ކ. މާލެ
|
7 ފެބްރުއަރީ 2022 | ހޯމަ 13:25
ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސްގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސްގެ އަރިހަށް ކުރެއްވި އިޚްތިރާމްގެ ޒިޔާރަތުގެ ތެރެއިން
ރައީސް އޮފީސް
މޫސުމަށް އަންނަ ބަދަލުތައް
ޖީސީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ރައީސްގެ އަރިހަށް އިޚުތިރާމުގެ ޒިޔާރާތެއް ކުރައްވައިފި
ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައި

ގްލޯބަލް ސެންޓަރ އޮން އެޑަޕްޓޭޝަން (ޖީސީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރ، ޑޮކްޓަރ ޕެޓްރިކް ވެރްކޮޔަން ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް އިޚްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

ހޯމަ ދުވަހުގެ މެންދުރު ކުރީގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖީސީއޭގެ ސީއީއޯ ރާއްޖެ ވަޑައިގެންނެވި ކަމަށްޓަކައި މަރުޙަބާ ދަންނަވާފައެވެ. އަދި، ދެބޭފުޅުން ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުންނާއި، މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމަށް ކުރެވެންހުރި ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ޖީސީއޭގެ ސީއީއޯއާ ޙިއްޞާކުރައްވައި އެކަންކަން ކާމިޔާބުކަމާއެކީ ކުރުމަށްޓަކައި، ބައިނަލްއަޤްވާމީ ބައިވެރިންގެ އެހީތެރިކަން ޚާއްޞަކޮށް މާލީ ކަންކަމުގައި ބޭނުންވާކަން ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ޖީސީއޭގެ ސީއީއޯ ވަނީ ރާއްޖޭގެ އިތުރުން އެހެން ބައިނަލްއަޤްވާމީ ފަރާތްތަކާއި އެކު ޖީސީއޭ އިން މޫސުމަށް އަންނަ ބަދަލުތަކަށް ހޭނުމާއި ގުޅޭގޮތުން ކުރަމުން އަންނަ ބައެއް މަޝްވަރާތަކާއި މަސައްކަތްތަކަށް އަލިއަޅުއްވާލައްވާ ވާހަކަފުޅުދައްކަވާފައެވެ. މީގެ އިތުރުން ވެސް ޖީސީއޭގެ ސީއީއޯ ވިދާޅުވި ގޮތުގައި ޖީސީއޭ އިން ރާއްޖެއަށް ހުށަހަޅާ ކަންކަމަކީ ރައީސް ސާލިޙްގެ ސަރުކާރުން ތިމާވެށީގެ ރޮނގުން ހާސިލްކުރަން ބޭނުންވާ ލަނޑުދަނޑިތައް ހާސިލްކުރުމަށް ބޭނުންވާ ޢަމަލީ މަސައްކަތް ހިމެނޭހެން ހުށަހަޅާ ކަންތައްތަކެކެވެ. އަދި ޑޮކްޓަރ ވެރްކޮޔަން ވަނީ ތިމާވެށީގެ ކަންކަމުގައި ޖީސީއޭގެ ފަރާތުން ރާއްޖެއަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަން ކަށަވަރުކޮށްދެއްވާފައެވެ.

ޖީސީއޭއަކީ މޫސުމަށް އަންނަ ބަދަލުތަކުން ޤައުމުތައް އަރައިގަތުމަށް ކުރާ މަސައްކަތުގައި އެހީތެރިވެދޭ ބައިނަލްއަޤްވާމީ ޖަމުޢިއްޔާއެކެވެ.


Advertisement
- ކޮމެންޓް