ކ. މާލެ
|
4 ފެބްރުއަރީ 2025 | އަންގާރަ 14:46
 މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
މިފްކޯއިން ހިންގާ ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސް
ވަގުތު.އެމްވީ
ފެލިވަރު މަސްދަޅު
މިފްކޯ މަސްފިހާރައިން 180 ގުރާމުގެ ތެޔޮމަސްދަޅު ހުސްވެއްޖެ
180 ގްރާމުގެ މަސްދަޅު ހުރީ މިފްކޯ މަސްފިހާރައިން ހުސްވެފައި
މިވަގުތު ލިބެން ހުރީ 140 ގްރާމް "އަގުހެޔޮ" މަސްދަޅުކޭސް އެކަނި
މާދަމާގެ ވަގުތެއްގައި މަސްދަޅު ކޭސް ލިބޭނެ ކަމަށް ލަފާކުރި

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އިން އުފައްދާ 180 ގުރާމުގެ ތެޔޮމަސް ދަޅު އެ ކުންފުނީގެ މަސް ފިހާރައިން ހުސްވެއްޖެ އެވެ.

މިފްކޯއިން 180ގުރާމުގެ ތެޔޮމަސްދަޅު ކޭސް އަންގާރަ ދުވަހު ހުސްވެފައިވާއިރު، އަދި މި ކަމުގެ ޝަކުވާ ގިނަބަޔަކު ކުރަމުން އަންނައިރު، ރާއްޖެ އެމްވީން އެކަމުގެ ހަގީގަތް ހޯދުމަށް ކުރި މަސައްކަތަުން މިފްކޯ މަސް ފިހާރައިން 180 ގްރާމުގެ މަސްދަޅު ކޭސް މިވަގުތު ހުރީ ހުސްވެފައިވާކަން ވަނީ ކަށަވަރުވެފައެވެ. އަދި މިވަގުތު ލިބެން ހުރީ މިފްކޯއިން 40 ގްރާމް މަދުން އުފައްދާފައިވާ 140 ގްރާމުގެ އަގުހެޔޮ މަސްދަޅު އެކަންޏެވެ.

މިފްކޯ މަސްފިހާރައިން ބުނީ މަސްދަޅުކޭސް މިވަގުތު ހުސްވެފައި ވީނަމަވެސް މިހާރު ފެލިވަރުން އެ ގެންނަން މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން މާދަމާދެ ވަގުތެއްގައި މަސްދަޅު ކޭސްތައް ލިބޭވާރުވާނެ ކަމަށް ލަފާކުރެވޭ ކަމަށް ވެސް އެ ފިހާރައިން ބުނެފައިވެއެވެ.

އަންނަ ރަމަޟާން މަހު ކޮންމެ ގޭބިސީއަކަށް 180 ގްރާމުގެ 48 ދަޅުގެ މަސްކޭހެއް ދިނުމަށް ތައްޔާރުވަމުން އަންނަކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

މިރަމަޟާން މަހު ރާއްޖޭގެ ކޮންމެ ގޭބިސީއަކަށް މަސްދަޅު ކޭހެއް ހަދިޔާ ކުރައްވާނެ ކަމަށް މީގެކުރިން ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާއިރު، މިފްކޯއިން ބުނެފައިވަނީ މިކަމަށްޓަކައި އެ ކުންފުނިންވެސް ތައްޔާރުވަމުންދާކަމަށެވެ.

މިގޮތުން އޭރު ބުނެފައިވަނީ ކުރިއަށް އޮތް ރަމަޟާން މަހު ކޮންމެ ގޭބީސީއަކަށް ދިނުމަށް ހަމަޖެހިފައިވަނީ 48 ދަޅުގެ މަސްކޭހެއް ކަމަށާއި، މިފްކޯއިން ކޮންމެ ރަމަޟާން މަހަކަށް ލައްކައަކާ ގާތްކުރާ އަދަދަކަށް މަސްދަޅު އުފައްދާއިރު، ރައީސް ޑރ.މުޢިއްޒުގެ މިވައުދުފުޅާއެކު، އިތުރު މަސްދަޅު އުފެއްދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

މިއީ  އެސްޓީއޯއާ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއްކަން ފާހަގަކޮށް މިފްކޯއިން ބުނީ، މަސްދަޅުތައް ތައްޔާރުކޮށް ނިމުމުން ގޭބީސީތަކަށް މަސްދަޅު ކޭސް ދޫކުރާނެގޮތްތައް ރާވަމުން އަންނަކަމަށެވެ.

ސަރުކާރުން ކަނޑައަޅާފައިވާ ގޮތައް ކޮންމެ ގޭބިސީ އަކަށް މަސްދަޅު ކޭސް ބަހާނަމަ 82،000 ގޭބިސީއަށް 62.9 މިލިޔަން ރުފިޔާގެ މަސްދަޅު ބަހަން ޖެހޭނެއެވެ.

- ކޮމެންޓް