ކ. މާލެ
|
17 ފެބްރުއަރީ 2022 | ބުރާސްފަތި 23:31
މާރިޔާ އަހުމަދު ދީދީ - ޑިފެންސް މިނިސްޓަރ
މާރިޔާ އަހުމަދު ދީދީ - ޑިފެންސް މިނިސްޓަރ
ރައްޔިތުންގެ މަޖިލިސް
241 ކޮމިޓީގެ ބައްދަލުވުން
އިންޑިއާ އައުޓް ހަރަކާތަކީ، މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން - މާރިޔާ
ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް ސޯލިހުގެ ސަރުކާރުން ކޮށްފައެއްނުވާނެ
"އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއް
މިކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލިގެންދާނެ

"އިންޑިޔާ އައުޓް"ގެ ނަމުގައި ކުރީގެ ރައީސް ޔާމީން އެހިންގަވާ ކެމްޕޭނަކީ، ދިވެހިރާއްޖޭގެ ސަލާމަތާއި ރާއްޖޭގައި ދިރިއުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ސަލާމަތާއި ރައްކާތެރިކަމަށް ގެއްލުންވާގޮތަށް މިފަހުގެ ތާރީޚުގައި ހިންގާތީ ފެނުނު އެންމެ ނުރައްކާތެރި ކެމްޕޭން ކަމަށް، މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޛާ މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ މާރިޔާ މިހެން ވިދާޅުވީ، "އިންޑިއާ އައުޓް"ގެ ނަމުގައި ރައީސް ޔާމީން ހިންގަވާ ކެމްޕޭނާ ގުޅޭގޮތުން މަައުލޫމާތު ދެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ޚިދުމަތްތަކާބެހޭ (241) ކޮމިޓީގެ އެދިވަޑައިގަތުމަށް، ކޮމިޓީން ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

މިނިސްޓަރ މާރިޔާ ވިދާޅުވީ، މިކެމްޕޭނުގެ ސަބަބުން، ދިވެހިރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގެއްލި، ސަރަހައްދީ ގައުމުތަކާ އޮތް ގާތް ގުޅުން ހީނަރުވެ، ސަރަހައްދީ ސަލާމަތީ މަސްރަހަށް ނުރައްކާވެ، ދިވެހިރާއްޖޭގެ ގައުމީ ދިފާއާއި، ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް، ދިވެހިރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް، ހުރަސް އެޅިގެންދާކަމަށެވެ.

މިނިސްޓަރ މާރިޔާ ވަނީ، ދިވެހިރާއްޖޭގެ މިނިވަންކަމަށް ބުރޫއަރާފަދަ އެއްވެސް ކަމެއް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ކުރައްވާފައި ނުވާނެ ކަމަށާއި އެފަދަ އެއްވެސް ކަމެއް ނުކުރައްވާނެކަމުގެ ފުރިހަމަ ޔަގީންކަން، ދިފާއީ ވަޒީރުގެ ހައިސިއްޔަތުން، ރައްޔިތުންގެ މަޖިލީހުގެ އިއްޒަތްތެރި މެންބަރުންނަށާއި ދިވެހި ރައްޔިތުންނަށް ދެއްވާކަމަށް ވިދާޅުވެފައެވެ.

ރައީސް އިބްރާހީމް ސޯލިހުގެ ސަރުކާރުން އަބަދުވެސް އެންމެ ބޮޑު އިސްކަމެއް ދެއްވަނީ، ދިވެހިރާއްޖޭގެ ގައުމީ ސަލާމަތާ ގުޅިފައިވާ އެންމެ މަތީ މަސްލަހަތުތައް ހިމާޔަތްކޮށް، ދިވެހި ރައްޔިތުންނަށް މިރާއްޖޭގައި އުފަލާއި، ހިތްހަމަޖެހުމާއި، ފާގަތިކަމުގައި އުޅެވޭނެ މަގު ތަނަވަސްކޮށްދީ، ދެމެހެއްޓުމަށްކަން މިނިސްޓަރ މާރިޔާ ވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި، މިނިސްޓަރ މާރިޔާ ވަނީ، ގައުމީ ސަލާމަތާބެހޭ މަޖިލީހުގެ މެންބަރުން ރައީސް ޔާމީނުގެ "އިންޑިޔާ އައުޓް" ކެމްޕޭނަކީ ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ހުރި ބޮޑު ނުރައްކަލެއްކަމަށް އިއްތިފާގުވެވަޑައިގަންނަވާކަން ފާހަގަކުރައްވާފައެވެ. އަދި މިކަމާ ގުޅޭގޮތުން، އެމްއެންޑީއެފްގެ ލަފާދޭ މަޖިލީހާއި، ސީނިއަރ ޖެނެރަލް އޮފިސަރުންނާއި، ކޮމާންޑް އެންޑް ސްޓާފް ލެވެލްގައި މަސައްކަތްކުރައްވާ ހުރިހާ އޮފިސަރުންނާއި، ރާއްޖެއިން ބޭރުގައި މަސައްކަތްކުރައްވަމުން ގެންދަވާ ދިވެހި އަސްކަރިއްޔާގެ ޑިފެންސް އެޑްވައިޒަރުންނާ މަޝްވަރާކުރެއްވި ކަމަށާއި، ޖުމްލަކޮށް އެހުރިހާ ބޭފުޅުންވެސް، މިކެމްޕޭނުގެ ސަބަބުން ދިވެހިރާއްޖޭގެ ގައުމީ ސަލާމަތަށް ބޮޑެތި ނުރައްކާތައް ކުރިމަތިވާކަމަށް ވިދާޅުވެފައިވާކަން އެކަމަނާވަނީ ފާހަގަކުރައްވާފައެވެ.

މިބައްދަލުވުމުގައި މިނިސްޓަރ މާރިޔާގެ އަރިހުގައި، ޗީފް އޮފް ޑިފެންސް ފޯރސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯރސް ބްރިގޭޑިއަރ ޖެނެރަލް އަބްދުއްރަހީމް އަބްދުއްލަތީފާއި، މެރިން ކޯރ ކޮމަންޑަންޓް ބްރިގޭޑިއަރ ޖެނެރަލް ވައިސް ވަހީދާއި، ސަރވިސް ކޯރ ކޮމަންޑަންޓް ބްރިގޭޑިއަރ ޖެނެރަލް ހާމިދު ޝަފީގާއި، ޑައިރެކްޓަރ ޖެނެރަލް އޮފް ޑިފެންސް އިންޓެލިޖެންސް ބްރިގޭޑިއަރ ޖެނެރަލް އަބްދުﷲ ޒުހުރީއާއި، ކޯސްޓް ގާޑް ކޮމަންޑަންޓް ކާނަލް އިބްރާހިމް ހިލްމީއާއި އެމްއެންޑީއެފްގެ ސަރޖަންޓް ޖެނެރަލް ކާނަލް ޑރ. އަލީ ޝާހިދާއި، އެމްއެންޑީއެފްގެ ޑިޕާޓްމަންޓް އޮފް އިންޓަރނޭޝަނަލް ޑިފެންސް ކޯޕަރޭޝަންގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް އަހުމަދު ޝަރީފާއި އިންޓަރގްރޭޓެޑް ހެޑްކުއާޓާރޒްގެ ޕްލޭންސް އެންޑް ޕޮލިސީގެ ޕްރިންސިޕަލް ޑައިރެކްޓަރ ލެފްޓިނެންޓް ކާނަލް ހަސަން އާމިރާއި މެޑިކަލް ކޯރގެ ޕްރިންސިޕަލް ޑައިރެކްޓަރ ޑރ. ފާތިމަތު ތަހުސީނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.


Advertisement
- ކޮމެންޓް