ކ. މާލެ
|
24 ފެބްރުއަރީ 2022 | ބުރާސްފަތި 06:33
ހަސަން މުޣުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު
ހަސަން މުޣުނީ، ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު
ރާއްޖެއެމްވީ
ސްޓެލްކޯގެ މަސައްކަތްތައް
ކަރަންޓު ކެނޑުމުގެ 70 އިންސައްތަ މިހާރު ވަނީ ހައްލު ކުރެވިފައި: މުޣުނީ
އިންޓަކަނެކްޝަންގެ ޒަރިއްޔާއިން މާލެ ސަރަހައްދުގެ ކަރަންޓު ގުޅާލުމުގެ މައިގަނޑު ބޭނުމަކީ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ނެގުން
އިންޓަކަނެކްޝަންގެ ޒަރިއްޔާއިން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައި

މާލެ ސަރަހައްދުގައި ކަރަންޓު ކެނޑުން ނިސްބަތުން 70 އިންސައްތަ ކުޑަކުރެވިފައިވާކަމަށް ސްޓެލްކޯއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުޣުނީ ވިދާޅުވީ 2013 އިން ފެށިގެން 2018 އަށް މާލެ ސަރަހައްދުގައި ކަރަންޓު ކެނޑިފައިވާ ނިސްބަތާއި އަޅާބަލާއިރު 2019 އިން ފެށިގެން މިހާ ހިސާބަށް ކަރަންޓު ކެނޑުނު މިންވަރު ނިސްބަތުން 70 އިންސައްތަ ދަށްކުރެވިފައިވާ ކަމަށެވެ. އަދި ކަރަންޓު ކެނޑުމުގެ މައްސަލަ ހައްލުކުރުމަށްޓަކައި ކެޕޭސިޓީ އިތުރުކުރުމުގެ އިތުރުންވެސް ވަރަށް ގިނަ ކަންތައްތަކެއް ކުރަންޖެހޭ ކަމަށް މުޣުނީ ވިދާޅުވިއެވެ.

އަދި އިންޓަކަނެކްޝަންގެ ޒަރިއްޔާއިން މާލެ ސަރަހައްދުގެ ކަރަންޓު ގުޅާލުމުގެ މައިގަނޑު ބޭނުމަކީ މީހުން ގިނައިން ދިރިއުޅޭ ސަރަހައްދުތަކުގައި ހުރި އިންޖީނުގެތައް ނެގުން ކަމަށް މުޣުނީ ވިދާޅުވިއެވެ. އެގޮތުން މުޣުނީ ވިދާޅުވީ މާލޭގައި މިހާރު ހުރި އިންޖީނުގެ މުސްތަގުބަލުގައި ބޮޑަށް ބޭނުންކުރަން ވިސްނާފައިވަނީ ބެކަޕް އިންޖީނުގެއެއްގެ ގޮތުގައި ކަމަށެވެ.

އިންޓަކަނެކްޝަންގެ ޒަރިއްޔާއިން މާލެ، ހުޅުލެ އަދި ހުޅުމާލެ ގުޅާލުމުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. އަދި މީގެ ޓެސްޓިން މަސައްކަތްތައްވެސް މިޙާރު ނިމިފައިވާކަމަށް މުޣުނީ ވިދާޅުވިއެވެ. މިއީ އިންޓަކަނެކްޝަންގެ ޒަރިއްޔާއިން ކަރަންޓު ގުޅާލުމުގެ ފުރަތަމަ ފިޔަވަހިކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ ދެވަނަ ފިޔަވަހީގެ ދަށުން ތިލަފުށި، ގުޅީފަޅު، ވިލިނގިލި އަދި މާލެ ގުޅާލުމަށް ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި މަސައްކަތް ނިންމޭނީ ތިލަމާލެ ބްރިޖާއެއްކޮށް ކަމަށް ވިދާޅުވިއެވެ.

މުޣުނީ އިތުރަށް ވިދާޅުވީ މިހާރުވެސް ހުޅުމާލެއިން މާލެއަށް ކަރަންޓު ފޯރުކޮށްދެމުން އަންނަ ކަމަށެވެ. އަދި ހުޅުލެއަށް ކަރަންޓު ދޫކުރަން ޖެހޭނަމަ އެވަރަށް ވެސް ސްޓެލްކޯގައި ކެޕޭސިޓީ އެބަހުރިކަމަށް ވިދާޅުވިއެވެ.

- ކޮމެންޓް