ޔުއެފާ ޔޫރޮޕާ ލީގުގެ ފައިނަލްގައި ބަޔާ ލެވަކޫސަނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ، އެޓަލަންޓާ އިން މުބާރާތުގެ ތަށި ފުރަތަމަ ފަހަރަށް އުފުލާލައިފި އެވެ.
ބުދަ ދުވަހުގެ ރޭ އޮތް ފައިނަލަށް ކުރިމަތިލީއިރު، އެންމެ ފޯމުގައި އޮތް ޓީމަކީ ލެވަކޫސަން އެވެ. އެ ޓީމުން މި ސީޒަންގެ އެހާތަނަށް ކުޅުނު އެއްވެސް މެޗަކުން ބަލިވެފައެއް ނުވެ އެވެ. އެހެންކަމުން މިއީ މި ސީޒަންގައި ލެވަކޫސަންގެ ފުރަތަމަ ބައްޔެވެ. އަނެއްކޮޅުން މިއީ 61 އަަހަރު ފަހުން އެޓަލަންޓާ އިން ކާމިޔާބު ކުރި ފުރަތަމަ ތައްޓެވެ.
އެޓަލަންޓާ އިން މެޗު ކާމިޔާބު ކުރީ 3-0 އިންނެވެ. މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ދެ ލަނޑު ޖެހިއިރު، އަނެއް ލަނޑު ޖެހީ ފަހު ހާފުގަ އެވެ. މެޗުގައި އެޓަލަންޓާގެ ތިން ލަނޑު ވެސް ޖެހީ ނައިޖީރިއާގެ އަޑެމޯލާ ލުކްމަން އެވެ. ތިން ލަނޑުން އޭނާ ވަނީ މެޗުގައި ހެޓްރިކް ހަމަކޮށްފަ އެވެ. އޭނާ ލަނޑުތައް ޖެހީ މެޗުގެ 12 ވަނަ މިނެޓު، 26 ވަނަ މިނެޓު އަދި 75 ވަނަ މިނެޓުގަ އެވެ.
ޔޫރޮޕާ ލީގުގެ ފައިނަލުން ބަލިވުމާއެކު، ލެވަކޫސަނަށް މި ސީޒަންގައި ތިން ތަށި ހޯދެން އޮތް ފުރުސަތު ވަނީ ގެއްލިފަ އެވެ. އެ ޓީމުން މި ސީޒަންގެ ޖަރުމަނު ލީގު ކާމިޔާބު ކޮށްފައިވާއިރު، ބާކީ އަދި އެއް ފައިނަލް އެބަ އޮތެވެ. އެއީ ހޮނިހިރު ދުވަހު އޮންނަ ޖަރުމަނު ކަޕްގެ ފައިނަލް އެވެ. އެ ފައިނަލްގައި އެ ޓީމު ނުކުންނާނީ ކައިސަސްލައުޓެންއާ ދެކޮޅަށެވެ.