ފެލިވަރުގައި އައު ކޯލްޑް ސްޓޯރޭޖް އަޅާ ސަރަހައްދު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ބައްލަވާލައްވައިފިއެވެ.
ހޮނިހިރު ދުވަހު ރައީސް ފެލިވަރަށް ވަޑައިގެންނެވުމުން ރައީސް އަށް މަރުހަބާ ދެންނެވުމަށްޓަކައި ފެލިވަރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވަނީ އެއްވެފައެވެ. އަދި އެ ރަށުން ވެސް އެމަނިކުފާނަށް ހޫނު މަރުހަބާއެއް ވަނީ ދަންނަވާފައެވެ.
ފެލިވަރު، ކޫއްޑޫ އަދި ކަނޑުއޮތްގިރީގެ ކޯލްޑް ސްޓޯރޭޖްގެ ކެޕޭސިޓީއަށް 8200 މެޓްރިކް ޓަނު އިތުރު ކުރުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. އެ ތިން ތަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ އިތުރުކޮށް ނިމުމުން، މިފްކޯއަށް ދުވާލަކަށް މަސް ގަނެވޭ މިންވަރު 61 ޕަސެންޓު އިތުރުވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވެފައިވެއެވެ.
ރައީސް ޅ. އަތޮޅަށް ކުރައްވަމުން މި ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިހާތަނަށް ވަނީ ޅ. މަޑިވަރަށް ވަޑައިގެން އެއަރޕޯޓް ރަސްމީކޮށް ހުޅުއްވައިދެއްވާފައެވެ. އަދި ޅ. ހިންނަވަރަށް ވެސް ވަޑައިގެންފައިވާއިރު އެމަނިކުފާނުގެ މި ދަތުރުފުޅުގެ ތެރެއިން ޖުމްލަ ހަ ރަށަކަށް ވަޑައިގަންނަވާނެއެވެ.
މި ދަތުރުފުޅުގައި މި ރަށްރަށުގެ ބައެއް މުއައްސަސާތަކަށް ޒިޔާރަތްކުރެއްވުމާއި ކައުންސިލުތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީތަކާއި އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމާއި އަދި ރަށްރަށުގައި ސަރުކާރުން ކުރިޔަށްގެންދާ ތަރައްޤީގެ މަޝްރޫޢުތައް ކުރިޔަށްދާގޮތް ބައްލަވާލެއްވުން ހިމެނެއެވެ.
މި ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް އިސްވެރިން ބައިވެރިވެވަޑައިގަންނަވައެވެ.
ރައީސުލްޖުމްހޫރިއްޔާ ޅ އަތޮޅުގެ ބައެއް ރަށްރަށަށް ކުރައްވާ މި ދަތުފުޅު ނިންމަވާ ލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 20 ވަނަ ދުވަހުއެވެ.