ހޫނު މޫސުމުގައި ކަރަންޓު އިޤްތިޞާދު ކޮށްފިނަމަ 15 އިންސައްތައާ ހަމައަށް ބިލް ކުޑަ ކުރެވޭނެކަމަށް ސްޓެލްކޯއިން ބުނެފިއެވެ.
ހޫނު މޫސުމާ ދިމާކޮށް ކަރަންޓު ބިލު ބޮޑުވާތީ, އެކަމަށް އާންމުން ހޭލުންތެރިކުރުވުމަށް ސްޓެލްކޯއިން ކުރިއަށް ގެންދާ އެނާޖީ ސޭވިން ކެމްޕެއިން މިއަހަރަށް އިފުތިތާހު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރ ހަސަން މުޣުނީ ވިދާޅުވީ ކަރަންޓު އިޤްތިޞާދު ކޮށްފިނަމަ ބައެއް ގޭގެ ކަރަންޓުބިލް 15 އިންސައްތައާއި 20 އިންސައްތައަށް ކުޑަކުރެވިދާނެ ކަމަށެވެ. އަދި ބޭނުން ނުކުރާ ވަގުތުތަކުގައި ކަރަންޓު ސާމާނު ޖައްސާފައި ހުރުމުގެ ސަބަބުން ބޭކާރު ފައިސާތަކެއް ޚަރަދުވާކަން ފާހަގަކުރައްވާ މުޣުނީ ވިދާޅުވީ ބޭނުން ނުކުރާ ކަރަންޓަށް ބިލްކުރަން ބޭނުން ނުވާ ކަމަށެވެ.
ސްޓެލްކޯއިން އެނާޖީ ސޭވިންގެ ނަމުގައި ކެމްޕެއިނެއް ކުރިއަށް ގެންދާ މިއީ ތިންވަނަ ފަހަރެވެ. މިފަހަރުގެ ކެމްޕެއިނުގެ ތެރޭގައި އެންމެ ބޮޑަށް ކަރަންޓު އިޤްތިޞާދުކުރާ ފަރާތްތަކުގެ މެދުގައި ޕްރޮމޯޝަނެއް ކުރިއަށްގެންގޮސް، ފައިސާގެ އިނާމު ދިނުމަށްވަނީ ހަމަޖެހިފައެވެ.
މުޣުނީ ވިދާޅުވީ ފާއިތުވި 15 އަހަރަށް ބަލާނަމަވެސް އަހަރު ފެށިގެން އަންނަ ހޫނު މޫސުމުގައި ކަރަންޓުބިލް ބޮޑުވާ ކަމަށެވެ. ނަމަވެސް މިކަމަށް ރައްޔިތުން ހޭލުންތެރިކޮށް، ކަރަންޓު އިޤްތިޞާދު ކުރުމަށް ބާރުއަޅަމުން ދިޔަ ވަރަކަށް މިމައްސަލަ ހައްލުވަމުން އަންނަ ކަމަށެވެ. އަދި މިއާއެކު މި މައްސަލައާ ގުޅިގެން ލިބެމުން އަންނަ ޝަކުވާތައްވެސް މަދުވެފައިވާ ކަމަށެވެ.
މިއަހަރުގެ މި ކެމްޕޭނުގައި ސޯޝަލް މީޑިއާގައި ހޭލުންތެރިކަން އިތުރުކުރުމާއި އައުޓްޑޯ ބިލްބޯޑުތަކެއް ޖަހައި ސްޓެލްކޯގެ މާޓީވީގެ ބޮޑު ސްކްރީނުގައި ހޭލުންތެރިކުރުވުމަށް ކުލިޕްތަކެއް އެޅުވުމަށް ވަނީ ނިންމާފައެވެ. އަދި ކަރަންޓު ބިލު ކުޑަކުރުމާއި ގުޅޭގޮތުން މައުލޫމާތު ދިނުމަށް ކުޑަކުދިންނާއި ބެލެނިވެރިންނަށް ހަރަކާތްތަކެއް ބާއްވާނެކަމަށް މުޣުނީ ވިދާޅުވިއެވެ.