ކ. މާލެ
|
24 ފެބްރުއަރީ 2022 | ބުރާސްފަތި 12:52
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ
Higher Education Ministry
ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް
ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ އިތުރު 11 ކޯސް ހިންގަން ތިން ފަރާތަކާއި ހަވާލުކޮށްފި
ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން ހިމޭނެ

ކޮވިޑްގެ ހާލަތުން ދިވެހިރާއްޖެ އަރައިގަނެ އިގްތިސާދު އަލުން ނެގެހެއްޓުމަށްޓަކައި ޒުވާނުންނަށް ޚާއްސަކޮށްގެން ހިންގަމުންދާ ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސް ޕްރޮގްރާމްގެ ދަށުން ޓެކްނިކަލް އަދި ވޮކޭޝަނަލް ދާއިރާއިން 11 ކޯހަކުން 350 ދަރިވަރުން ތަމްރީނު ކުރުމަށް އަމިއްލަ ތިން ފަރާތަކާއި ހަވާލު ކޮށްފިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީން ބުނީ އެ ތިން ފަރާތަކީ ޒިކުރާ އިންޓަނޭޝަނަލް ކޮލެޖް، މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީ އަދި މޯލްޑިވްސް މެރިޓައިމް އެކަޑެމީ ކަމަށެވެ.

މި ޕްރޮގްރާމުގެ ކޯސްތައް ހިންގަން ކަނޑައަޅާފައިވާ ދާއިރާތަކުގެ ތެރޭގައި ދަނޑުވެރިކަން، އައި.ސީ.ޓީ، ފަތުރުވެރިކަން އަދި އިމާރާތްކުރުމުގެ ދާއިރާއިން ގައުމީ ސަނަދު ލެވެލް III ގެ ކޯސްތައް ހިމެނެއެވެ.

މި ޕްރޮގްރާމަކީ ވާދަވެރި ވަޒީފާގެ ބާޒާރެއް އުފައްދައި ރާއްޖެއިން ބޭރުގެ މަސައްކަތްތެރިންނަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ދިވެހިންނަށް އަމާޒުކޮށްގެން ހިންގާ ޕްރޮގްރާމެކެވެ.

ސްކިލްސް ފޮރ އަ ރެޒެލިއެންޓް ވޯރކްފޯސްގެ ކޯސްތައް ހިންގަން ތިން ފަރާތަކާއި ހަވާލުކުމަށް މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ މީހުން ބިނާ ކުރުމުގެ މަސައްކަތަކީ މި ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށާއި ގައުމު ކުރިއަށްދާނީ ހުނަރުވެރި އަދި ފަންނުވެރި ޖީލެއް ބިނާވެގެން ކަމަށެވެ.

މީގެ އިތުރުން މި ޕްރޮގްރާމްގެ ދަށުން އިތުރު 35 ކޯހެއް ހިންގުމަށް މިނިސްޓްރީން ވަނީ އިއުލާން ކޮށްފައެވެ.

މިނިސްޓަރ ވިދާޅުވީ އެހެން އަހަރުތަކާއި ޚިލާފަށް ވަޒީފާގައި އުޅޭ ފަރާތްތަކަށް ވެސް މިއަހަރުގެ ކޯސްތަކުގައި ބައިވެރިވެވޭނެ ކަމަށެވެ.

2021 ވަނަ އަހަރު 14 ކޯހެއް ހިންގަން އަމިއްލަ 4 ފަރާތަކާއި ހަވާލުކޮށް 565 ދަރިވަރުން ތަމްރީނު ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަގެންދެ އެވެ. އޭގެތެރެއިން މިހާތަނަށް 83 ދަރިވަރުން ވަނީ ދަސްވެނިވެ ޤައުމީ ސަނަދު ހާސިލުކޮށްފައެވެ.

އިއުލާން ކުރި ކޯސްތަކަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާނީ އަންނަ މާޗް މަހުގެ 10 ވަނަ ދުވަހުގެ ނިޔަލަށެވެ.

- ކޮމެންޓް