ޔުއެފާ ޔޫރޮޕާ ލީގުގެ ދެވަނަ ބުރުގެ ފުރަތަމަ ލެގުގައި ބާސެލޯނާ އާއި ނާޕޮލީ ބައްދަލުކުރި މެޗު އެއްވަރުވެގެން ނިމިއްޖެއެވެ.
އަމިއްލަ ރަށުގައި ބާސާއިން ކުޅުނު މި މެޗު އެއްވަރުވީ 1-1 ގެ ނަތީޖާއަކުންނެވެ.
އެކާވީސް އަހަރުތެރޭގައި ބާސާއިން ފުރަތަމަ ފަހަރަށް މި ސީޒަނުގައި ޗެމްޕިއަންސް ލީގުގެ ގްރޫޕް ސްޓޭޖުން ވަނީ ކަޓާފައެވެ. ބާސާއިން ޔޫރޮޕާ ލީގު ކުޅެން ޖެހުނީ ޗެމްޕިއަންސް ލީގުގައި ބާސާ ކުޅުނު ގްރޫޕްގެ ތިންވަނައަށް ދިޔުމުންނެވެ. މިއީ 2004 ވަނަ އަހަރަށް ފަހު ބާސާއިން ޔޫރޮޕާ ލީގު ކުޅޭ ފުރަތަމަ ފަހަރެވެ.
މި މެޗު ފަށައިގެން ނާޕޮލީން ވަނީ ބާސާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދާފައެވެ. އެގޮތުން ނާޕޮލީގެ ނައިޖީރިއާގެ ފޯވާޑް ވިކްޓަ އޮސިމްހެއިން ޖެހި ބޯޅަ ބާސާގެ ކީޕަރު ޓާ ސްޓެގެން ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.
އޭގެ ފަހުން ބާސާގެ ޕިއޭ އެމެރިކް އޮބާމަޔަން އާއި ފެރާން ޓޮރޭޒަށް ލިބުނު ފުރުސަތުތަކުގެ ބޭނުން ހިފިފައެއް ނުވެއެވެ. އޭގެ ފަހުން މެޗުގެ 29 ވަނަ މިނެޓުގައި ނާޕޮލީން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މި ލަނޑު ނާޕޮލީއަށް ކާމިޔާބު ކޮށްދިނީ ޒިއެލިންސްކީއެވެ.
ދެވަނަ ހާފުގެ ކުރީ ކޮޅު ބާސާއިން ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ ހަމަހަމަކޮށްފައެވެ. މި ލަނޑު ބާސާއަށް ކާމިޔާބު ކޮށްދިނީ ފެރަން ޓޮރޭޒްއެވެ. މިއީ ނާޕޮލީގެ ހުއާން ޖީސުސް އަތުގައި އޭރިއާ ތެރެއިން ބޯޅަ ޖެހުމުން ވީޑިއޯ އެސިސްޓެންޓް ރެފްރީ ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.
ޔޫރޮޕާ ލީގުގައި ރޭ ކުޅުނު ފާހަގަކޮށްލެވޭ އެހެން މެޗުތަކަށް ބަލާއިރު، ބޮރޫޝިއާ ޑޯޓްމަންޑް ދަނޑުގައި ރޭންޖާސް ވަނީ 4-2 އިން މޮޅުވެފަ އެވެ. ޒެނިޓް ދަނޑުގައި 3-2 އިން ރެއާލް ބެޓިސް މޮޅުވިއިރު، އެޓަލަންޓާ އިން ވަނީ 2-1 އިން އޮލިމްޕިއާކޯސްގެ މައްޗަށް ކުރިހޯދައިފައެވެ.