ޔޫރޮޕާ ލީގުގެ ކުއާޓާ ފައިނަލުގައި ރޭ އެންމެ ގިނަ ބަޔަކު އަޅައިގަތީ ފްރާންސްގެ ލިއްލެއާ ދެކޮޅަށް ކުޅުނު މެޗުގައި އެސްޓަން ވިލާގެ ގޯލްކީޕަރު އެމިލިއާނޯ މާޓިނޭޒަށް ދެއްކި ދެ ރީނދޫ ކާޑާއި ސޭވްކުރި ޕެނަލްޓީ ތަކަށެވެ.
އެންމެ ފަހުގެ ވޯލްޑްކަޕުގައި މޮޅަށް ކުޅެ، އާޖެންޓީނާ އަށް ތަށި ހޯދައިދިން ކީޕަރަށް މެޗުގެ ކުޅުމުގެ ވަގުތުގައި ވަގުތު ބޭކާރު ކުރާތީވެ ރީނދޫ ކާޑެއް ދެއްކި އެވެ. އޭނާ އަށް ދެ ވަނަ ރީނދޫ ކާޑު ދެއްކީ ދެ ޓީމު 3-3އިން އެއްވަރުވުމުން މޮޅުވާ ޓީމެއް ބަލަން ނަތީޖާ ކަނޑައަޅަން ޕެނަލްޓީ ޖަހަން އުޅުމުގެ ތެރޭގައި އެވެ.
ދެ ރީނދޫ ކާޑު ހަމަވި ނަމަވެސް ރެފްރީ އޭނާ އަށް ޕެނަލްޓީ ޖެހުމުގައި ބައިވެރިވުމުގެ ފުރުސަތު ދިނެވެ. އެއީ ފުޓްބޯޅަ ގަވާއިދުގެ 10 ވަނަ މާއްދާގެ ދަށުން އިތުރު ވަގުތުގައި ދައްކާ ކާޑުތައް ޕެނަލްޓީ ޖަހަންދާއިރު ނުގުނާތީ އެވެ.
މެޗަށް ފަހު ވާހަކަ ދައްކަމުން މާޓިނޭޒް ބުނީ ވަގުތު ބޭކާރުކުރާ ކަމަށް ބުނެ އޭނާއާ މެދު އަބަދުވެސް ޕެނަލްޓީ ޖަހާއިރު ގޯސް ތަސައްވުރެއް އުފެދިފައި އޮންނަނީ ޓީމު މޮޅުކޮށްދޭން އުޅޭތީ ކަމަށެވެ.
30 މިނެޓު ކުޅެވުނު ފަހުން އަހަރެންނަށް ރީނދޫ ކާޑެއް ދެއްކި. އެއިރު އަހަރުމެން ދަނީ މެޗުން ބަލިވަމުން. ދެން އަހަރެންނަކަށް ނޭނގެ ރެފްރީ އަހަރެންގެ ކިބައިން ބޭނުންވަނީ ކޮންކަމެއްކަމެއް. ޕެނަލްޓީ ޖަހަންދިޔައިރު ބޯޅައެއްނެތް. އަހަރެން ބޯލްބޯއީ ގާތު ބުނީ ބޯޅަދޭށޭ. އެކަމާހެދި ދެ ވަނަ ރީނދޫ ކާޑު ދެއްކީ. އަހަރެންނަށް މިކަން މިހިނގާ ގޮތެއް ނުވިސްނޭ. އަހަރެންނަކަށް ގަވާއިދެއް ވެސް ނޭނގެމާޓިނޭޒް
އޭނާ ބުނީ ޗެމްޕިއަންސް ލީގުގައި ބުރާސްފަތި ދުވަހުގެރޭ ރެއާލް މެޑްރިޑާއި މެންޗެސްޓާ ސިޓީ ޕެނަލްޓީ ޖަހަން ޖެހުމުން މި މެޗުގައި ވެސް އެފަދަ ގޮތެއް ވެދާނެ ކަމަށް އޭނާ ވިސްނަމުން ދިޔަ ކަމަށެވެ.
މާޓިނޭޒަކީ ފްރާންސްގެ ސަޕޯޓަރުން އެހާ ގަޔާވާ ކީޕަރެއްނޫނެވެ. އެއީ 2022ގެ ވޯލްޑްކަޕުގައި ފްރާންސް ބަލިވީ ވެސް އޭނާގެ ޕެނަލްޓީތަކުގެ ސަބަބުންނެވެ. އެ ފައިނަލް މެޗުގެ ޝޫޓްއައުޓްގައި ވެސް އޭނާ އަށް ރީނދޫ ކާޑެއް ދެއްކި އެވެ. މާޓިނޭޒް ބުނީ ރޭ ފްރާންސްގެ ޓީމެއްގެ ސަޕޯޓަރުންގެ އަނގަ ބަންދުކޮށްލެވުމުން އުފާކުރާ ކަމަށެވެ.