ފަނޑިޔާރުންގެ އަދަދުތައްވެސް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތުން މުހިއްމުކަމަށް ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެމްބަރު ޙަސަން ލަތީފް ވިދާޅުވެއްޖެއެވެ.
ޙަސަން ލަތީފް އެހެން ވިދާޅުވީ ޖޭއެސްސީގެ އެކުލެވުން ބަދަލު ކުރުމަށް ހުށައަޅާފައިވާ ބިލަށް ވާހަކަދައްކަވަމުންނެވެ.
ޖުޑީޝަރީއަށް ގެންނަންޖެހޭ ބަދަލުތަކަށް ހިތުގެ އަޑިން ތާއީދު ކުރައްވާކަން ފާހަގަކުރައްވައި މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، ޖުޑީޝަރީ އިސްލާޙު ކުރުމަށް އެމްޑީޕީން އަބަދުވެސް ތާއީދު ކުރާނެ ކަމަށެވެ. އެހެންނަމަވެސް، ޖޭއެސްސީ އެކުލަވާލެވިފައިވާ ގޮތް ބަދަލު ކުރުމަށް ވިޔަސް ނުވަތަ އެހެން ކަމެއްގައިވެސް ޤާނޫނު އަސާސީއަށް އިސްލާޙު ގެނައުމަކީ ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާތަކެއް ކުރެވިގެން މެނުވީ ކުރެވޭނެ ކަމެއް ނޫންކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. ވަކިން ޚާއްސަކޮށް މިހާރު ހުށައެޅިފައިވާ ޑްރާފްޓުގައި ހިމެނޭ ގޮތަށް އެ ބަދަލުތައް ގެނައުމަކީ އަދި ރައްޔިތުން އެންމެ ބޭނުންވާ ނަތީޖާ ނެރެވޭނެ ގޮތެއްކަމަށް ޤަބޫލު ނުކުރައްވާކަމަށްވެސް ވިދާޅުވިއެވެ.
މެމްބަރު ވިދާޅުވީ، މަޖިލީހުގެ 85 މެމްބަރުންނަށް ފެނިވަޑައިގަންނަވާ އިރަށް ޤާނޫނު އަސާސީއަށް ބަދަލު ގެނައުމަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލު ނުކުރެއްވޭ ކަމަށެވެ. އެހެންނަމަވެސް، ޖޭއެސްސީ މިހާރު އެކުލަވާލާފައިވާ ގޮތް ބަދަލު ކުރުމާގުޅޭ މަޝްވަރާތައް މިހާރު ހިނގަންޖެހޭކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ.
އޭގެ އިތުރުން، ޤާނޫނު އަސާސީއަށް ގެންނަންޖެހޭ އިތުރު ބަދަލުތަކާއި މަޝްވަރާ ކުރަންޖެހޭ އިތުރު ބައެއް ކަންކަންވެސް އެބަހުރިކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން ލާމަރުކަޒީ ނިޒާމެއްގެ ދަށުން ހިނގަމުންދާ ބައެއް ކަންކަމަކީ ޤާނޫނު އަސާސީން ތަޅުލެވިފައިވާ ކަންތައްތަކެއް ގޮތުގައި ކަނޑައަޅަންޖެހޭކަމަށް ވިދާޅުވިއެވެ. ސަބަބެއްގެ ގޮތުގައި ފާހަގަ ކުރެއްވީ ވެރިކަން ބަދަލުވާ ކޮންމެ ފަހަރަކު އޭގެ ތަކުލީފު ރައްޔިތުންނަށް ކުރިމަތިވުމެވެ. އެގޮތުން އެމްޑީޕީގެ ވިސްނުމަކީ އިދާރީ ދާއިރާތައް ލާމަރުކަޒީ ގޮތުން ހިންގުންކަން ފާހަގަ ކުރައްވައި ޙަސަން ލަތީފް ވިދާޅުވީ، އިދިކޮޅު ސިޔާސީ ޕާޓީގެ ވިސްނުން އެއާ މުޅިން ތަފާތު ކަމަށެވެ.
މިއަދު އޮތް ޕީޕީއެމްގެ ވިސްނުމަކީ މަރުކަޒުކޮށް، މާލެ ސަރަޙައްދަށް މީހުން ޖަމާކޮށްގެން ސަރުކާރު ހިންގުން، ދައުލަތް ހިންގުންމެމްބަރު ޙަސަން ލަތީފް
ވީއިރު، ސަރުކާރު ބަދަލުވާ ކޮންމެ ފަހަރަކު ނިޒާމުޖ ބަދަލުވާނަމަ، އޭގެ އަސަރު ކުރާނީ ރައްޔިތުންނަށްކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
އޭގެ އިތުރުން، ފަނޑިޔާރުންގެ އަދަދުތައްވެސް ޤާނޫނު އަސާސީގައި ބަޔާން ކޮށްފައި އޮތުން މުހިއްމުކަމަށް ދެކިލައްވާކަމަށްވެސް ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން މަޖިލީހުގެ ކުޑަ އަޢުލަބިއްޔަތަކުން ފަނޑިޔާރުންގެ އަދަދުތަކާ "ކުޅެވޭނަމަ"، ސިޔާސީ ބޭނުންތަކަށް އެކަން ކުރުމުގެ ފުރުސަތު ލިބިގެންދާނެކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
ޙަސަން ލަތީފް ވަނީ ރައީސުލްޖުމްހޫރިއްޔާ އިންތިޚާބުކުރާ ގޮތާއި ގުޅޭގޮތުންވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިދާނެ ކަމަށް ވިދާޅުވެފައެވެ. އެކަންވެސް ގިނަ ބަޔަކަށް ފެންނަ ގޮތް ބަލައި، ޤާނޫނު އަސާސީއަށް އެ ބަދަލު ގެންނަންޖެހޭކަމަށް ދެކިލައްވާކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ. އެގޮތުން މިހާރު އޮންނަ ގޮތުން ކޯލިޝަނަކާއެކު ވާދަކޮށް 51 އިންސައްތަ ވޯޓު ކާމިޔާބު ކޮށްގެން ވެރިކަަމަށް އައިސް ފެންނަނީ ސަރުކާރު ހިންގުމުގައި އިންތިހާއަށް ދަތިވާ މަންޒަރުކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.
ޙަސަން ލަތީފް އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެމްބަރުން ކަނޑައެޅުމާއި ގުޅޭގޮތުންވެސް ޤާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށެވެ. މިއީ ހައްތަހާވެސް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިދާނެ ކަންކަން ކަމަށް އޭނާ ވިދާޅުވިއެވެ.
މިނިވަން މުއައްސަސާތައް އުފެއްދުމުގެ މަޤްސަދުތަކަަށް އަލިއަޅުވާލައްވާ މެމްބަރު ޙަސަން ލަތީފް ވިދާޅުވީ، މިނިވަން މުއައްސަސާތައް އުފެއްދުމުގެ މަޤްސަދު ޙާސިލު ނުވާނަމަ، ޤާނޫނު އަސާސީއަށް ބަދަލު ގެނެސްގެންވެސް މިިނިވަން މުއައްސަސާތައް އެކުލަވާލެވޭ ގޮތް ބަދަލުކުރަން ޖެހޭކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތައް އުފެއްދުމަކީވެސް ޤާނޫނު އަސާސީން ކަނޑައެޅިގެން ޤާނޫނަކުން ކުރެވޭ ކަމެއްކަމަށް ކަނޑައެޅެންޖެހޭކަމަށް ވިދާޅުވިއެވެ. އެގޮތުން ދައުލަތުގެ އިދާރާއަކުން ބޭނުންވާއިރަށް ކުންފުނިތައް އުފެއްދޭނަމަ ގިނަ ފަހަރު އޭގެ ފައިދާ ކުރަނީ ރައްޔިތުންނަށް ނޫންކަމަށް ޙަސަން ލަތީފް ވިދާޅުވިއެވެ.