ކ. މާލެ
|
11 ފެބްރުއަރީ 2022 | ހުކުރު 16:35
އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް
އެމްޕީއެލްގެ ޗެއަރމަން ކެޕްޓަން މުހައްމަދު ޝަރީފް
ރާއްޖެއެމްވީ
އިހަވަންދިއްޕޮޅު ޓްރާންސިޓް ބަނދަރު
އިހަވަންދިއްޕޮޅުގައި މިހާރު ޚިދުމަތްދޭން ފެށިޔަސް މިލިއަނުން ފައިދާވާނެ - ސެންކޯ ޝަރީފް
މި މަސައްކަތް ފެށުމަށް އިތުރު މާ ބައިވަރު ޚަރަދެއް ސަރުކާރުން ކުރާކަށް ނުޖެހޭނެ
ކުންފުނިތަކުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ދައުލަތަށްވެސް ބޮޑު އާމްދަނީއެއް ލިބޭނެ

އިހަވަންދިއްޕޮޅުގައި ޓްރާންސިޓް ބަނދަރެއް ނުހަދައި މިވަގުތު ޚިދުމަތްދޭން ފެށި ނަމަވެސް މިލިއަނުން ފައިދާވާނެކަމަށް އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު) ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން ޝަރީފު ވިދާޅުވީ ގުދުރަތީ ގޮތުން ރާއްޖެ އުފެދިފަ އޮންނަ ސަރަހައްދުގެ ގޮތުން އެކި ސަރަހައްދުތަކަށް މަތިންނާއި ތިރިން ދަތުރުކުރާ އުޅަނދުތައް ދާން ޖެހެނީ ރާއްޖެ ހުރަސްކޮށްފައި ކަމަށެވެ. އެގޮތުން އުލިގަމާއި ތުރާކުނު ކައިރިން ވަރަށް ގިނަ ބޯޓު ދަތުރުކުރާ ކަމަށެވެ. ގިނަ ދިރާސާތަކެއްގެ މައްޗަށް ބިނާކޮށް ޝަރީފު ވިދާޅުވީ އިހަވަންދިއްޕޮޅުގައި ފުރަތަމަ ހަދަންވީ ޓްރާންސިޓް ބަނދަރެއް ނޫންކަމަށެވެ. އެއީ ޓްރާންސިޓް ބަދަރެއް ހެދުމަށްޓަކައި ބިލިއަނުން ޑޮލަރު ޚަރަދުވާނެތީއެވެ.

ރާއްޖެ ހުރަސްކޮށް ބޯޓުތައް ދަތުރުކުރާއިރު އުލިގަމު ކައިރިން އެތެރެއަށް ވަދެފައި އެންކަރު ކުރުމާއި، ކާއެއްޗެހި ފޯރުކޮށްދިނުމާއި، ބަންކަރުކުރުން އަދި ދިމާވާ އެކިއެކި ޓެކްނިކަލް މައްސަލަތައް ހައްލުކޮށް ސަރވިސް ދިނުމުގެ މަސައްކަތް މިހާރުވެސް ކުރެވޭނެކަމަށް ޝަރީފު ވިދާޅުވިއެވެ. އަދި ކުރޫން ބަދަލު ކުރުމާއި، އެންކަރިންއާއި އެންޓްރީގެ ގޮތުގައި ފީ ނަގައިގެން ރާއްޖެއަށް ވަރަށް ބޮޑަށް ފައިދާވާނެކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އަދި މީގެ ސަބަބުން މި މަސައްކަތްކުރާ ކުންފުނިތަކުގެ އިތުރުން ޓްރާންސްޕޯޓް މިނިސްޓްރީއާއި ދައުލަތަށްވެސް ބޮޑު އާމްދަނީއެއް ލިބޭނެކަން ޝަރީފް ފާހަގަކުރެއްވިއެވެ.

މިހާރުވެސް އުލިގަމުގައި ޕޯޓް، ކަސްޓަމްސް އަދި ފުލުހުންގެ ޚިދުމަތް އަންނަނީ ދެމުންނެވެ. އެހެންކަމުން މި މަސައްކަތް ފެށުމަށް އިތުރު މާ ބައިވަރު ޚަރަދެއް ސަރުކާރުން ކުރާކަށް ނުޖެހޭނެކަމަށް ޝަރީފް ވިދާޅުވިއެވެ. އަދި މި މަސައްކަތް ފެށުމަށް މިހާރު ބޭނުންވާނީ ހަމައެކަނި ޕައިލެޓޭޖް ކަމަށްވެސް ޝަރީފު ވިދާޅުވިއެވެ. އެއީ ޕައިލެޓާއިން އެތެރެއަށް ވައްދާ އެންކަރު ކޮށްލާފައި ހިދުމަތް ނިމުމުން ބޯޓުތައް ފުރުވާލުމަށެވެ.

ޝަރީފު ވިދާޅުވީ މި ޚިދުމަތްތައް ދިނުމުގެ ގާބިލުކަން އެމްޕީއެލްގައި މިހާރުވެސް އެބަހުރިކަމަށް ގަބޫލުކުރައްވާ ކަމަށެވެ. އެހެންކަމުން ދެން ބޭނުންވާނީ ޕައިލެޓް ސްޓޭޝަނެއް ހަދާފައި، ޕައިލެޓުން އެތަނުގައި ބޭތިއްބުމުގެ އިތުރުން ޓަގަކާ ޕައިލެޓް ބޯޓެއް ލާން ކަމަށެވެ. އެއިރުން މިހާރުވެސް އެސަރަހައްދުން ދަތުރުކުރާ ބޯޓުތަކަށް ޚިދުމަތްދޭން ފެށޭނެކަމަށެވެ.

މިހާރުވެސް ރެއަކާ ދުވާލެއްގެ މައްޗަށް އެސަރަހައްދުން ގާތްގަނޑަކަށް 40-60 ހުރަސް ކުރޭ. މީގެ ތެރެއިން 10 ޕަސެންޓު ބޯޓު ޚިދުމަތް ހޯދި ނަމަވެސް އެވަންނަނީ މިލިއަނުން ރުފިޔާ
އެމްޕީއެލްގެ ޗެއަރމަން މުހައްމަދު ޝަރީފު (ސެންކޯ ޝަރީފު)

ޝަރީފު ވިދާޅުވީ ކޮވިޑްގެ ޕެންޑަމިކާއެކު ބޯޑަރުތައް ބަންދުކުރުމުން ލަންކާ، އިންޑިއާ، މޮރީޝިއަސް، ސީޝެލްސް އަދި މެލޭޝިއާވެސް ބަންދުވި ކަމަށެވެ. އެހެންކަމުން ބޯޓުތަކުގެ ކުރޫން ބަދަލުކުރުމަށް ރާއްޖެ ބޭނުންކުރަން ގިނަ އަދަދެއްގެ ޝިޕް އޯނަރުން އެދެމުން ދިޔަ ކަމަށެވެ. މިއާއެކު ޕެރެޑައިސް ކައިރީގައި އެމްޕީއެލުން މިޚިދުމަތް ދޭންފަށާފައިވާކަން ފާހަގަކުރައްވައި ޝަރީފު ވިދާޅުވީ ބޯޑަރުތައް ބަންދުކޮށްފައި އޮތްއިރު ދުވާލެއްގެ މައްޗަށް ގާތްގަނޑަކަށް އަށްވަރަކަށް ބޯޓަށް ޚިދުމަތް ދީފައިވާ ކަމަށެވެ. އަދި މަހެއްގެ މައްޗަށް ގާތްގަނޑަކަށް 26 މިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާކަމަށެވެ.

މެރިޓައިމް ސަރވިސް ދީގެން ރާއްޖޭގެ އިޤްތިޞާދަށް ހީނުކުރާ ވަރުގެ ބޮޑު ކުރިއެރުމެއް ލިބޭނެކަން ފާހަގަކުރައްވާ ޝަރީފު ވިދާޅުވީ ސިންގަޕޫރުވެސް ކުރިއަރާ ދިޔައީ މެރިޓައިމް ސަރވިސް ދީގެން ކަމަށެވެ. އެހެންކަމުން ދުނިޔޭގެ މާކެޓުގައި ޓޫރިޒަމް އިންޑަސްޓްރީ އިޝްތިހާރުކުރާ ފަދައިން މެރިޓައިމް ސަރވިސްތައް ފަށައި އެކަން މާކެޓު ކުރުމަށް ޝަރީފު ވަނީ ގޮވާލާފައެވެ.

ޝަރީފު ވިދާޅުވީ މި ޚިދުމަތްތައްދޭން މިވަގުތު އެންމެ ރަނގަޅު ސަރަހައްދަކަށް އޮތީ އިހަވަންދިއްޕޮޅުކަމަށެވެ. އަދި އެއަށްފަހު ދެވަނަ ސަރަހައްދަކަށް ލ. ގާދޫ ކައިރީގައި މި ޚިދުމަތްތައްދޭން ފެށިދާނެކަމަށެވެ. ތިންވަނަ ސަރަހައްދެއްގެ ގޮތުގައި ޝަރީފު ފާހަގަކުރެއްވީ އައްޑޫއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ޙުސައިން މަޚްތޫމް
- ކޮމެންޓް