ދުނިޔޭގެ ފުޓުބޯޅައިގެ މައި އިދާރާ (ފީފާ) އިން ހޮވާ އަހަރުގެ އެންމެ މޮޅު ގޯލު ކީޕަރަކަށް އާޖެންޓީނާގެ އެމިލިއާނޯ މާޓިނޭޒް ހޮވުނުއިރު، އެންމެ މޮޅު ކޯޗަކަށް ރެއާލް މެޑްރިޑުގެ ކާލޯ އަންޗެލޮޓީ ހޮވިއްޖެ އެވެ.
ޤަތަރުގެ ވެރި ރަށް ދޯހާގައި އަންގާރަ ދުވަހުގެ ރޭ އޮތް އެވޯޑު ހަފުލާގައި މާޓިނޭޒް އަށް އެންމެ މޮޅު ކީޕަރުގެ އެވޯޑު ލިބުނުއިރު، މިއީ ތިން އަހަރުގެ ތެރޭގައި މާޓިނޭޒް މި އެވޯޑު ހޯދި ދެ ވަނަ ފަހަރެވެ. އެންމެ ފުރަތަމަ މާޓިޏޭޒް އަށް މި އެވޯޑު ލިބުނީ 2022 ވަނަ އަހަރު އެވެ. އޭގެ ފަހުން މިދިޔަ އަހަރު މި އެވޯޑު ބްރެޒިލްގެ އެޑާސަން ހޯދިއިރު، މިއަހަރު އަނެއްކާ ވެސް މާޓިނޭޒް މި ވަނީ އެ އެވޯޑު ހޯދައިފަ އެވެ.
އެންމެ މޮޅު ކީޕަރަކަށް މާޓިނޭޒް ހޮވުނުއިރު، އާޖެންޓީނާ އިން މިއަހަރު އެމެރިކާގައި ކުރިއަށް ދިޔަ ދެކުނު އެމެރިކާ ސަރަހައްދުގެ ފުޓުބޯޅަ މުބާރާތް (ކޮޕާ އެމެރިކާ) ކާމިޔާބު ކުރުމުގައި އޭނާގެ ދައުރު ވަރަށް ބޮޑެވެ. އެ މުބާރާތުގެ އެންމެ މޮޅު ކީޕަރަކަށް ހޮވުނީ ވެސް މާޓީނޭޒް އެވެ.
މިއަހަރުގެ އެންމެ މޮޅު ކޯޗަކަށް ރެއާލަށް އިރުޝާދު ދެމުން އަންނަ އަންޗެލޮޓީ ހޮވުނުއިރު، އޭނާ ވަނީ ރެއާލާ އެކު ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. މީގެ ކުރިން ދެ ފަހަރެއްގެ މަތިން އަންޗެލޮޓީ ވަނީ އެންމެ މޮޅު ކޯޗުގެ އެވޯޑަށް ނޮމިނޭޓުވެފަ އެވެ. އެންމެ މޮޅު ކޯޗުގެ އެވޯޑަށް ދެން ވާދަކުރަނީ ބަޔާ ލެވަކޫސަން އަށް އިރުޝާދު ދެމުން އަންނަ ޒަބީ އަލޮންސޯ އަދި މެންޗެސްޓަރ ސިޓީ އަށް އިރުޝާދު ދެމުން އަންނަ ޕެޕް ގާޑިއޯލާ އެވެ. މިއަހަރުގެ އެންމެ މޮޅު އަންހެން ކޯޗަކަށް ހޮވުނީ އެމެރިކާ ޤައުމީ ޓީމަށް އިރުޝާދު ދެމުން އަންނަ އެމާ ހަޔެސް އެވެ.
މިއަހަރުގެ އެންމެ މޮޅު ގޯލަށް ދެމުން އަންނަ އެވޯޑު ލިބުނީ މެންޗެސްޓަރ ޔުނައިޓެޑަށް ކުޅެމުން އަންނަ އާޖެންޓީނާގެ އަލެހަންދްރޯ ގާނާޗޯ، އެވަޓަން ކޮޅަށް ޖެހި ލަނޑަށެވެ.