މާލެގެ ރަށްވެހިންގެ ބޯހިޔާވަހިކަމަށް ހައްލު ހޯދައިދިނުމަށް ރިޔާސީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވި ޕްލޭންގައި ހިމެނޭ ގިރާވަރު ފަޅުން 90 ހެކްޓަރުގެ ބިން ހިއްކާނެކަމަށް މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގެ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީން ގެނެސްދިން "ރިޔާސީ ބަޔާން 2022" ކަވަރޭޖްގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ, މާލޭގެ ރަށްވެހިންގެ ގޯތިގެދޮރުގެ މައްސަލައަށް ހައްލު ގެނައުމަށް ރައީސް ހާމަކުރެއްވި ޕްލޭނަކީ ހިސާބު ޖައްސަވައިގެން ވިދާޅުވި އަދަދުތަކެއްކަމަށެވެ.
ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، އަދި ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެކަމަށެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކައި, އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނެކަމަށް ރައީސް ވިދާޅުވިއެވެ.
އަސްލަމް ވިދާޅުވީ މިއަދަދުތައް އިތުރުކުރެެއްވުމަށްވެސް މަސައްކަތްކުރައްވާކަމަށެވެ. އެގޮތުން ހުޅުމާލޭގައި ހުރި ބިމުގެ ތެރެއިން ރީޕްލޭނެއް ކޮންމެސް ވަރަކަށް ކުރިކަމަށާއި, ބައެއް ކަންކަން ރީޕްލޭންކޮށްގެން އެއްހާހަށްވުރެ ތަންކޮޅެއް ގިނައިން ގޯތިދެވިދާނެކަމަށް ފެންނަކަމަށެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި މާލޭގެ ރައްޔިތުންނަށް ގޯތިދޭން ފަށާނެކަމަށް ވިދާޅުވީ މިއަހަރުގެ ޖޫންމަހުއެވެ. އަސްލަމް ވިދާޅުވީ ޔަގީނުންވެސް ހުޅުމާލެއިންނާއި ގުޅީފަޅުން ބިން ކަނޑާފައި ގޯތިދެވޭނެކަމަށާއި, އެކަމުގެ ރަނގަޅު ޕްލޭނެއް އެބައޮތްކަމަށެވެ. ގިރާވަރު ފަޅު ހިއްކައިގެން ބިން ދިނުމާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ, އެތަން ހިއްކައިގެން ބިންދޭނެ ޕްލޭނެއް އެބައޮތްކަމަށާއި ނަމަވެސް އަދި ވަކި ދުވަހަކު އެތަނުން ބިން ކަނޑާފައިދޭނެކަމަށް ވިދާޅުނުވާނެކަމަށެވެ. އެއީ އެކަމުގައި އަދި ކޮންޓްރެކްޓަރަކާ ހަމައަށް ގޮސްފައިނެތުމުންކަމަށެވެ.
ގިރާވަރު ފަޅުގައި ހިއްކުމުގެ ޕްލޭންގައި އަދި ބަޔަކާއެކު ކޮންޓްރެކްޓްގައި ސޮއިކޮށްފައި ނެތީމާ އަޅުގަނޑު މިވާހަކަ މިދައްކަނީ. ވަޔަބަލް ޕްރޮޖެކްޓެއް ގޮތަށް އަޅުގަނޑުމެންނަށް ފެންނަނީ. ދެން ރައީސް ވިދާޅުވީ ތިލަމާލެ ބްރިޖްވެސް އެހިސާބަށް ގެންގޮސް ގުޅާލަން ރައީސްގެ ވިޝަންގަ. މިވަގުތު ސޮއިކޮށްފައި އޮތީ ތިލަމާލެއާ ހަމައަށް އޮތް ކޮންޓްރެކްޓެއް. ދެން އެކޮންޓްރެކްޓަށް އަޅުގަނޑުމެން ގެންނަންޖެހޭ ބަދަލުތަކެއް ނުވަތަ އައު ކޮންޓްރެކްޓެއްގަ މަސައްކަތްކުރުން އޮތީ.މުހައްމަދު އަސްލަމް/ ހައުސިންގ މިނިސްޓަރ
އަސްލަމް ވިދާޅުވީ ގޯތިދޭނީ އެއްފަހަރާ ނޫންކަމަށެވެ. ގިރާވަރު ފަޅުން ގޯތި ދޫކުރެވޭވަރު ވާނީ 2023 ވަނަ އަހަރުގެ ފަހުކޮޅުގައި ކަމަށް ބެލެވޭކަމަށެވެ.
ދޫކުރާ ގޯތީގެ ސައިޒާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ ދޫކުރާ ގޯތި 1000 އަކަފޫޓަށް ވުރެ ކުޑަނުވާނެކަމަށެވެ.
ގޯތިތައް 1000 އަކަފޫޓަށްވުރެ ކުޑައެއް ނުވާނެ. ދެން ހުޅުމާލެ ގޯތިތަކުގައި އަޅުގަނޑުމެން ބަލާނަން ހުޅުމާލެ ޕްލޭނިންގ ގަވާއިދުގައި ހުރި މިންވަރަށް ބަލާފަ 1000 އަކަފޫޓް އޭރިއާ ލިބޭނެ ގޯތި ބަލާނީ. ދެން ގުޅީފަޅަށް އަޅުގަނޑުމެން ޕްލޭން ބަދަލުކޮށްފާނަން. އެހެންނަމަވެސް އެތަނުގަވެސް 1000 އަކަފޫޓް އޭރިއާގެ ބިލްޑް އަޕް ގޯތި ދޫކުރެވޭނެ.މުހައްމަދު އަސްލަމް/ ހައުސިންގ މިނިސްޓަރ
އަސްލަމް ވިދާޅުވީ މިގޯތިތައް ދޫކުރެވޭނީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ގޯތި ބޭނުންވެފައިވާ 5000 އާއިލާތަކަށްކަމަށެވެ. މާލޭގައި ޖެހި ހިސާބުތަކުން ފެންނަން ހުރީ މާލޭގެ ރަށްވެހިންގެ ތެރެއިން އެންމެ ބޮޑަށް ބިން ބޭނުންވާ 5000 އާއިލާ އުޅޭކަމަށާއި, ބޯހިޔާވަހިކަން ބޭނުންވާ 17،000 އާއިލާ އުޅޭކަމަށް ކަމަށެވެ.
މިސަރުކާރުން މާލޭގެ ރަށްވެހިންނަށް ގޯތިދިނުމަށް ނިންމިނިންމުމާ ގުޅޭގޮތުން އަސްލަމް ވިދާޅުވީ, 2008 ވަނަ އަހަރު އައި އެމްޑީޕީ ސަރުކާރުން ކުރިޔަށްގެންދިޔަ ވެށިފަހި މާލެ މަޝްރޫއަކީ ކާމިޔާބު މަޝްރޫއެއްގެ ގޮތުގައި ފެންނަކަމަށެވެ. އެގޮތުން އޭރު ބިން ދޫކުރި މީހުން މިހާރު ތިބީ ގެ ހަދައިގެން އެތަންތަނަށް ވަދެކަމަށް އަސްލަމް ވިދާޅުވިއެވެ. އެހެންކަމުން ފްލެޓާއި ގޯއްޗާއި ދެ ބައި ގެންގުޅެންޖެހޭކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސްގެ ރިޔާސީ ބަޔާނުގައި ވިދާޅުވީ ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށްފަހު ކަމަށެވެ.