ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 13:48
ރާބިޠަތުލް ޢާލަމިލް އިސްލާމީއާގެ ސެކްރެޓަރީ ޖެނެރަލަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ރައީސް އެރުއްވުން
ރާބިޠަތުލް ޢާލަމިލް އިސްލާމީއާގެ ސެކްރެޓަރީ ޖެނެރަލަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ރައީސް އެރުއްވުން
ރައީސް އޮފީސް
ރާބިޠާގެ ސެކްރެޓަރީ ޖެނެރަލް
ރާބިތާގެ ސެކްރެޓަރީ ޖެނެރަލަށް ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް ރައީސް އަރުވައިފި
މި ޢިއްޒަތް އެރުވީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށް ދެއްވާ އަހަންމިއްޔަތުގެ ސަބަބުން

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ހިޒް އެކްސަލަންސީ ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާއަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އަރުއްވައިފިއެވެ.

މި ޢިއްޒަތް ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލަށް އެރުއްވީ، ހޯމަ ދުވަހުގެ މެންދުރުކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިކަމަށްޓަކައި ބޭއްވެވި ޚާއްޞަ ރަސްމިއްޔާތެއްގައެވެ.

މި ޢިއްޒަތް އެމަނިކުފާނަށް އެރުއްވީ ދިވެހިރާއްޖެއާއި ރާބިޠަތުލް ޢާލަމިލް އިސްލާމީއާ ދެމެދު އުފެދިފައިވާ އިސްލާމީ އުޚުއްވަތްތެރިކަމުގެ ގުޅުން ބަދަހިކުރެއްވުމަށާއި، އިސްލާމީ ވަޙުދަތު ދެމެހެއްޓެވުމަށާއި، ދުނިޔޭގައި އަމާންކަމާއި ޞުލްޙަމަސަލަސްކަން ޤާއިމުކުރެއްވުމަށް، ރާބިޠަތުލް ޢާލަމިލް އިސްލާމީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޑޮކްޓަރ މުޙައްމަދު ބިން ޢަބްދުލްކަރީމް އަލް ޢީސާ ދެއްވާ ޚާއްޞަ އަހަންމިއްޔަތުކަމުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

ނިޝާން ކަލާފާނުގެ ޝަރަފުގެ ޢިއްޒަތް، ނިސްބަތް ވަނީ އައްސުލްޠާން އިބްރާހީމް ކަލާފާނަށެވެ. މިއީ މީލާދީން 1585 އިން ފެށިގެން 1609 އަށް ރާއްޖޭގައި ރަސްކަންކުރެއްވި ބޭފުޅެކެވެ.

މުސްލިމް ވޯލްޑް ލީގް ނުވަތަ ރާބިޠަތުލް ޢާލަމިލް އިސްލާމިއްޔާއަކީ ސަޢޫދީ ޢަރަބިއްޔާގެ މައްކާގައި 1962 ވަނަ އަހަރު އުފެއްދި ބައިނަލްއަގްވާމީ ޖަމިއްޔާއެކެވެ. މި ޖަމްއިއްޔާއަކީ އިސްލާމްދީނުގެ ހަޤީޤީ އަދި މެދުމިނުގެ އުސޫލުތައް ސާފުކޮށްދީ، ކުރިއެރުވުމަށް މަސައްކަތްކުރާ ޖަމިއްޔާއެކެވެ. ދިވެހިރާއްޖޭގައިވެސް އެޖަމްއިއްޔާގެ ގިނަ ޙަރަކާތްތަކެއް ހިންގާފައިވެއެވެ.


Advertisement
- ކޮމެންޓް