ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މިސަރުކާރުގައި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ)އިން މިހާތަނަށް އިއާދަކުރަނިވި ހަކަތައިގެ 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ކަމަށް މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވެއްޖެ އެވެ.
ސްޓެލްކޯއިން ކުރަމުންދާ މަސައްކަތްތަކާ ބެހޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމްގައި މުޣުނީ ވިދާޅުވީ, މުޅި ދުނިޔެ މިސްރާބު ޖަހާފައިވަނީ އިއާދަކުރަނިވި ހަކަތައާ ދިމާއަށް ކަމަށާއި، ރާއްޖެއިން ވެސް ދަތުރުކުރަން ޖެހެނީ އެދިމާއަށް ކަމަށެވެ.
މުޣުނީ ވިދާޅުވީ, އިއާދަކުރަނިވި ހަކަތައިގެ އެކި ޕްރޮޖެކްޓްތައް އެކި ލެވެލްގައި ކުރިއަށް ގެންދާއިރު، މިހާތަނަށް އައިއިރު 40 ޕްރޮޖެކްޓް ކުރިއަށް ގެންގޮސްފައިވާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި ވެސް އިތުރު މަސައްކަތްތައް ކުރާނެކަމަށެވެ. އިއާދަކުރަނިވި ހަކަތައަށް މުޅި ރާއްޖެ ބަދަލުކުރުމަކީ މަގުސަދެއް ކަމަށާއި، ކަމާގުޅުންހުރި މުއައްސަސާތައް އެ އަމާޒަށް ވާސިލް ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރާކަމަށް އޭނާ ވިދާޅުވިއެވެ.
އާންމު ފަރުދުންގެ ގޭގޭގައި ސޯލާ ޕެނެލް ހަރުކުރުމުގެ މަސައްކަތްތަކާ ގުޅޭގޮތުން މުޣުނީ ވިދާޅުވީ, ސްޓެލްކޯގެ ޕެކޭޖްތަކާއެކު އާއްމުންގެ ދިރިއުޅުމަށް ވަރަށް ފަސޭހަވާނެ ކަމަށާއި، ފަސޭހަކަމާއެކު ސޯލާތައް ހަރުކުރެވޭނެ ކަމަށެވެ.
އަޅުގަނޑުމެންގެ އަމިއްލަ ޕެކޭޖްތަކެއް ވެސް އެބަހުރި، އަޅުގަނޑުމެން ޚިދުމަތް ދޭ ހުރިހާ ތަނެއްގައި ވަރަށް ފަސޭހައިން އާއްމުންނަށް ވެސް އެ ޖަހާލެވޭނެ ގޮތަށް. ކުޑަކުޑަ ޑައުން ޕޭމަންޓެއް ދައްކާލީމަ އެމަހުގެ ބިލުގެ ސޭވިންގ ޕޭބެކް ކުރެވޭ ކަހަލަ ސިސްޓަމެއް އެބައޮތް އަޅުގަނޑުމެންގެ ތެރޭގަ ގާއިމްކޮށްފަ. ބޭސިކަލީ މީގަ މިވާ ގޮތަކީ، ލޯނެއް މި ލިބެނީ ކަސްޓަމަރަށް ސޯލާ ޖަހަން.ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ
ސޯލާ ޕެނަލްތައް ގާއިމްކުރުމުގައި ދިމާވާ ދަތިތަކަށް އިޝާރާތް ކުރައްވައި މުޣުނީ ވިދާޅުވީ ޖާގައިގެ ދަތިކަން ވަރަށް ބޮޑަށް ކުރިމަތިވާ ކަަމަށެވެ. މާލޭގެ އިތުރުން އަތޮޅުތެރޭގެ ރަށްރަށުގައި ޖާގައިގެ ދަތިކަން ކުރިމަތިވާ ކަމަށެވެ. އެގޮތުން މިހާރު ބޮޑަށް މަސައްކަތް ކުރަނީ ފްލޯޓިން ސޯލާ ގާއިމް ކުރުމަށް ކަމަށާއި، އޭގެ ޓެސްޓިން މަރުހަލާ ކުރިއަށްދާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސްޓެލްކޯގެ އިތުރު ޕްރޮޑަކްޓް ރާއްޖޭގެ ބާޒާރަށް ނެރެވޭނެ ކަމަށް އުންމީދުކުރާ ކަމަށް މުޣުނީ ވިދާޅުވިއެވެ.
ތެލަށްކުރާ ޚަރަދު ކުޑަކޮށް އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަކީ މިސަރުކާރުގެ އެއް ސިޔާސަތެވެ. ސްޓެލްކޯއިން އިންސްޓޯލްމަންޓް ސްކީމަކަށް ވިއްކަމުންދާ ސޯލާ ޕެނެލްތައް 25 އަހަރާ 30 އަހަރާ ދެމެދު, އެއްވެސް މައްސަލައެއް ނުޖެހި ބޭނުންކުރެވޭނެއެވެ. ސްޓެލްކޯގެ އިތުރުން މިނިސްޓްރީ އޮފް އެންވަޔަރަންމެންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީއާއި ފެނަކަ ކޯޕަރޭޝަނުން ވެސް ދަނީ އިއާދަކުރަނިވި ހަކަތަ ގާއިމްކުރުމަށް ގިނަ މަސައްކަތްތައް ކުރަމުންނެވެ. މި ސަރުކާރުގެ ރިޔާސީ ދައުރު ނިމޭއިރު، ރާއްޖޭގައި އުފައްދާ ހަކަތައިގެ އެންމެ މަދުވެގެން 26 އިންސައްތަ އިރުގެ އަލިން އުފެއްދޭނެ ކަމަށް ކަމާބެހޭ ފަރާތްތަކުން ވިދާޅުވެއެވެ.