ކ. މާލެ
|
13 ސެޕްޓެންބަރ 2024 | ހުކުރު 15:40
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މޫސުމާ ބެހޭ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް މުއިއްޒު ޗައިނާ އަށް ކުރެއްވި ދަތުރުފުޅުގައި އެގައުމުގެ މޫސުމާ ބެހޭ އޮފީހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
ޗައިނާ-ރާއްޖޭގެ ގުޅުން
ވިޔަފާރި އާއި އިންވެސްޓްމަންޓް ކުރިއަރުވަން ޗައިނާގެ ޕީޕަލްސް ބޭންކާއެކު އިކޮނޮމިކް މިނިސްޓްރީން އެމްއޯޔޫއެއްގައި ސޮއިކޮށްފި
އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެ ގައުމެއްގެ އަމިއްލަ ފައިސާއިން ދެ ޤައުމުގެ ދެމެދުގައި، ކަރަންޓް އެކައުންޓްގެ މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ޤާއިމުކުރެވިގެންދާނެ ކަމަށް

ވިޔަފާރިއާއި އިންވެސްޓްމަންޓް ކުރިއަރުވަން ދިވެހި ސަރުކާރުން ޗައިނާގެ ޕީޕަލްސް ބޭންކާއެކު މެމޮރަންޑަމް އޮފް އަންޑަސްޓޭންޑިންގ (އެމްއޯޔޫ) އެއްގައި ހުކުރު ދުވަހު ސޮއިކޮށްފި ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެވެ.

މިކަމާ ބެހޭ ގޮތުން އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި އެމްއޯޔޫގެ ދަށުން އެ ގައުމެއްގެ އަމިއްލަ ފައިސާއިން ދެ ޤައުމުގެ ދެމެދުގައި، ކަރަންޓް އެކައުންޓްގެ މުޢާމަލާތްތަކާއި ސީދާ އިންވެސްޓްމަންޓްތައް ކުރިއެރުވުމަށް އެއްބާރުލުން ދިނުމުގެ އޮނިގަނޑެއް ޤާއިމުކުރެވިގެންދާނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ މި އެމްއޯޔޫގައި ސޮއިކުރެވުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު 2024 ވަނަ އަހަރުގެ ޖަނަވަރީ މަހު ޗައިނާއަށް ކުރެއްވި ދައުލަތުގެ ދަތުރުފުޅުގައި ރައީސް ޝީ ޖިންޕިންގ އާ ބައްދަލުކުރައްވައި، ދިވެހިރާއްޖެއާއި ޗައިނާއާ ދެމެދު އޮތް ގުޅުން ހަރުދަނާކުރެއްވުމާ ގުޅޭގޮތުން ކުރެއްވި މަޝްވަރާގެ ނަތީޖާއެއްގެ ގޮތުން ކަމުގައެވެ. ދެ ޤައުމުގެ ވެރިންގެ މަޝްވަރާތަކުގައި ދެ ޤައުމުގެ ދެމެދުގައި އިޤްތިޞާދީ އެއްބާރުލުން އިތުރުކުރުމުގެ މުހިންމުކަން ފާހަގަ ކުރެއްވި ކަމަށް ބުނެފައިވެއެވެ.

މި އޮނިގަނޑުގެ އެއްބަސްވުމުގެ ސަބަބުން ދެ ޤައުމުގެ ފައިސާއިން މުޢާމަލާތްތައް ހިންގުން ހަލުއިވެ، އިތުރަށް ފަސޭހަވެ، ޗައިނާއިން މުދާ ގެންނަ ވިޔަފާރިވެރިންނަށް ފަސޭހަވެގެންދާނެ ކަމަށާއި، އެއް ގައުމުން އަނެއް ގައުމުގައި ކުރެވޭ އިންވެސްޓްމަންޓްތަކަށް މަގު ފަހިވެގެންދާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އިކޮނޮމިކް މިނިސްޓްރީން ފާހަގަ ކުރާ ގޮތުގައި ޗައިނާއަކީ ދިވެހިރާއްޖޭގެ ވިޔަފާރީގެ އެންމެ ބޮޑު އެއް ބައިވެރިޔާއެވެ. ދެ ޤައުމުގެ ދެމެދުގައި ކުރެވޭ ވިޔަފާރީގެ އަގު ގާތްގަނޑަކަށް 700 މިލިއަން އެމެރިކާ ޑޮލަރަށް އަރާކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ރާއްޖެ އެމްވީ
- ކޮމެންޓް