ރާއްޖެއިން ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓްގެ ޖުމްލަ ކެޕޭސިޓީ މިސަރުކާރުގައި ހިނގާދިޔަ 3 އަހަރުން ދެގުނަ ކުރެވިއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވަވަމުން ރައީސް ސާލިޙު ވިދާޅުވީ، 39 ރަށެއްގައި މުޅިން އަލަށް ޒަމާނީ އިންޖީނުގެތައް ބިނާކުރައްވާފައިވާ ކަމަށެވެ. އަދި މިހާރު ހިނގަމުންދާ އިތުރު 31 އައު އިންޖީނުގޭގެ މަސައްކަތްވެސް ބާރު ސްޕީޑުގައި ކުރިއަށްދާކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވަނީ ފާއިތުވި 70 އަހަރުން ހޯދުނު އަތޮޅުތެރޭގެ ކަރަންޓްގެ ޖުމްލަ ކެޕޭސިޓީ މި ހިނގާދިޔަ 3 އަހަރުން ދެގުނަ ކުރެވިފައިވާކަން ފާހަގަކުރައްވާފައެވެ.
ޤުދުރަތީ ގޮތުން ލިބިފައިވާ އެންމެ ބޮޑު އެއް ވަސީލަތަކީ އިރުގެ އަލިން ލިބޭ ހަކަތަކަން ފާހަގަކުރައްވައި ރައީސް ވަނީ ނޫ އިޤްތިޞާދަކަށް ބަދަލުވާއިރު އެންމެ މުހިއްމު އެއް ކަމަކީ އިރުގެ އައްޔާއި، ކަނޑުފަޅުގެ ވަސީލަތްތަކުން އިއާދަކުރަނިވި ހަކަތައިން އިޤްތިޞާދުގެ އިންޖީނު ހިންގުންކަމަށް ވިދާޅުވެފައެވެ. އެގޮތުން މިއީ އިޤްތިޞާދަށްވެސް އަދި މުސްތަޤްބަލުގެ ޖީލުތަކަށް ޤުދުރަތީ ވަސީލަތްތައް ވާޞިލްކޮށްދިނުމަށް އޮތް އެންމެ ރަނގަޅު ގޮތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، ވޭތުވެ ދިޔަ އަހަރު 63 ރަށެއްގައި އަވިން ކަރަންޓް އުފައްދާ ނިޒާމު ޤާއިމު ކުރެވުނު ކަމަށެވެ. އަދި ޖުމްލަ 128 ރަށެއްގައި މި ނިޒާމުގެ ޒަރީޢާއިން އުފައްދާ އަވި-ކަރަންޓުގެ ޖުމްލައަކީ 36.5 މެގަވޮޓްކަމަށް ރައީސް ވިދާޅުވިއެވެ. ހަމައެއާއެކު، އިތުރު 89 ރަށަކުން 25 މެގަވޮޓްގެ އަވި-ކަރަންޓް މިއަހަރު ތެރޭގައި އުފެއްދުމަށް ރޭވިފައިވާކަމަށާއި އަމާޒަކީ ހޯމް ސޯލާ ޕްރޮގްރާމްގެ ދަށުން މަދުވެގެން 1,000 ގޭބިސީގެ ފުރާޅު، މިއަހަރު މިނިޒާމުގެ ތެރެއަށް ގެނައުންކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައިވެސް އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފެއްދުމުގެ ނިޒާމު ޤާއިމްކުރުމަށް ސަރުކާރުން ވަނީ ޚާއްސަ ޕްރޮގްރާމެއް ފަށާފައެވެ. މިހާރުވެސް ބައެއް ސަރަހައްދުތަކުގައި މި ނިޒާމު ޤާއިމްކޮށް ބޭނުންކުރަމުންދާއިރު، ބައެއް ރަށްރަށުގައި މިނިޒާމު ޤާއިމްކުރުމަށް ވާންޖެހޭ ތައްޔާރީތައް ވަނީ ފަށާފައެވެ.