ހެރިޓޭޖް ފައުންޑޭޝަންގެ ފަރާތުން ކޮންމެ އަހަރަކުވެސް އާންމުކުރަމުން އަންނަ އިކޮނޮމިކް ފްރީޑަމް އިންޑެކްސްގައި 2022 ވަނަ އަހަރު ރާއްޖޭގެ ދަރަޖަ ދަށްވެއްޖެއެވެ.
އިކޮނޮމިކް ފްރީޑަމް އިންޑެކްސް ނުވަތަ އިގްތިސާދީ މިނިވަންކަމުގެ އިންޑެކްސްގައި ދިވެހިރާއްޖެ ވަނީ 161 ވަނައިގައި ރޭންކުކޮށްފައެވެ. އަދި މިއަހަރު ރާއްޖެއިން ސްކޯ ހުރީ 47.3 ގައެވެ. އޭޝިއާ ޕެސިފިކްގެ 39 ގައުމުގެ ތެރެއިން ރާއްޖެ ހިމެނިފައިވަނީ 39 ވަނަ ދަރަޖައިގައެވެ.
މި އިންޑެކްސްގެ ރިޕޯޓުގައިވާ ގޮތުން 2017 އިން 2019 ރާއްޖޭގެ އިގްތިސާދަށް ކުރިއެރުންތަކެއް އައިސްފައިވެއެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު އިގްތިސާދީ ވެއްޓުމެއް އައިސްފައިވާކަމަށާއި، 2021 ވަނަ އަހަރު އިގްތިސާދު ރަނގަޅުވެފައިވާކަމަށް މި ރިޕޯޓުން ދައްކާފައިވެއެވެ. އެއަށްފަހު އަނެއްކާވެސް މިއަހަރު ރާއްޖޭގެ އިގްތިސާދަށް ވެއްޓުމަކާއި ކުރިމަތިލާންޖެހިފައިވާކަމަށް މި ރިޕޯޓުން ވަނީ ދައްކާފައެވެ. މިދިޔަ 2021 ވަނަ އަހަރު ރާއްޖޭގެ ސްކޯ ހުރީ 55.2 ގައެެވެ. އެހެންކަމުން މިއަހަރު ރާއްޖޭގެ ސްކޯ ވަނީ 7.9 ދަރަޖައިން ދަށްވެފައެވެ.
މި ފަސް އަހަރުގެ ކުރީކޮޅު ރާއްޖޭގެ އިގްތިސާދު ކުރިއަރައި ވަރުގަދަ ވެފައިވާކަމަށް މި ރިޕޯޓުން ދައްކާފައިވާއިރު، އެއަށްފަހު ވަރަށް ބޮޑުތަނުން މި ސްކޯ ދަށްވެފައިވާކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެއެވެ. ސްކޯ ދަށްވެފައިވަނީ ރާއްޖޭގެ ފިސްކަލް ހެލްތު ދަށްވުމާއި، ވިޔަފާރީ ކުރުމަށް އޮތް މިނިވަންކަން ކުޑަވުމުގެ ސަބަބުންނެވެ. މީގެ އިތުރުން ކޮވިޑް-19 އަކީވެސް އިގްތިސާދީ ވެއްޓުމަށް މެދުވެރިވި ސަބަބެއް ކަމަށް މި ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. މިގޮތުން 2020 ވަނަ އަހަރު 32.2 އިންސައްތައިގެ ދަށްވުމެއް އައިސްފައިވާކަމަށް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.
މީގެ އިތުރުން ގައުމުގައި ކޮރަޕްޝަން ފެތުރިފައި އޮތް މިންވަރަކީވެސް މި އިންޑެކްސްއަށް އަސަރުކާރުގެ ކަމެއްގެ ގޮތުގައި މި ރިޕޯޓުގައިވަނީ ފާހަގަކޮށްފައެވެ. އަދި ގާނޫނުތައް ތަންފީޒުކުރަންޖެހޭ ގޮތަށް އެކަން ކުރެވިފައި ނެތުންވެސް ފާހަގަކޮށްފައިވެއެވެ. ލޭބަރ ފްރީޑަމްއާއި، މަނިޓަރީ ފްރީޑަމްވެސް މީގެ ތެރޭގައި ހިމެނެއެވެ.
މިއަހަރުގެ އިކޮނޮމިކް ފްރީޑަމް އިންޑެކްސްގެ އެއްވަނައިގައި ހިމެނެނީ ސިންގަޕޫރެވެ. އަދި ދެވަނައިގައި ސްވިޒަރލޭންޑް ހިމެނޭއިރު، ތިންވަނައިގައި އަޔަރލޭންޑް ހިމެނިގެންދެއެވެ. ހަތަރުވަނައިގައި ނިއުޒީލެންޑް، ފަސް ވަނައިގައި ލަކްސެމްބަރގް، ހަ ވަނައިގައި ޓައިވާން އަދި ހަތްވަނައިގައި އެސްޓޯނިއާ ވަނީ ހިމެނިފައެވެ.