އިނގިރޭސި އެފްއޭ ކަޕުގެ ހަތަރުވަނަ ބުރުގައި އާދީއްތަ ދުވަހު ކުޅުނު މެޗުން ކާޑިފް ސިޓީ އަތުން މޮޅުވެ ފަސްވަނަ ބުރަށް ލިވަޕޫލް ދަތުރުކުރިއިރު، ނޮޓިންހަމް ފޮރެސްޓް އަތުން ބަލިވެ އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ ސިޓީ މުބާރާތުން ކަޓައިފިއެވެ.
އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ލިވަޕޫލް މޮޅުވީ ކާޑިފް އަތުން 3-1 ގެ ނަތީޖާއަކުންނެވެ.
މި މެޗުގެ ފުރަތަމަ ހާފުގައި ލަނޑެއް ނުފެނުނު ނަމަވެސް، ދެވަނަ ހާފު ފަށައިގެން އަށްވަނަ މިނެޓުގައި ލިވަޕޫލުން ވަނީ ލީޑު ނަގާފައެވެ. ޓްރެންޓް އަލެކްސަންޑަ-އާނޯލްޑް ހުރަސްކޮށްދިން ބޯޅައަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑިއޯގޯ ޖޮޓާއެވެ. އޭގެ ފަހުން ލިވަޕޫލުން ވަނީ ދާދި ފަހުން ޕޯޓޯ ދޫކޮށް އެ ޓީމާ އަލަށް ގުޅުނު ކޮލަމްބިއާގެ ފޯވާޑް ލުއިސް ޑިއާޒާއި، މީގެ ކުރިން އަނިޔާގައި ކުޅުމާ ދުރުގައި ހުރި ޒުވާން މިޑްފީލްޑަރު ހާވީ އެލިއަޓް ކުޅެން އަރުވާފައެވެ.
އެއާއެކު މެޗުގެ 68 ވަނަ މިނެޓުގައި ޑިއާޒްގެ އެހީތެރިކަމާއެކު ޓަކޫމީ މިނަމީނޯ ވަނީ ލަނޑެއް ޖަހައި، ލިވަޕޫލުގެ ލީޑު ފުޅާކޮށްދީފައެވެ. އަދި މެޗުގެ 76 ވަނަ މިނެޓުގައި ލިވަޕޫލުގެ ތިންވަނަ ލަނޑު ޖަހައިދިނީ އެލިއަޓެވެ. މި ލަނޑަކީ ފަސް މަސް ދުވަހު ކުޅުމާ ދުރުގައި ހުރެ ކުޅުމުގެ ތެރެއަށް އެނބުރި އައި އެލިއަޓް ލިވަޕޫލަށް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ. އޭގެ ފަހުން މެޗުގެ 80 ވަނަ މިނެޓުގައި ކާޑިފުން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ރުބިން ކޯލްވިލެވެ.
މި މޮޅާއެކު އެފްއޭ ކަޕުގެ ފަސްވަނަ ބުރަށް ލިވަޕޫލް ދަތުރުކުރިއިރު، އެ ބުރުގައި ލިވަޕޫލް ނުކުންނާނީ ނޮރިޗް ސިޓީއާ ދެކޮޅަށެވެ.
މީގެ އިތުރުން މި މުބާރާތުގެ ހަތަރުވަނަ ބުރުން ޗެމްޕިއަން ލެސްޓާ ކެޓީ އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން ނޮޓިންހަމް ފޮރެސްޓް އަތުން 4-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ.
ނޮޓިންހަމުގެ ދަނޑުގައި ކުޅުނު މި މެޗުގެ 23 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފިލިޕް ޒިންކާނަގެލެވެ. އަދި އޭގެ މިނެޓެއް ފަހުން ބްރެނެން ޖޯންސަން ނޮޓިންހަމަށް ލީޑު ފުޅާކޮށްދިންއިރު، މެޗުގެ 32 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ ޖޯ ވޮރަލެވެ.
އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ލެސްޓާއިން ވަނީ ލަނޑެއް ޖަހައި، ފަރަގު ކުޑަކޮށްފައެވެ. މި ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ކެލެޗީ އިހެނާޗޯއެވެ. ނަމަވެސް ދެވަނަ ހާފުގައި ނޮޓިންހަމުން އިތުރު ލަނޑެއް ޖެހިއިރު، މެޗުގެ 61 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޖެޑް ސްޕެންސެވެ.
މި ނަތީޖާއާއެކު ނޮޓިންހަމުން އެންމެ ފަހުގެ ޗެމްޕިއަން ލެސްޓާ މި މުބާރާތުން ކަޓުވާލިއިރު، މުބާރާތުގެ ތިންވަނަ ބުރުގައި އެ ޓީމުން ވަނީ ވަރުގަދަ އާސެނަލުުވެސް ކަޓުވާލާފައެވެ.