ކ. މާލެ
|
21 ފެބްރުއަރީ 2022 | ހޯމަ 22:00
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް
އިކޮނޮމިކް މިނިސްޓްރީ
ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް
ސަރުކާރުގެ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމުގެ މަސައްކަތް، އަމްބާނީގެ ރިލަޔަންސް ކުންފުންޏަށް
 
ރާއްޖެއާ ގުޅާލުމަށް ހަމަޖެހިފައިވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް ކޭބަލް
 
ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށް

ސަރުކާރުން އަަޅާ ފުރަތަމަ ސަބްމެރިން ކޭބަލް އެޅުމަށް އިންޑިއާގެ އެންމެ މުއްސަނދި މީހާ، މުކޭޝް އަމްބާނީގެ ރިލަޔަންސް ޖިއޯ ކުންފުންޏާއެކު ސޮއިކޮށްފިއެވެ.

ކްރޮސްރޯޑް މޯލްޑިވްސްގައި އޮތް ރަސްމިއްޔާތުގައި މިއެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކޮށްފައިވަނީ ސަރުކާރުގެ 100 އިންސައްތަ ހިއްސާ އޮންނަ މޯލްޑިވްސް ފަންޑް މެނޭޖްމަންޓް ކޯޕަރޭޝަންގެ ސަބްސިޑަރީ ކުންފުންޏެއްކަމަށްވާ އޯޝަން ކަނެކްޓް މޯލްޑިވްސްގެ ޗެއަރޕަރސަން ރިޔާޒް މަންސޫރުއެވެ. އަދި ރިލަޔަންސް ޖިއޯ ކުންފުނީގެ ފަރާތުން ސޮއިކޮށްފައިވަނީ ކުންފުނީގެ ރައީސް އަދި ބޯޑު މެންބަރު މެތިއު އޫމަންއެވެ. ސަރުކާރުން މި ކޭބަލް އަޅަނީ ރާއްޖޭގައި އިންޓަނެޓްގެ އަގުހެޔޮކޮށް އަވަސް އިންޓަނެޓްގެ ޚިދުމަތެއް މުޅި ރާއްޖެއަށް ފޯރުކޮށްދިނުމަށެވެ.

ރާއްޖެއާ ގުޅާލުމަށް ހަމަޖެހިފައި ވަނީ ރިލަޔަންސް ކުންފުނިން އަޅާ އިންޑިއާ-އޭޝިއާ އެކްސްޕްރެސް (އައިއޭއެކްސް) ކޭބަލެވެ. މިއީ އިންޑިއާގެ މުމްބާއީން ފެށިގެން ސިންގަޕޫރާ ހަމައަށް އަޅާ ކޭބަލެކެވެ.

މީގެ އިތުރުން ވެސް އެ ކުންފުނިން އަންނަނީ އިންޑިއާ-ޔޫރަޕް އެކްސްޕްރެސް ކޭބަލްގެ ނަމުގައި ވެސް ކޭބަލެއް ގާއިމު ކުރަމުންނެވެ. މިއީ ޔޫރަޕުގެ ގިނަ ގައުމުތަކާއި އިންޑިއާ ގުޅާލާނެ ކޭބަލެކެވެ.

2020 ވަނަ އަހަރު އިިއުލާނުކުރި މި ކޭބަލް ނިންމާލެވޭނެކަމަށް ލަފާކުރެވެނީ އަންނަ އަހަރެވެ.

ރިލަޔަންސް ޖިއޯއަކީ އިންޑިއާގައި އިންޓަނެޓުގެ ޚިދުމަތްދޭ ކުންފުނިތަކުގެ ތެރެއިން އެންމެ ބޮޑު ކުންފުންޏެވެ. އަދި އޭޝިއާގެ އެންމެ މުއްސަނދި މީހުންގެ ތެރޭގައި ހިމެނޭ މުކޭޝް އަމްބާނީގެ ޕޯޓްފޯލިއޯގައި ހިމެނޭ އެންމެ ފާހަގަކޮށްލެވޭ އެއް ކުންފުނި ވެސް މެއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އިކޮނޮމިކް މިނިސްޓަރ ފައްޔާޒު އިސްމާއީލް ވިދާޅުވީ، މި މަސައްކަތަކީ ރާއްޖޭގެ އިގުތިސާދު ސިންދަފާތުކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތުގެ ދަށުން އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށެވެ. މިއާއެކު މުޅި ރާއްޖެއަށް ހަލުވި އަދި އަވަސް ސްޕީޑްގެ އިންޓަނެޓްގެ ޚިދުމަތެއް ލިބިގެންދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މެތިއު ވިދާޅުވީ، މިއީ ރާއްޖެއަށްވެސް އަދި މުޅި މި ސަރަހައްދަށްވެސް ވަރަށް މުހިންމު ދުވަހެއްކަމަށެވެ. ރާއްޖެއަކީ އިންޑިއާގެ ގާތް ރަހުމަތްތެރިއެއްގެ ގޮތުގައި އޮތްއިރު ޖިއޯ ކުންފުނިންވެސް މި ރަހުމަތްތެރިކަން ދެމެހެއްޓުމަށް މަސައްކަތް ކުރަންޖެހޭކަން ގަބޫލުކުރައްވާކަމަށް އޭނާ ވިދާޅުވިއެވެ. މި އެއްބަސްވުމާއިއެކު އެއް އަޒުމެއްގައި ޖިއޯ ކުންފުންޏާއި އަދި ދިވެހި ސަރުކާރާއެކު ޑިޖިޓަލް ޓެކްނޮލޮޖީ ކުރިއެރުވުމަށް މަސައްކަތްކުރާނެ ކަމަށާއި, މި ކޭބަލްގެ ސަބަބުން ރާއްޖެއާ މި ސަރަހައްދުގެ އެހެން ގައުމުތަކާ ގުޅި ލާމެހިގެންދާނެކަމަށް މެތިއު ވިދާޅުވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
50%
0%
50%
0%
0%
ކޮމެންޓް