ކ. މާލެ
|
2 ފެބްރުއަރީ 2022 | ބުދަ 13:52
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު
ކުރީގެ ހައުސިންގ މިނިސްޓަރު އަދި މިހާރުގެ މާލެ ސިޓީގެ މޭޔަރު ޑރ.މުޙައްމަދު މުއިއްޒު
ރާއްޖެއެމްވީ
މުއިއްޒު ދޮގު ބަޔާނެއް ދެއްވިކަމަށް ބުނާ މައްސަލަ
މުއިއްޒު ދޮގު ބަޔާން ދެއްވިކަމަށް ހުށައަޅާފައިވާ ދައުވާއަކީ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅައިދޭން އެދިއްޖެ
މުއިއްޒު ދޮގު ބަޔާނެއް ދެއްވުމާއި ގުޅިގެން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފަ
މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ހަބީބް
ދައުލަތުން ހުށައަޅާފައިވާ ބައެއް ޝަފަހީ ހެކިން ބަލައި ނުގަތުމަށް އެދިފައިވޭ

ނޫމަޑި މައްސަލައިގައި ދޮގު ބަޔާނެއް ދީފައިވާކަމަށް ކުރީގެ ހައުސިންގ މިނިސްޓަރ އަދި މިހާރު މާލެ ސިޓީގެ މޭޔަރ ޑރ. މުޙައްމަދު މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާގެ އަޑުއެހުމެއް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލައިގައި ބުދަ ދުވަހު އޮތް އަޑުއެހުމަކީ ޝަރީއަތުގެ ކުރީގެ ހުށައެޅުންތަކަށް ވާހަކަ ދެއްކުމަށް ބޭއްވި އަޑުއެހުމެކެވެ. އެގޮތުން ދިފާއުން ވަނީ 4 ހުށައެޅުމެއް ހުށައަޅާފައެވެ. ބުދަ ދުވަހުގެ އަޑުއެހުމުގައި މުއިއްޒުގެ ވަކީލު އާދަމް ޝަމީމް ވަނީ ހުށައެޅުންތައް ހިއްސާ ކުރައްވާފައެވެ.

ފުރަތަމަ ހުށައެޅުމަކީ މުއިއްޒުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ކަންކަން ފުރިހަމަނުވާ ބާތިލު ދައުވާއެއްކަމަށް ކަނޑައަޅުއްވައި ދެއްވުމަށް އެދި ހުށައެޅުއްވި ހުށައެޅުމެކެވެ. އެގޮތުން މުއިއްޒު ކުރެއްވިކަމަށް ބުނާ ކުށް ކުރައްވާފައިވަނީ ކޮން ތަނެއްގައިކަން މިހާތަަނަށް ދައުލަތުން ސާފުކޮށް ބަޔާން ކޮށްދީފައިނުވާކަމަށް ދިފާއީ ވަކީލު ވިދާޅުވިއެވެ. އެގޮތުން ޙާދިސާ ހިނގި ތަނުގައި ނެތްކަމުގެ ދިފާއު ނަގަން ބަލާއިރުވެސް، ޙާދިސާ ހިނގި ތަން ނުވަތަ ކުށް ކުރި ތަން އެނގެން ޖެހޭކަމަށް ވަކީލު ވިދާޅުވިއެވެ.

ދެވަނަ ކަމަކީ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޔައުމިއްޔާއެއް ހާމަކޮށްދިނުމަށް އަމުރެއް ނެރެދެއްވުމަށް ހުށައެޅުއްވި ހުށައެޅުއްވުމެކެވެ. ނަމަވެސް އެ ޔައުމިއްޔާގެ ކޮޕީއެއް ދައުލަތުން މިހާރު ވަނީ ދީފައެވެ. އެ ހުށައެޅުން ދިފާއުން ވަނީ އަނބުރާ ގެންގޮސްފައެވެ.

ތިން ވަނަ ކަމަކީ ދައުލަތުން ހުށައަޅާފައިވާ ބައެއް ޝަފަހީ ހެކިންނަކީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ ދަށުން ޝަރީއަތަށް ޤަބޫލު ނުކުރެވޭނެ ހެކިތަކެއްކަމަށް ކަނޑައެޅުއްވުމަށް ހުށައެޅުއްވި ހުށައެޅުމެކެވެ. ހަތަރުވަނައަށް ވަނީ މި މައްސަލައިގައި ދައުލަތުން ހުށައަޅާފައިވާ އިކޮނޮމިކް އެންޑް ޔޫތު ކައުންސިލުގެ ޔައުމިއްޔާއެއް ޝަރީއަތަށް ބަލައިނުގަތުމަށް އެދި ހުށައެޅުއްވި ހުށައެޅުމެވެ. ސަބަބެއްގެ ގޮތުން ފާހަގަ ކުރެއްވީ، އާންމު އުސޫލުން ޔައުމިއްޔާތަކުގައި ސޮއި ކުރާކަން ދައުލަތުގެ ހެކިންގެ ބަޔާނުން އެނގެން އޮތް ނަމަވެސް، އެ ޔައުމިއްޔާގައި ސޮއި ނެތުމެވެ. ވުމާއެކު އެއީ ސައްޙަ ޑޮކިއުމަންޓެއްކަން އެނގެން ނެތްކަމަށް ވަކީލު ވިދާޅުވިއެވެ.

އެ ހުށައެޅުންތަކަށް ދައުލަތުން ވަނީ ތަފްސީލީ ގޮތެއްގައި ރައްދުވެސް ދެއްވާފައެވެ.

ކްރިމިނަލް ކޯޓުގައި މި މައްސަލަ ބައްލަވަނީ ގާޒީ ސޮފްވަތު ޙަބީބެވެ.

ނޫމަޑި ރިސޯޓްސް އެންޑް ރެސިޑެންސް އޭޖީ (ނޫމަޑި) އިން ދިވެހި ސަރުކާރުގެ މައްޗަށް ހުށަހެޅި އާރބިޓްރޭޝަން މައްސަލައިގައި އޭރުގެ ހައުސިންގ މިނިސްޓަރު ޑރ. މުޙައްމަދު މުއިއްޒު ދޮގު ބަޔާން ދެއްވާފައިވާ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައިވާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. އެގޮތުން ހައުސިންގ ޔުނިޓް މަޝްރޫޢާ ގުޅިގެން ނޫމަޑިއާއެކު ދިވެހި ސަރުކާރުން 2011 ގައި ވެފައިވާ ފޭސް 1 ގެ އެއްބަސްވުމާއި، 2013 ގައި ވެފައިވާ ފޭސް 2 ގެ އެއްބަސްވުމުގެ މަސައްކަތް އެ ކުންފުނިން ޝެޑިއުލްއާއި އެއްގޮތަށް ލަސްތަކެއްނުވެ ކުރަމުން ގެންދިޔަކަމަށް ވިދާޅުވި ކަމަށް ޕީޖީ އޮފީހުން ބުނެއެވެ. އަދި ނޫމަޑިއަށް ލަގްޒަރީ ވިލާ އެޅުމަށް ދިވެހި ސަރުކާރުން ދޫކޮށްފައިވާ ޅ. ދިއްފުށިމާދޫ ސަރުކާރުގެ ބޭނުމަށް ނެގުމުގެ މަޝްވަރާގައި ބައިވެރިވެފައި ނުވާކަމަށް ވިދާޅުވެ އެކަމުގައި ދޮގު ބާޔަނެއް ދީފައިވާކަމަށް ވެސް ޕީޖީ އޮފީހުން ފާހަގަ ކޮށްފައިވެއެވެ.

ރައީސް ޔާމީނުގެ ސަރުކާރުން ބާޠިލު ކުރި މި ދެ އެއްބަސްވުމުގެ މައްސަލައިގައި އޭރު ނޫމަޑިން، އާބިޓްރޭޝަނަށް ހުށަހެޅީ 155 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ހޯދުމަށެވެ. ކޯޓުގައި މި މައްސަލަ ހިނގަމުން ދަނިކޮށް އައު ސަރުކާރުން އެ ކުންފުންޏާއި ވާހަކަ ދައްކައި ބަދަލުގެ ގޮތުގައި 55 މިލިއަން ޑޮލަރު ދިނީ، ރައީސް އޮފީހުގައި އޮންނަ ސެޓްލްމެންޓް ކޮމިޓީން ނިންމައިގެންނެވެ. އެގޮތުން ނޫމަޑިއާއި އެއްކޮށް ނެގޯޝިއޭޓް ކުރުމަށްފަހު ރައިސުލްޖުމްހޫރިއްޔާގެ އިޒުނަފުޅާއެކު ނޫމަޑިއާ ދެމެދު ސެޓްލްމެންޓް އެގްރީމެންޓެއްގައި ސޮއިކޮށްފައި ވަނީ 24 އޮގަސްޓް 2019 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
2 ފެބްރުއަރީ 2022 | ބުދަ 21:44
މިސްޓަރ ޓިނޭ
ދައުލަތަކީ ރައްޔިތުން، މިކަލޭގެ ދޮގު ހެކި ދިނުމާއި ގުޅިގެން ރައްޔިތުންނަށް ވީ ގެއްލުމެއް، ބަދަލު ހޯދަންޖެހޭ