ރާއްޖޭގައި ގަވައިދާ ހިލާފަށް ބިދޭސީން ހިންގާ ވިޔަފާރިތައް ހުއްޓުވުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، މިހާތަނަށް 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ގަވައިދާ ޚިލާފަށް ވިޔަފާރި ކުރާ ބިދޭސީން ރިޕޯޓު ކުރުމަށް ހުޅުވާލުމުން ބުރާސްފަތި ދުވަހާ ހަމައަށް ހަފުތާއެއް ވީއިރު، މިހާތަނަށް 125 ރިޕޯޓެއް ލިބި، އިންސްޕެކްޝަނަށް ފަހުގައި އެގާރަ ތަނެއް ބަންދުކޮށްފައިވާ ކަމަށެވެ. އިކޮނޮމިކް މިނިސްޓްރީން މިދިޔަ މަހު 27ގައި ގެޒެޓްކުރި އިއުލާނެއްގައި ވަނީ، ރާއްޖޭގައި ގަވާޢިދާ ޚިލާފަށް ފުޅާ ދާއިރާއެއްގައި، ބިދޭސީން ވިޔަފާރި ކުރަމުންގެންދާ ކަމުގެ ޝަކުވާ، އަބަދުވެސް ސަރުކާރުގެ އިދާރާތަކަށް ލިބެމުން އަންނަ ކަމަށެވެ. އެހެންވެ، އެފަދަ ވިޔަފާރިތައް ރިޕޯޓު ކުރުމަށް އެ މިނިސްޓްރީން ވަނީ އެދިފައެވެ.
އިކޮނޮމިކް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނިގޮތުގައި، ޖުމުލަ 35 ތަނެއް އިންސްޕެކްޓު ކޮށް، 11 ވިޔަފާރިއެއް ބަންދުކޮށްފައިވާ ކަމަށެވެ. އިންސްޕެކްޓު ކުރި ތަންތަނުގެ ތެރޭގައި ހިމެނެނީ، 20 ކެފޭއާއި 12 ރީޓެއިލް އައުޓްލެޓާއި 2 ގަރާޖާއި ގެސްޓްހައުސެކެވެ.
އިކޮނޮމިކް މިނިސްޓްރީން ބުނީ ގާނޫނާ ހިލާފަށް ބިދޭސީން ދެ ގޮތަކަށް ވިޔަފާރިކުރާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެގޮތުން ނިވާފަތްގަނޑަކަށް ދިވެހިން ހަދައިގެން ބިދޭސީން ހިންގާ ވިޔަފާރިތައް އަދި ފޮރިން އިންވެސްޓްމަންޓް ގާނޫނުގެ ދަށުން ބިދޭސީންނަށް ހުއްދަނުކުރާ ދާއިރާތަކުގައި ހަރަކާތްތެރިވާ ބިދޭސީ ވިޔަފާރިތަކެވެ.
އޭގެއިތުރަށް، ދިވެހީން ނިވާފަތްގަނޑަކަށް ހަދައިގެން އުޅޭ ބިދޭސީން ހިންގާ ވިޔަފާރިތައް ދެނެގަތުމަށް ތަހުގީގީ އިދާރާތަކުން މަސައްކަތް ކުރަމުން އަންނަކަމަށް އެ މިނިސްޓްރީން ބުނެއެވެ. އަދި ގަވައިދާ ޚިލާފަށް ބިދޭސީން ވިޔަފާރިކުރާ ކަމުގެ މައުލޫމާތެއް ލިބިއްޖެނަމަ، މިނިސްޓްރީގެ ހޮޓްލައިން 3333199 އަށް ގުޅައިގެން ނުވަތަ ވެބްސައިޓު މެދުވެރިކޮށް ރިޕޯޓުކުރުމަށް އިކޮނޮމިކް މިނިސްޓްރީން އިލްތިމާސްކޮށްފައިވެ އެވެ.