މިއަހަރުގެ މެދުތެރޭގައި އެސްޓީއޯގެ ދަށުން މިފްކޯ ވަކިކޮށް، މުޅިން ވަކި ކުންފުންޏަކަށް ހަދަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙު ވިދާޅުވެއްޖެއެވެ.
ރިޔާސީ ބަޔާން އިއްވެވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ސާލިޙު ވިދާޅުވީ، ދުނިޔެ ފުރަބަންދުވެ އިޤްތިޞާދީ ހަރަކާތް ހުއްޓި އާމްދަނީގެ ހުރިހާ މަގެއް ފަޅުވެ ދިޔައިރު، ފަޅުނުވެ އޮތީ ވަށާ މިއޮތް ދިވެހި ނޫފަޅުތަކާއި ރާއްޖޭގެ މަސްކަނޑުތައް ކަމަށެވެ. އެގޮތުން ފާއިތުވެ ދިޔަ 15 އަހަރުގެ ތެރޭގައި އެންމެ ގިނަ މަސް މިފްކޯއަށް ކިރުވީ ނިމިދިޔަ އަހަރުގައި ކަން ފާހަގަކުރައްވައި ރައީސް ސާލިޙު ވިދާޅުވީ، ބާނާ މަހަށް ލަސްނުކޮށް ފައިސާ ލިބޭނެކަމުގެ ޔަޤީންކަން މަސްވެރިންނަށް މިހާރު އޮންނާނެ ކަމަށެވެ.
ރައީސް ވިދާޅުވީ، އެސްޓީއޯގެ ދަށުން މިފްކޯ ވަކިކުރައްވައި، އަމިއްލަ ފައި މައްޗަށް ތެދުވެގެން ހިންގޭނެ ކުންފުންޏަކަށް މިއަހަރުގެ މެދު ތެރޭގައި މިފްކޯ ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން މިފްކޯގެ ކެޕޭސިޓީ އިތުރުކުރައްވާ ވާހަކަ މިދިޔަ ރިޔާސީ ބަޔާނުގައިވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.
މީގެއިތުރުން، 118 ދޯންޏެއްގައި މަސް ފިނިކުރާ ނިޒާމް ހަރުކުރުމަށް މިއަހަރުގެ ތެރޭގައި 59 މިލިއަން ރުފިޔާގެ ލުއި ލޯން ދޫކުރައްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މިފްކޯގެ ތާރީޚުގައިވެސް އެންމެ ގިނަ މަސް ކިރާފައިވަނީ ނިމިދިޔަ ޑިސެމްބަރު މަހުކަމަށް މިފްކޯއިން ވަނީ ބުނެފައެވެ.
މުޅި އަހަރަށް ބަލާއިރު 58،350 ޓަނުގެ މަސް ކިރާފައިވާއިރު، ޖުމުލަ އަގު 901،786،841 އަށް އަރާކަމަށް މިފްކޯއިން މައުލޫމާތުދެއެވެ. މިސަރުކާރު ވެރިކަމަށް އައުމަށްފަހުވެސް އަހަރަކުން އަހަރަކަށް މިފްކޯއިން މަސް ކިރާވަރު ވަނީ ބޮޑުތަނުން އިތުރުވެފައެވެ.
މިދުވަސްވަރު ރާއްޖޭގެ މަސްވެރިކަން އާދަޔާއި ޚިލާފަށް ރަގަޅުވެ، ހުރިހާ ހިސާބެއްގެ ދޯނިފަހަރު އެއްފަހަރާ މިފްކޯގެ ސެންޓަރުތަކާއި ބޯޓުފަހަރަށް މަސްކިރުވުމަށް ދަމުންދާތީ، މިފްކޯގެ ފްރީޒިންގ ކެޕޭސިޓީއަށް ވުރެ އިތުރަށް މަސް ލިބެމުން ދިޔުމާއެކު މަސްކިރުވުމަށް ދަތިތަކާވެސް ވަނީ ދިމާވެފައެވެ. އެ ކުންފުނީގެ މަސް ގަތުމުގެ ކެޕޭސިޓީއަށް ގެނެސްފައިވާ ހެޔޮ ބަދަލާއެކު މިހާރު ދުވާލަކު 400 ޓަނާއި 500 ޓަނުގެ މަސް ގަންނަމުންދާކަމަށް މިފްކޯއިން ބުނެފައިވެއެވެ.
ސަރުކާރުން ވަރަށް ބޮޑު ހޭދައެއް ކޮށްގެން މިިފްކޯގެ ވަރަށް ގިނަ ވަސީލަތްތަކެއް ތަރައްޤީކުރުމަށް މަސައްކަތް ކުރަމުން ދާއިރު ވަރަށް ގިނަ ކަންކަން މިހާރުވެސް ރަނގަޅު ކުރެވިފައިވާ ކަމަށް އެކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އިސްމާޢީލް ފައުޒީ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.