ކުދި އަދި މެދުފަންތީ ވިޔަފާރިތައް ގިންތި ކުރުމަށް ގާނޫނަށް ހުށަހެޅި އިސްލާހުގެ ބަހުސް ފަށައިފިއެވެ.
މިބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެމްބަރު އަލީ ރިޒާއެވެ. މިބިލު ހުށަހަޅަމުން ރިޒާ ވިދާޅުވީ ބިލުގެ އެންމެ ބޮޑު ބޭނުމަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް ފަސޭހަ ގޮތްތަކެއް ފަހި ކޮށްދިނުން ކަމަށެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހަރުދަނާކުރުމުގެ ގޮތުން އެފަދަ ވިޔަފާރިތައް ގިންތިކުރުމުގައި ރިއާޔަތްކުރާ މައުލޫމާތުތަކުގެ ތެރޭގައި މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓްރޭޝަން އޮފީހުން ބަލަހައްޓާ މައުލޫމާތުތައް ހިމެނުން ކަމަށް ބިލުގައި ބުނެފައި ވެއެވެ. އަދި އަލަށް ރަޖިސްޓްރީކުރާ ވިޔަފާރިތައް ރަޖިސްޓްރީކުރެވޭ ތާރިޚުން ފެށިގެން ގިންތިކުރުމުގައި އަމަލުކުރާނެ އުސޫލުތައް ބަޔާންކުރުމަކީވެސް އިސްލާހުގެ ބޭނުމެކެވެ.
ވަޒީފާ އާއި ބެހޭ ގާނޫނުގެ ދަށުން އެންމެ ކުޑަމިނުން ދޭން ޖެހޭ އުޖޫރަ ކަނޑައެޅުމުގައި އެފަދަ ވިޔަފާރިތަކަށް ނިސްބަތްކޮށް ވަކިވަކި އަދަދުތައް ކަނޑައެޅިފައިވާތީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ގިންތިކުރުމުގައި ގާނޫނުގައި ބަޔާންކުރާ އުސޫލުތައް އިތުރަށް ހަރުދަނާކޮށް ފުރިހަމަކޮށް އެންމެ ކުޑަ އުޖޫރަ ދިނުމަށް އަމަަލުކުރަން ފަށާ ތާރީޚާ ހަމައަށް ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ ވިޔަފާރިތަކެއް ގިންތިކުރުމަކީވެސް ބިލު ހުށަހެޅުއްވުމުގެ ބޭނުމެއް ކަމަށް ރިޒާ ވިދާޅުވިއެވެ.