ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި އުމުރުން ދުވަސްވީ 2 މީހުންނާއި ދެކޮޅަށް ހެކި އެބަހުރިކަމަށް ކްރިމިނަލް ކޯޓުން ބުނެފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ހ. ސީސްޕީޑް މުޙައްމަދު ވަޙީދު (65) އާއި، ސ ހުޅުދޫ ރޯޝަނީމާގޭ މޫސާ ފަތުޙީ (55) އެވެ. އެ ދެމީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފައިވަނީ އެ ދެމީހުންގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެކި ޤަރީނާ ހުށައަޅާފައިވާތީއެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބާރުދޭކަމަށް ވަނީ ބުނެފައެވެ. އެ ދެމީހުން ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތުމުންކަމަށް މި މައްސަލައިގައި މީގެ ކުރިންވެސް ގާޒީ ނިންމެވިއެވެ.
މި މައްސަލައިގައި ހޮނިހިރު ދުވަހު ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައި ވިދާޅުވެފައިވަނީ، ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުގެ އިތުރުން، މޯބައިލް ފޯން އެކްސްޓްރެކްޝަން ރިޕޯޓުންވެސް އަނިޔާލިބުނު ފަރާތްތައް ރާއްޖެ ގެނައުމާއި، ހިއުމަން ޓްރެފިކިންގ ގެ އަމަލު ހިންގުމުގައި މުޙައްމަދު ވަޙީދު ބައިވެރިވެފައިވާކަމަށް ތުހުމަތު ކުރެވޭ ކަމަށެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އަދި މި މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މީގެއިތުރުން، މި މައްސަލައިގައި ހިމެނޭ މުޙައްމަދު ވަހީދު ވަނީ އޭނާއަކީ އުމުރުން ދުވަސްވެފައިވާ މީހަކަށް ވާތީ އެކަމަށް ރިއާޔަތް ކޮށްދެއްވުމަށް އެދިފައެވެ. އަދި އުމުރުން ދުވަސްވުމުގެ ސަބަބުން ބަލި ކަމަށާއި، އޭނާގެ އާއިލާ ބަލަންޖެހޭ ފަރާތް ކަމަށްވާތީ ޝަރުތުތަކާއެކު ދޫކޮށްލުމަށްވެސް އެދިފައިވެއެވެ. ނަމަވެސް އޭނާ މިހާރުވެސް ކުށުގެ ޝިކާރައަށްވީ ފަރާތަށް ބިރު ދައްކައި ނުފޫޒު ފޯރުވަމުންދާކަމަށް ފުލުހުން ވަނީ ފާހަގަކޮށްފައެވެ. އޭނާއަކީ އެބާވަތުގެ މައްސަލައިގެ ކުށުގެ ރެކޯޑުވެސް އޮންނަ މީހެކެވެ.
މުޙައްމަދު ވަޙީދުގެ އިތުރުން ދެން މި މައްސަލައިގައި ހިމެނޭ މޫސާ ފަތުޙީ ވަނީ މިއީ ރަހުމަތްތެރިއަކު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާކަމަށް މީގެ ކުރިން ގާޒީ ވިދާޅުވެފައިވެއެވެ.
ހޮނިހިރު ދުވަހު ގާޒީ އަލީ ނަދީމް ނެރުއްވި އަމުރުގައިވެސް ވަނީ އަނިޔާ ލިބުނު ފަރާތަކުގެ ބަޔާނަށް ބަލާއިރު މޫސާ ފަތުހީގެ މައްޗަށްވެސް ތުހުމަތު ކުރެވޭވަރަށް އެކަށީގެންވާ ހެކި އެބަހުރި ކަމަށެވެ.