ހިއުމަން ޓްރެފިކިންގ މައްސަލައެއްގައި ހައްޔަރުކުރި މީހެއްގެ ބަންދުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި މައްސަލައާއި ގުޅިގެން ހައްޔަރު ކޮށްފައިވަނީ ސ.ހުޅުދޫ ރޯޝަނީމާގޭ އުމުރުން 55 އަހަރުގެ މޫސާ ފަތުޙީ އެވެ. އެގޮތުން ކޯޓު އަމުރެއްގެ ދަށުން އޭނާ 10 ދުވަހުގެ މުއްދަތަށް ބަންދު ކޮށްފައި ބެހެއްޓުމަށް 7 ޖެނުއަރީގައި ކްރިމިނަލް ކޯޓުން ވަނީ އަމުރު ކޮށްފައެވެ. އެމީހުންގެ ބަންދުގެ މުއްދަތު ހަމަވާނީ ޖެނުއަރީ 16 އަށެވެ.
އޭރު ކޯޓު އަމުރުގައި ބުނެފައިވާ ގޮތުގައި އޭނާގެ މައްޗަށް ތުހުމަތު ކުރެވޭ ވަރަށް ހެއްކާއި ޤަރީނާ ވަނީ ހުށައަޅާފައެވެ. އެގޮތުން ކުށުގެ ޝިކާރައަކަށްވީ ފަރާތް ދީފައިވާ ބަޔާނާއި، އިތުރު ހެކިން ދީފައިވާ ބަޔާންތަކުން ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގައި ބަޔާންކޮށްފައިވާ ވާހަކަތަކަށް ބާރުދޭކަމަށް ވަނީ ބުނެފައެވެ. އޭނާ ބަންދު ކޮށްފައިވަނީ ބަންދުން ދޫކޮށްލައިފިނަމަ މުޖުތަމައުގެ ސަލާމަތަށް ނުރައްކާ ވެދާނެކަމަށް ބަލައި، އަދި ހެއްކަށް ނުފޫޒު ފޯރުވުމުގެ އިހުތިމާލުވެސް އޮތުމުންކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
މޫސާ ފަތުޙީ ވަނީ މިއީ ރަހުމަތްތެރިއަކު ބުނެގެން ކޮށްދިން ކަމެއްގެ ސަބަބުން އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތެއްކަމަށް ބުނެފައެވެ. އެހެންނަމަވެސް ބަންދު މަޖިލީހުގައި އޭނާ ދެއްކި ވާހަކަތަކާއި، މި މައްސަލައާއި ގުޅިގެން ހުށައަޅާފައިވާ ލިޔެކިޔުންތަކުގައި ބޮޑެތި ފުށުއެރުންތަކެއް ހުރިކަން ފާހަގަވާކަމަށް ކޯޓު އަމުރުގައި ބުނެފައިވެއެވެ.
ކްރިމިނަލް ކޯޓުގައި އޭރު އެ އަމުރު ނެރުއްވީ ގާޒީ އާދަމް މުޙައްމަދުއެވެ. ފަހުން ބަންދު މުރާޖައާ ކޮށްފައިވާއިރު، 30 ޖެނުއަރީގައި ގާޒީ ޙަސަން ސައީދު ވަނީ އޭނާގެ ބަންދުގެ މުއްދަތު އިތުރު 4 ދުވަހަށް އިތުރުކޮށްފައެވެ. އެގޮތުން މުއްދަތު މަޖިލިސް ކުރިއަށް ގެންގޮސްފައިވަނީ އޭނާގެ ޣައިރު ހާޒިރުގައެވެ. ސަބަބަކީ އޭނާއަކީ ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީން ކޮށްފައިވާ ފަރާތެއްކަން އެނގޭ ލިޔެކިޔުން ކޯޓަށް ހުށައަޅާފައިވާތީއެވެ. އޭނާގެ ކަރަންޓީން މުއްދަތު ނިމުމުން، 24 ގަޑިއިރުގެ ތެރޭގައި ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރަންޖެހޭނެކަމަށްވެސް އަމުރުގައި ބަޔާން ކުރައްވާފައިވެއެވެ.
މި މައްސަލައާއި ގުޅޭގޮތުން ފުލުހުންގެ ފަރާތުން ކޯޓުގައި ދައްކާފައިވާ ވާހަކަތަކަށް ބަލާއިރު، މިއީ ގިނަ ބަޔަކު ހިމެނޭ މައްސަލައެއްކަމަށް ފުލުހުން ފާހަގަ ކުރެއެވެ. އަދި މި މައްސަލައިގައި ރާއްޖެއާއި ރާއްޖެއިން ބޭރުގެ ބައެއްވެސް ހިމެނޭކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެގޮތުން މި މައްސަލައާއި ގުޅިގެން ހ. ސީސްޕީޑް މުޙައްމަދު ވަޙީދުވެސް އޭރު ހައްޔަރުކުރިއެވެ.