ކ. މާލެ
|
19 ފެބްރުއަރީ 2022 | ހޮނިހިރު 22:48
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
ސަވާދީއްތަ ދަތުރު
ރާއްޖޭގައި ސެއިލް ޓޫރިޒަމް ފުޅާވެގެންދާނެ: ރާއިދު
މި ދަތުރު ސިލްސިލާކޮށް ކުރިއަށްގެންދާނެ
ޔޮޓުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް ބަނދަރުމަތިން ފޯރުކޮށްދެވުން މުހިންމު

ސެއިލް ޓޫރިޒަމް ރާއްޖޭގައި ފުޅާކޮށް ކުރިއަށްގެންދެވޭނެކަން މި ދަތުރުން ހާމަވެފައިވާކަމަށް މޯލްޑިވްސް އިންޓެގްރޭޓަޑް ޓުއަރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ)ގެ މެނޭޖިން ޑިރެކްޓަރ މުހައްމަދު ރާއިދު ވިދާޅުވެއްޖެއެވެ.

ސަވާދީއްތަ ދަތުރު އިންތިޒާމު ކުރަނީ އެމްއައިޓީޑީސީންނެވެ. ސަވާދީއްތަ ދަތުރާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަވަމުން ރާއިދު ވިދާޅުވީ, މި ދަތުރު ފަށާފައިވަނީ އެއް ފަހަރު ކުރިއަށްގެންގޮސްފައި ހުއްޓާލާ ގޮތަކަށް ނޫން ކަމަށާއި, ސިލްސިލާ ގޮތެއްގައި ކޮންމެ އަހަރަކުވެސް ބޭއްވުމުގެ މަގުސަދުގައި ކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު ވިދާޅުވީ މި ދަތުރަކީ މިހާރު ދުނިޔެއިން ބަލައިގެންފައިވާ ދަތުރެއް ކަމަށެވެ. މި ދަތުރު ކުރިއަށްދިޔަ ގޮތް ދުބާއީގެ އޮފިޝަލް ސެއިލް ކްލަބުން ވަރަށް ފުރިހަމައަށް ބަލައި، މޮނިޓަރ ކޮށްފައިވާކަމަށެވެ. އަދި ސެއިލް ޓޫރިޒަމަކީ ރާއްޖޭގައި ފުޅާކޮށް ކުރެވޭނެ ކަމެއް ކަން މި ދަތުރުން ހާމަވެފައިވާކަމަށާއި, އަދި ސެއިލް ކޮމިއުނިޓީއަށް ބޭނުންވާ ވަސީލަތްތައް ރާއްޖޭގައި ގާއިމްކުރެވިއްޖެނަމަ މިކަން ދުނިޔޭގެ ގަދަ 3 ގައި ހިމެނިގެންދާނެކަން ސެއިލް ޒަޓާރާއިންވެސް ފާހަގަކޮށްފައިވާކަމަށް ރާއިދު ވިދާޅުވިއެވެ.

ރާއިދު އިތުރަށް ވިދާޅުވީ ސެއިލް ޓޫރިޒަމް ރާއްޖެއިން ފޮހެވިގެން ނުދާނެ ކަމަށެވެ. ރާއްޖޭގެ ފަތުރުވެރިކަން ވަރަށް ކުޑަކޮށް ފެށިގެން އައި ގޮތަށް މިކަންވެސް ފެށިގެން މިދަނީ ވަރަށް ކުޑަކޮށް ކަމަށެވެ. ޔޮޓުތަކަށް ބަނދަރުކުރެވޭނެ ބަނދަރުތައް ރާއްޖޭގައި މިހާރުވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވިއެވެ.

މިކަން ކުރިއަރާނީ ޔޮޓުތަކަށް ބޭނުންވާ އަސާސީ ޚިދުމަތްތައް އެ ބަނދަރުތަކުން ފޯރުކޮށްދެވިގެން ކަމަށް ރާއިދު ވިދާޅުވިއެވެ. ފެނާއި ކަރަންޓު ފަދަ އަސާސީ ކަންކަން ޔޮޓުތަކަށް ބޭނުންވާކަމަށާއި, މިކަންކަން އެމީހުންނަށް އެކަށޭނަ ސަރަހައްދުތަކެއްގައި ހަމަޖެހުމުން ސެއިލް ކޮމްޕޯނަންޓް ރާއްޖޭގައި ވަރުގަދަވެގެންދާނެ ކަމަށް ރާއިދު ވިދާޅުވިއެވެ.

- ކޮމެންޓް