ކ. މާލެ
|
3 ފެބްރުއަރީ 2022 | ބުރާސްފަތި 18:58
ހައުސިންގ މިނިސްޓަރ އަސްލަމް ރާއްޖެޓީވީގެ ކަވަރޭޖްގައި ވާހަކަދައްކަވަނީ
ހައުސިންގ މިނިސްޓަރ އަސްލަމް ރާއްޖެޓީވީގެ ކަވަރޭޖްގައި ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
މާލޭ ރަށްވެހިންގެ ބޯހިޔާވަހިކަމުގެ މައްސަލަ
ބައެއް ބޭފުޅުން އެނގިތިބެވެސް ގޯސްކޮށް ހިސާބު ޖައްސަވާ، ރައީސް ވިދާޅުވީ ޕްލޭންކުރެވި، ހަގީގަތަކަށް ހެދޭނެ އަދަދުތަކެއް: އަސްލަމް
ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށާއި، ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތް ކަމަށް މުއިއްޒު ވިދާޅުވި
އާންމު އުސޫލުން، މީހުން ދިރިއުޅޭ ބައިގެ ގޮތުގައި ހަމަޖައްސަނީ ބިމުގެ 35 އިންސައްތަކަމަށް އަސްލަމް ވިދާޅުވި
7 އަހަރު ހައުސިންގ މިނިސްޓަރުކަމުގައި ހުންނެވިއިރު ގޯތިދޭ ވާހަކަ މުއިއްޒު ނުދައްކަވާ ކަމަށް އަސްލަމް ވިދާޅުވި

މާލޭގެ ރަށްވެހިންނަށް ގޯތިދިނުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ރިޔާސީ ބަޔާން އިއްވަވަމުން ހާމަކުރެއްވި ޕްލޭނަށް މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ޖެއްސެވި ހިސާބަށް މިނިސްޓަރ އޮފް ހައުސިންގ ޕްލޭނިންގ އެންޑް އިންފްރާސްޓްރަކްޗަރ ރައްދުދެއްވައިފިއެވެ.

ރައީސް ސާލިހުގެ ހަތަރު ވަނަ ރިޔާސީ ބަޔާން އިއްވަވަމުން ވިދާޅުވީ, ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމައި، ބިންކަނޑައި، ގޯތީގެ ފަތް ދެއްވުމަށްފަހު ކަމަށެވެ. ރައީސް ވިދާޅުވީ މާލޭ ރަށްވެހިންނަށް ގޯތި ދިނުމަށް ނިންމަވާފައިވާކަމަށާއި އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެކަމަށެވެ. މީގެއިތުރުން ގިރާވަރު ފަޅު ހިއްކައިގެންވެސް ގޯތިދެއްވާނެކަމަށެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދޭނަން. މިމަސައްކަތް ތިޔަ ބޭފުޅުންނާއެކު މިއަހަރު ޖޫންގަ އަޅުގަނޑު ފަށާނަން. އަދި އޭގެ އިތުރަށް ގިރާވަރު ފަޅު ހިއްކާ، އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދޭނަން. ގިރާވަރު ފަޅަކީ ތިލަމާލެ ބްރިޖް އެދާ ގޮތަށް ގޮސް ގުޅާލެވޭ ތަނަކަށްވާނެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

ރައީސް އިތުރަށް ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ ބަޔާނުގައި ފާހަގަކުރެއްވި 5,000 ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި މިހާރު ކުރިޔަށްދާކަމަށެވެ. އަދި އިތުރު 2000 ހައުސިންގ ޔުނިޓްގެ މަސައްކަތް ހުޅުމާލޭގައި ފެށޭނެކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސްގެ މިވާހަކަފުޅާ ގުޅިގެން މާލެ ސިޓީ މޭޔަރ ކުރެއްވި ޓްވީޓްގައި ވިދާޅުވީ މާލޭ ރަށްވެހިންނަށް ހައގު މިންވަރަކީ އެންމެ ދެތިން ހާސް ގޯއްޗާއި ހައެއްްކަ ހާސް ފްލެޓެއްނޫންކަމަށެވެ. މާލޭގެ މީހުންނަށް 14،000 ގޯއްޗާއި 40،000 ފްލެޓް ދެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ. ހުޅުމާލެއިން މަދުވެގެން 4000 ގޯތި ދެވެން އެބައޮތް ކަމަށާއި, ގުޅިފަޅު ހިއްކައިގެން މަދުވެގެން 10،000 ގޯތި ދެވެން އެބައޮތްކަމަށް މުއިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ މިހިސާބުތަކާއި ގުޅިގެން ރާއްޖެޓީވީން ގެނެސްދިން "ރިޔާސީ ބަޔާން 2022" ކަވަރޭޖްގައި ވާހަކަދައްކަވަމުން ހައުސިންގ މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވީ, ރައީސް ވިދާޅުވި އަދަދުތަކަކީ ޕްލޭންކުރެވިގެން ރަނގަޅު ދިރާސާއަކާއެކު ވިދާޅުވި އަދަދުތަކެއް ކަމަށެވެ. އަސްލަމް ވަނީ ބިމެއް ހިއްކުމަށްފަހު އެ ބިމެއް ޕްލޭންކުރެވޭ އުސޫލު ވިދާޅުވެދެއްވާފައެވެ.

އެގޮތުން އާންމު އުސޫލުން މީހުން ދިރިއުޅޭ ބައިގެ ގޮތުގައި ހަމަޖައްސަނީ ބިމުގެ 35 އިންސައްތަކަމަށް އަސްލަމް ވިދާޅުވިއެވެ.

މިހުރިހާ ކަމަކީވެސް ޕްލޭންކޮށްފަ، ހިސާބު ޖަހާފަ، ބިމެއް ހިއްކާފަ، އެބިމުގެ ތެރެއިން މީހުން އާބާދުކުރާ ކަމަށްވާނަމަ އާންމު އުސޫލުން ބިމުގެ 35 އިންސައްތަ ދިރިއުޅޭ ބިމުގެ ގޮތުގައި ކަނޑައެޅޭނިީ. ބައެއް މިސާލުތައް ޖަހާނަން 11 ޕަސެންޓް ދާނެ މަދުވެގެން މަގުތަކަށް. ޕަބްލިކް ސްޕޭސް ހުންނަންޖެހޭނެ. ކޮމަރޝަލް ސްޕޭސް ހުންނަންޖެހޭނެ. މިހެންހުރޭ ޕްލޭނެއްގެ ތެރެއިން ކަނޑައެޅިފައި ހުންނަ ކަންތައްތަކެއް.
މުހައްމަދު އަސްލަމް/ ހައުސިންގ މިނިސްޓަރ

އަސްލަމް ވިދާޅުވީ ރައީސް ހާމަކުރެއްވި އަދަދުތަކަށް ކޮންމެސް ވަރެއް އިތުރުކުރެއްވުމަށް މަސައްކަތްކުރައްވާކަމަށެވެ. އަދި ހުޅުމާލެ ބިމުގެ ރީޕްލެއިންއެއް ކުރެއްވިކަމަށާއި ރީޕްލެއިން ކުރިއިރު 1000ށްވުރެ ތަންކޮޅެއް ގިނައިން ގޯތިދެވިދާނެކަމަށެވެ.

މުއިއްޒު ޖެއްސެވި ހިސާބަށް ރައްދުދެއްވަމުން އަސްލަމް ވިދާޅުވީ, މުއިއްޒުއާއެކު ހިސާބު ޖަހަން ލިބިވަޑައިގެންނެވި ފުރުސަތަކީ ހިޔާ ފްލެޓްތަކުގެ އީކުއޭޓެޑް މަންތުލީ އިންސްޓޯލްމަންޓް (އީ.އެމް.އައި) މެތަޑާ ގުޅޭގޮތުން ޖެއްސެވި ހިސާބުކަމަށެވެ. އަސްލަމް ވިދާޅުވީ ބައެއް ބޭފުޅުން އެނގިތިބެވެސް ނުބައި އަދަދުތައް ކިޔުއްވާކަމަށެވެ.

އަޅުގަނޑާ އެކީގަ ހިސާބެއްގެ ކަމެއްގައި މޭޔަރާ ދިމާވީ ހިޔާ ފްލެޓްތަކުގެ އީއެމްއައިއާ ގުޅޭގޮތުން ޖައްސަވާފަވާ ހިސާބު. އެހިސާބު ޖެއްސެވި ގޮތް އަޅުގަނޑަށް ހީވަނީ ސެކަންޑްރީ ސްކޫލް ކުއްޖަކުވެސް ޖަހާނެ އެހިސާބު އެއަށްވުރެ ރަނގަޅަށް. މޭޔަރަށް އެނގިވަޑައިގަންނަވާނެ އަސްލު އެކުރައްވާ ކަންތައް. ބައެއް ބޭފުޅުން ތިއްބަވާ ދެއްތޯ އެނގިގެން ތިބެވެސް ނުބައި އަދަދުތައް ކިޔާ. އެކަހަލަ އަދަދުތައް ކިޔާ ބޭފުޅުން ތިއްބަވާ.
މުހައްމަދު އަސްލަމް/ ހައުސިންގ މިނިސްޓަރ

އަސްލަމް ވިދާޅުވީ މުއިއްޒު ހަތް އަހަރު ދުވަސްވަންދެން ހައުސިންގ މިނިސްޓަރުކަމުގައި, ހުރިހާ ބާރަކާއެކު ހުންނެވިއިރު ގޯތީގެ ވާހަކަ ނުދައްކަވާ ކަމަށެވެ. މީގެކުރިންވެސް ގޯތިދީފައިވަނީ އެމްޑީޕީގެ ސަރުކާރުން ކަމަށާއި ދެންވެސް ގޯތިދޭނީ އެމްޑީޕީ ސަރުކާރުންކަމަށް އަސްލަމް ވިދާޅުވިއެވެ.

ދެން އަދަދުތަކެއް މިހެން ވިދާޅުވީމާ، 10،000 ގޯތި ދޭނަމޭ. އަދަދެއް ވިދާޅުވެ ދެވިދާނެ. އަޅުގަނޑަށް ވަރަށް ބޮޑަށް ފާހަގަކުރެވުނީ އަދަދު ވިދާޅުވުމުގައި އެހާ ބޮޑަށް ނުބައްލަވާ އަދަދު ވިދާޅުވާ ބޭފުޅެއްގެ ގޮތުގައި. އެއީ މަންތުލީ ޕޭމަންޓް ގެދޮރަށް ދައްކަން ޖެހުނުކަމުގައިވިޔަސް އީއެމްއައި ކަލްކިޔުލޭޓްކުރުމުގައި ވިޔަސް ބިމެއްގައި މީހުން ދިރިއުޅުމަށް ކަނޑައެޅޭނެ ޖާގަ ކަނޑައެޅި ކަމުގައިވިޔަސް މީގެ އެއްވެސް ކަމަކަށް ނުބައްލަވާ ސްޓޭޓްމަންޓްތަކެއް މޭކްކުރައްވާކަމަށް،. އެކަމަކު ތަކުރާރުކޮށް މިދަންނަވަނީ ފެންނަން އޮތް ހަގީގަތަކީ އެމްޑީޕީގެ ސަރުކާރެއްގައޭ ކުރިންވެސް މާލޭގެ ރައްޔިތުން ގޯތިދިނީ، ދެންވެސް މާލޭ ރައްޔިތުންނަށް ގޯތިދޭނީ. މިއަދު ރައީސް ޕްރެޒިޑެންޓް އެޑްރެސްގައި ވިދާޅުވީ ވާހަކައަކީ މިކަން ރަނގަޅަށް ބަލާފައި ޕްރެކްޓިކަލީ މިކަން ކުރެވެން ދެއްވި ނަންބަރުތައް އެއީ. މަސައްކަތްކުރާނަން އޭގެތެރެއަށް އިތުރުކުރެވޭތޯ ކޮންމެސް ވަރަކަށް.
މުހައްމަދު އަސްލަމް/ ހައުސިންގ މިނިސްޓަރ

މުއިއްޒު އެޖައްސަވާ ހިސާބުން ގުޅީފަޅުން ގޯތިދޭންޖެހޭނީ އެއްވެސް ހުސްތަންކޮޅެއް ނުބާއްވާކަމަށް އަސްލަމް ވިދާޅުވިއެވެ.

އަސްލަމް ވިދާޅުވީ މިސަރުކާރުން ކަންކަން އިއުލާންކުރާއިރު އެއީ ޕްރެކްޓިކަލީ ވާނެކަމެއްތޯ ރަނގަޅަށް ބަލާ ދިރާސާކުރާކަމަށެވެ. އެގޮތުން މާލޭގައި އެންމެ ބޮޑަށް ގޯތީގެ ދަތިކަން އިހުސާސްކުރަންޖެހިފައިވާ ފަސް ހާސް އާއިލާއަށް މި ފަސް އަހަރުތެރޭގައި ގޯތިދެވޭނެކަމަށެވެ. އެކަން ކުރެވޭނެ ރަނގަޅު ޕްލޭނެއް ސަރުކާރުގައި އެބައޮތް ކަމަށެވެ.

- ކޮމެންޓް