންޓެއްގައި, ކިޔަވާ ކުދިންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކޮށްދީފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހިނގަމުންދަނީ ބޯޑަރުގެ 1500 ކިލޯމީޓަރު ދުރުން ކަމަށް ވެސް ވަނީ ބުނެފައެވެ.
ފޮރިން މިނިސްޓްރީން އިތުރަށް ބުނީ, ރަޝިއާގެ ކަރސްކް ތިބި ދަރިވަރުންގެ ހާލަތު ވެސް ގާތުން ބަލަމުންދާ ކަމަށެވެ. ކަރސްކްއަކީ ޔޫކްރެއިން ބޯޑަރާ ކައިރި ތަނަކަށްވާއިރު, ދަރިވަރުންގެ ހާލު ރަނގަޅުކަމަށް ބުނެފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އިވަނޯ-ފްރެންކިވްސްކްގައި ތިބި 15 ދިވެހިން ހަންގޭރީއަށް އެތެރެވެފައިވަނީ ރާއްޖެ ގަޑިން ރޭގަނޑު 11:30ގައި ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ. މިނިސްޓްރީގެ ޓީމުން އެކުދިންނާ ހަވާލުވެފައިވާއިރު ހަންގޭރީގެ ވެރިރަށް ބުޑަޕެސްޓަށް ވަނީ ދަތުރުކޮށްފައެވެ. އަދި އެ 15 ދިވެހިން 2 ދުވަހުގެ ތެރޭގައި ރާއްޖެ އަންނާނެކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
މީގެ އިތުރުން ޚާރްކީވްގައި މިހާރު ތިބި 9 ދިވެހިން، ޔޫކްރެއިންގެ ހުޅަނގަށް ގެންދިއުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އެހެންނަމަވެސް އެއީ ވަރަށް ދުރު ހިސާބަކަށް ވުމާއެކު، އަދި ހާލަތު އޮތްގޮތުން އެކަމުގައި ދަތިތަކެއް އެބަހުރި ކަމަށާއި، ރައްކާތެރިކަމާއެކު ޚާރްކީވްގައި ތިބި ދިވެހިން ގެންދިޔުމަށް މަސައްކަތް ކުރަމުން އަންނަކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.
ހަރްކީވްގައި ތިބި 9 މީހުންގެ ތެރެއިން 5 ދަރިވަރުންނަކީ ވިސާ އައު ކުރުން ފަދަ އަމިއްލަ އެކި ސަބަބުތަކާ ހުރެ ކުރިން ނުފުރުނު ދަރިވަރުންނެވެ. އަދި ބާކީ ތިބި 3 މީހުންގެ އާއިލާ ޔޫކްރެއިންގައި ތިބިކަން ބަރލިންގައި ހުންނަ ދިވެހި އެމްބަސީއަށް އަންގާފައިވަނީ ބުރާސްފަތި ދުވަހުއެވެ.
ފޮރިން މިނިސްޓްރީން ބުނީ ނިޕްރޯގައި ހުރި ދަރިވަރުވެސް ހަންގޭރީ ބޯޑަރު ސަރަހައްދަށް ގެނައުމަށް މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ފޮރިން މިނިސްޓްރީއިން ދަނީ ދަރިވަރުން ރައްކާތެރި ހިސާބުތަކަށް ގެންދިޔުމަށް އެ ސަރަހައްދުގެ އެކި ގައުމުތަކާއެކު ކެނޑިނޭޅި މަސައްކަތް ކުރަމުން ކަމަށް މިނިސްޓްރީން ބުނެއެވެ.