ކ. މާލެ
|
14 ނޮވެންބަރ 2021 | އާދީއްތަ 15:00
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރު
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރު
މުހައްމަދު ޝަރުހާން
ޒިކުރާ މިސްކިތުގެ މައްސަލަ
ޑރ. ޒިޔާދުގެ މައްސަލަ މި ހަފުތާގައި އިސްތިއުނާފު ކުރާނެ
އިސްތިއުނާފު ކުރުމަށް ގާނޫނުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ލިބޭ
ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2 ނޮވެމްބަރު 2021 ގައި
ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ކޯޓުން ނިންމި

ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ވެރިކަމުގައި އިސްލާމިކް މިނިސްޓަރުކަން ކުރެއްވި، ޑރ. އަހުމަދު ޒިޔާދު ބާގިރުގެ މައްޗަށް ދައުލަތުން އުފުލާފައިވާ ދައުވާ ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން މި ހަފުތާގެ ތެރޭގައި އިސްތިއުނާފު ކުރައްވާނެ ކަމަށް ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި ޝަމީމް ވިދާޅުވީ، ޑރ. ޒިޔާދުގެ އިތުރުން މި މައްސަލައިގައި ދައުވާ އުފުލީ މ. މުހައްމަދީއާބާދު އިބްރާހީމް އަބްދުﷲ ސައީދުގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފު ކުރުމަށް ނިންމަވާފައިވާ ކަމަށެވެ. މި ހަފުތާގެ ތެރޭގައި އިސްތިއުނާފުކޮށް ހައިކޯޓަށް މައްސަލަ ހުށައަޅުއްވާނެކަން ޝަމީމް ފާހަގަ ކުރެއްވިއެވެ.

ކްރިމިނަލް ކޯޓުގެ ނިންމުން އިސްތިއުނާފު ކުރުމަށް ގާނޫނުގެ ދަށުން 60 ދުވަހުގެ މުއްދަތެއް ލިބެއެވެ.

އެ ދެމީހުންގެ މައްޗަށް ކުށް ސާބިތުނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމްކުރީ 2 ނޮވެމްބަރު 2021 ގައެވެ.

ކްރިމިނަލް ކޯޓުން ވަނީ ޑރ. ޒިޔާދު ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމަށް ކުރި އަމަލެއް ބުނެދެވިފައިނުވާކަމަށް ނިންމާފައެވެ. އަދި ކުށް އިބާރާތެއް އޮތްކަން ފާހަގަވި ހިސާބުން އަމިއްލަ އިސްނެގުމަށް އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ފެށިކަން ވެސް ފާހަގަކޮށްފައިވެއެވެ.

އޭގެ އިތުރުން، އިބްރާހީމް އަބްދުﷲ ސައީދަކީ މިސްކިތްތަކާއި އިމާރަތްކުރުމާބެހޭ ސެކްޝަންގެ އިސްވެރިޔާ ކަމަށާއި، ޓެކްނިކަލް ރިޕޯޓު އެކުލަވާލުމުގައި އޭނާގެ ދައުރު އޮތްކަން އެނގެން އޮންނަކަން ބަޔާންކޮށްފައިވެއެވެ. ނަމަވެސް، އެސްޖޭ ކޮންސްޓަރްޝަނާ ޕްރޮޖެކްޓް ޙަވާލުކުރީ ފިނޭންސްގެ ކޮމިޓީން ހުއްދަދީ، ރައީސް އޮފީހުން އަންގައިގެންކަން އެނގެން އޮންނަކަމަށް ހުކުމުގައި ބުނެފައިވެއެވެ. އަދި އެއްބަސްވުމާ ގުޅިގެން ލީގަލް އޮޕީނިއަން ހޯދާފައި ނުވުމަކީ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުން ކަމަށް ދައުލަތުން ބުނި ނަމަވެސް، ޕްރޮޖެކްޓުގެ އެއްބަސްވުމާ ހަމައަށް ވާސިލުވުމުގެ މަރުހަލާގައި އިބްރާހިމް އަބްދުﷲ ސައީދުގެ ދައުރެއް ނެތްކަމަށް ހުކުމުގައި ބަޔާންކޮށްފައިވެއެވެ.

ޝަރީއަތުން ވަނީ ދައުލަތުގެ ދައުވާގައި ފާޅުކަން ބޮޑު ގޮތެއްގައި އުނިކަންތައްތަކެއް ހުރިކަމަށް ވެސް ބަޔާންކޮށްފައެވެ. އަދި މި މައްސަލައިގައި ޑރ. ޒިޔާދާއި އިބްރާހިމް އަބްދުﷲ ސައީދުގެ މައްޗަށް ކޮށްފައިވާ ދައުވާ ސާބިތުނުވާކަމަށް ހުކުމް ކޮށްފައެވެ.

- ކޮމެންޓް