ކ. މާލެ
|
14 އޮކްޓޯބަރ 2024 | ހޯމަ 11:44
މ.މުރައިދޫގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
މ.މުރައިދޫގެ ބޭރުން ނަގާފައިވާ ފޮޓޯ އެއް
ރާއްޖެއެމްވީ
މުރައިދޫގެ މުވައްޒަފުން
މުރައިދޫގެ މުވައްޒަފުންނާއި މުސާރައާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފި
މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ހޯމަ ދުވަހުގެ ބައްދަލުވުމަށް މި މައްސަލަ އޮތީ އެޖެންޑާކޮށްފަ
އެ މައްސަލަ ބަލަނީ މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލް ހޯދުމަށް އެދި އާއްމުން ހުށަހަޅަމުންދާތީ އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން
ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މ. މުރައިދޫގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ރައީސް ދިރިއުޅުއްވާ ގެކޮޅު މުރައިދޫ ގޭ ގައި މަސައްކަތްކުރާ މުވައްޒަފުންނާއި އެ މުވައްޒަފުންގެ މުސާރަ އާއި އިނާޔަތްތަކާއި ގުޅޭ މައްސަލަ ކުރިއަށް ދިޔަ ކޮމިޓީ ސިއްރުކޮށްފިއެވެ.

މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީ (241 ކޮމިޓީ)ގެ ހޯމަ ދުވަހުގެ ބައްދަލުވުމަށް މި މައްސަލަ އޮތީ އެޖެންޑާކޮށްފައެވެ. އެ މައްސަލަ އަކީ މުރައިދޫގޭގެ މުވައްޒަފުންގެ ތަފްސީލް ހޯދުމަށް އެދި އާއްމުން ހުށަހަޅަމުންދާތީ އެކަމާއި ގުޅިގެން މަޖިލީހުގެ އިދާރާއިން ފޮނުވާފައިވާ ސިޓީއަކާއި ގުޅިގެން ކުރިއަށް ދާ މައްސަލައެކެވެ.

ހޯމަ ދުވަހުގެ ކޮމިޓީގައި އެ ކޮމިޓީ ސިއްރުކުރަން ހުށަހަޅުއްވާފައި ވަނީ ކޮމިޓީގެ މުޤައްރިރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހުއެވެ. ފަލާހުގެ އެ ހުށަހެޅުއްވުމަށް މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހިމް ވަނީ ތާއީދުކުރައްވާފައެވެ. އެހެންކަމުން އެ ބައްދަލުވުން ކުރިއަށް ގެންދިޔައީ ސިއްރުކޮށްގެން ކަމަށް ވާތީ މި މައްސަލަ އާއި ގުޅޭ ތަފްސީލްތައް ސާފެއް ނޫނެވެ.

ރައްޔިތުން މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މ. މުރައިދޫގެ އަށް ދިރިއުޅުއްވުން ބަދަލުކުރައްވާފައި ވަނީ ޖުލައި މަހުގެ 26 ވަނަ ދުވަހުއެވެ. އެ ގެއަށް ބަދަލުވެވަޑައިގަތީ މުރައިދޫ ގޭގައި ބައެއް މަރާމާތުގެ މަސައްކަތްތައް ކުރުމަށް ފަހުގައެވެ.

އޭރުވެސް އަބްދުއްރަހީމް ވަނީ މުރައިދޫގޭގެ ބައެއް މަޤާމުތަކަށް ބަދަލުގެންނެވުމަށް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ބައެއް މަޤާމުތައް އުވާލުމާއި، މަޤާމުގެ ނަމަށް ބައެއް ބަދަލުތައް ގެނައުން ހިމެނެއެވެ. އެ ކަމާއި ގުޅޭ ހުއްދަތައް ޖުލައި މަހުގެ ފަހު ހަފްތާގެ ތެރޭގައި މަޖިލީހުގެ އާއްމު ކޮމިޓީން ވަނީ ދީފައެވެ.

އޭގެ ފަހުން ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު، މުރައިދޫ ގޭގެ އިސް މަޤާމަށް އަލީ އަޝްފާޤު (ދަގަނޑޭ)، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ރަސްމީ ގެކޮޅު މުރައިދޫގެ ޗީފް އޮފް ސްޓާފްގެ މަގާމަށް ނޫސްވެރިޔާ އާދަމް ހަލީމް (މުންޑޫ) އައްޔަން ކުރެއްވި ނަމަވެސް ދެން އެ ގެކޮޅަށް އައްޔަން ކުރި މުވައްޒަފުންގެ ތަފްސީލް އާއްމުކޮށްފައެއް ނުވެއެވެ. އަދި މުވައްޒަފުންގެ މުސާރަ އާއި އިނާޔަތުގެ ތަފްސީލްތައް ވެސް ޙިއްސާކޮށްފައެއް ނުވެއެވެ.

ނިމިދިޔަ އެމްޑީޕީ ވެރިކަމުގެ ފުރަތަމަ ކޮޅު އެ ގެ ވަނީ ހުސްކޮށްފައެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ 6 މެއި 2021 ގައި އެ މަނިކުފާނަށް އަމާޒުކޮށްދިން ބޮމުގެ ހަމަލާ އަށް ފަހު މުރައިދޫގޭގައި ދިރިއުޅުއްވާފައެވެ.

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމު މަޖިލީހުގެ ރައީސްކަމުގައި ހުރި އިރު މުރައިދޫގެ ކޮންމެވެސް ވަރަކަށް މަރާމާތުކުރިއެވެ. ނަމަވެސް އަސްލަމް އެގޭގައި ދިރިއުޅުއްވާފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް