Advertisement
ކ. މާލެ
|
1 ފެބްރުއަރީ 2022 | އަންގާރަ 13:18
ހައިކޯޓު- އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައި
ހައިކޯޓު- އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށްވެސް ދެފަރާތުން ވަނީ އެއްބަސްވެފައި
ރާއްޖެއެމްވީ
ޒިކުރާ މިސްކިތުގެ މައްސަލަ
111 މިލިއަން ރުފިޔާ ހޯދުމަށް ކުރި ދައުވާ އެސްޖޭގެ އެދުމުގެ މަތިން ބާތިލުކޮށްފި
މިނިސްޓްރީއާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށްވެސް އެއްބަސްވޭ
111 މިލިއަން ރުފިޔާ އެކުންފުންޏަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ޙުކުމްވެސް ކޮށްފައި
30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައިދިނުމަށް ވަނީ އެއްބަސްވެފައި

ޒިކުރާ މިސްކިތުގެ މައްސަލައިގައި އިސްލާމިކް މިނިސްްޓްރީ އާއި އެސްޖޭ އެއްބަސްވުމަކަށް އައިސްފައިވާތީ، އެ ކުންފުނިން ދައުލަތާއި ދެކޮޅަށް ހައިކޯޓުގައި އިސްތިއުނާފު ކޮށްފައިވާ މައްސަލަ އަނބުރާ ގެންގޮސްފިއެވެ.

ޒިކުރާ މިސްކިތް އިމާރާތްކުރުމުގެ އެއްބަސްވުން އިސްލާމިކް މިނިސްޓްރީން އުވާލުމާއި ގުޅިގެން އެސްޖޭ ކޮންސްޓްރަކްޝަނުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ނަގާދިނުމަށް އެދުނު 111 މިލިއަން ރުފިޔާ އެކުންފުންޏަށް ދޭން ނުޖެހޭ ކަމަށް ސިވިލް ކޯޓުން ވަނީ ޙުކުމްކޮށްފައެވެ. އެ ނިންމުން ހައިކޯޓުގައި އިސްތިއުނާފުކޮށް، ޙުކުމަކާއި ހިސާބަށް ގޮސްފައިވަނިކޮށް އެސްޖޭ ކުންފުނިން ވަނީ ދައުވާތައް އަނބުރާ ގެންދަން ބޭނުންވާކަން ބަޔާންކޮށް ކޯޓަށް ސިޓީއެއް ފޮނުވާފައެވެ. އެސްޖޭގެ ސިޓީގައި ބަޔާންކޮށްފައިވަނީ އިސްތިޢުނާފް ފޯމް ބާޠިލުކޮށް ދެއްވުމަށާއި މިމައްސަލަ އަނބުރާ ގެންދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށެވެ.

އެގޮތުން 30 ޖެނުއަރީގައި މި މައްސަލައިގައި ޙުކުމް ކުރުމަށް ކުރިން އޮތީ ތާވަލު ކޮށްފައެވެ. ނަމަވެސް އެސްޖޭގެ ސިޓީއާއި ގުޅިގެން ހައިކޯޓުގައި މި މައްސަލަ ބައްލަވާ ފަނޑިޔާރުންގެ މެދުގައި މަޝްވަރާ ކުރެއްވުމަށްފަހު ބެންޗުގެ އަޢުލަބިއްޔަތުން ވަނީ މި މައްސަލައިގެ ދައުވާ ފޯމު ބާތިލު ކުރެއްވުމަށް ނިންމަވާފައެވެ. ހައިކޯޓުގައި މި މައްސަލަ ނިންމެވީ ފަނޑިޔާރު މުޙައްމަދު ނިޔާޒުއާއި، ފަނޑިޔާރު ހުސައިން މަޒީދުގެ އިތުރުން، ފަނޑިޔާރު ހުސައިން ޝަހީދެވެ.

ދައުލަތުންވެސް މީގެ ކުރިން ވަނީ އެސްޖޭ ކުންފުންޏަށް ދީފައިވާ 30 މިލިއަން ރުފިޔާ އަނބުރާ ހޯދުމަށް އެދި މައްސަލަ ހުށައަޅާފައެވެ. އެ މައްސަލައާއި ގުޅިގެން ދައުވާ އުފުލާފައިވަނީ 2021 ވަނަ އަހަރުއެވެ.

އެހެންނަމަވެސް، ދައުލަތުން ހުށައެޅި މައްސަލައިގެ ޑިސްޕިއުޓް ރިޒޮލިއުޝަން މަރުޙަލާގައި، 30 މިލިޔަން ރުފިޔާގެ ބަދަލުގައި ދެފަރާތަށް އެއްބަސްވެވޭ ގޮތެއްގެ މަތިން މިސްކިތެއް އަޅައި ދިނުމަށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑުން ވަނީ ހުށައަޅާފައެވެ. އެ ހުށަހެޅުމާއި ގުޅިގެން މިނިސްޓްރީއާއި އެސްޖޭ ކޮންސްޓްރަކްޝަނާއި ދެމެދު ކުރެވުނު މަޝްވަރާތަކުގައި ދެފަރާތަށް އެއްބަސްވުމަކަށް އާދެވިފައިވާތީ، އެޓަރނީ ޖެނެރަލްގެ އޮފީހުގެ ލަފައާއެކު، އެ މައްސަލަ ކޯޓުން ބޭރުގައި ޙައްލުކުރުމަށް މިނިސްޓްރީން ވަނީ ނިންމާފައެވެ.

Advertisement

އެމައްސަލަ ކޯޓުން ބޭރުގައި ޙައްލު ކުރުމަށް ނިންމުމާއެކު، 23 ޖަނަވަރީ 2022 ގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ދެފަރާތަށް އެއްބަސްވެވުނު ކަންތައްތަކުގެ މައްޗަށް އެކުލެވޭ ސެޓްލްމަންޓް އެއްބަސްވުމުގައި މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ޢަލީ އަދި ކުންފުނީގެ ޑިރެކްޓަރ ޝިހާދު އިބްރާހީމް ވަނީ ސޮއިކުރައްވާފައެވެ.

އަދި މި އެއްބަސްވުމުގައި ސޮއިކުރެވުމާއެކު، މިނިސްޓްރީ އާއި ކުންފުނިން އެއްފަރާތުން އަނެއްފަރާތުގެ މައްޗަށް އުފުލާފައިވާ އެންމެހާ ދަޢުވާތައް ކޯޓުން ނެގުމަށްވެސް ދެފަރާތުން އެއްބަސްވީއެވެ.

ރާއްޖެއެމްވީ އާއި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރު ޑރ.ޒާހިރު ވިދާޅުވި ގޮތުގައި މިމައްސަލަ ކޯޓު މަރުޙަލާއިން ނިމިގެންދާނަމަ އެކަމަށް ޒަމާންތަކެއް ނެގުންވެސް އެކަށީގެންވެއެވެ. އެގޮތުން ދަށު ކޯޓުން ފަށައިގެން މަތީ ކޯޓުތަކުގައި މި މައްސަލައިގެ އެކި މަރުޙަލާތައް ކުރިއަށް ގޮސްފިނަމަ، އެކަމަށް އެތައް އަހަރެއް ހޭދަވެގެންގޮސް، ދައުރު ނިމޭއިރުވެސް އެކަން ވަކި ކޮޅެއްގައި ނުޖެހި ގޮސްދާނެއެވެ. އޭގެ ބަދަލުގައި ދައުލަތަށްވެސް އަދި ރައްޔިތުންނަށް ފައިދާ ބޮޑު ގޮތަކީ، މި މައްސަލަ ކޯޓުން ބޭރުގައި މިހާރު ޙައްލު ކޮށްފައިވާ ގޮތަށް އެ ފައިސާގެ ބަދަލުގައި މިސްކިތެއް އަޅައިދިނުންކަމަށް އިސްލާމިކް މިނިސްޓަރު ވިދާޅުވިއެވެ.

މިހާރު މިނިސްޓްރީން އެސްޖޭ ކުންފުންޏާއި ޙަވާލު ކޮށްފައިވާ މިސްކިތުގެ އަގަކީ 35,087,951.86 (ތިރީސް ފަސްމިލިއަން އަށްޑިހަ ހަތްހާސް ނުވަސަތޭކަ ފަންސާސް އެއްރުފިޔާ އަށްޑިހަ ހަ ލާރި) އެވެ. މިނިސްޓަރ ވިދާޅުވާ ގޮތުގައި މިސްކިތް އިމާރާތްކުރުމަށް 30 މިލިޔަން ރުފިޔާއަށްވުރެ އިތުރަށް ހިނގާ ޚަރަދު، އެސް.ޖޭ ކޮންސްޓްރަކްޝަން ޕވޓ ލޓޑގެ ފަރާތުން ޚަރަދު ކުރާގޮތަށް އެ ކުންފުނިން ވަނީ އެއްބަސްވެސްވެފައެވެ.

ޖުމްލަ 427 ދުވަހުގެ ތެރޭގައި ހުޅުމާލެ ދެވަނަ ފޭސް ގައި އިމާރަތްކުރާ މި މިސްކިތުގެ މަސައްކަތް ނިންމަންޖެހެއެވެ. މި މިސްކިތުގެ ޖާގައަށް ބަލާއިރު، މެއިން ހޯލް އަދި އައުޓް ޑޯރ އާއެކު 3000 މީހުންނަށް ނަމާދުކުރެވޭ އިންތިޒާމު ހަމަޖެހިފައިވެއެވެ. އަދި މިސްކިތުގައި އަންހެނުން ނަމާދުކުރެވޭ އިންތިޒާމުވެސް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް