ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 17:59
ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަރުތީބުކޮށްފައި ވަނީ ސީދާ ރައްޔިތުންނަށް ނަފާ ލިބޭ ގޮތަށް
ސަރުކާރުގެ ތަރައްގީގެ ސިޔާސަތުތައް ތަރުތީބުކޮށްފައި ވަނީ ސީދާ ރައްޔިތުންނަށް ނަފާ ލިބޭ ގޮތަށް
ރައީސް އޮފީސް
މަގޭ ރިޕޯޓް
މިއީ ކަޑަޖަހާ ސަރުކާރެއް ނޫނެވެ.
 
ފެނަކައިން ދަނީ 100ށް ވުރެ ގިނަ ރަށްރަށުގެ އިންޖީނުގެ ޒަމާނީ ފެންވަރަކަށް ބަދަލުކުރަމުން
 
އެމްޑަބްލިއުއެސްސީން 50އާ ގާތްކުރާ އަދަދަކަށް ޕްރޮޖެކްޓް ހިންގާ
 
އެމްޓީސީސީއާ ހަވާލުކޮށްގެން އެކަނި ވެސް 300ށްވުރެ ގިނަ މަޝްރޫއު ކުރިއަށްދޭ

ސަރުކާރު ސްލޯއެވެ. އެއްވެސް ކަމެއް ނުކުރެއެވެ. ރައްޔިތުންނަށް ކޮށްދިން ކަމަކީ ކޮބައި ހެއްޔެވެ؟ މިއީ ހުއްޓުމެއް ނެތި ކުރާ ސުވާލުތަކެވެ. ސަރުކާރުގެ ތަރައްގީ ގަބޫލުކުރާ ބަޔަކަށް އެކަން ފެންނާނެއެވެ. ކަމެއް ނުކުރާކަމަށް ދައްކަން ބޭނުންވާ ފަރާތްތަކަށް އެއްވެސް ކަމެއް ނުފެންނާނެއެވެ.

ތަރައްގީއަކީ ހަމައެކަނި އުސް އިމާރާތާއި ތާރުއެޅި މަގާއި، ކޮންކްރީޓް ފާލަންކަމުގައިވާ ނަމަ އަމުދުން އެ ނުފެންނާނެއެވެ. ޒަމާންތަކެއް ވަންދެން އަތޮޅުތެރޭގެ ގިނަ ރަށްރަށުގެ ރައްޔިތުން ތިބީ ނަޖިސްފެނުން ފެންވަރައިގެންނެވެ. ގައިން ތާހިރުވާނެ ގޮތެއްވެސް ނެތިއެވެ. ތަރައްގީ ނުކުރެވި އޮތީ އަސާސީ ޚިދުމަތެވެ. ތަރައްގީ ފެށިގެން އަންނަނީ ވެސް ރައްޔިތު މީހާ ގައިން ތާހިރުވާ ހިސާބުންނެވެ.

މީހުން ދިރިއުޅޭ ރާއްޖޭގެ ހުރިހާ ރަށެއްގައި ފެނާއި ނަރުދަމާ ގާއިމުކުރުމުގެ މަސައްކަތް، މި ސަރުކާރުގެ ފުރަތަމަ ދުވަހު ފެށިއެވެ. މަޝްރޫއުތައް ހަވާލުކުރަމުން، މަސައްކަތް ނިންމައި ޚިދުމަތް ދިނުމުގައި އަވަދިނެތި ސަރުކާރު ދަނީ މަސައްކަތް ކުރަމުންނެވެ. ސަރުކާރުން އިހަކަށްދުވަހު ހާމަކުރި ގޮތުގައި ބާކީ ހުރި 16 ރަށެއްގެ ނަރުދަމާއާއި، 23 ރަށެއްގެ ފެނުގެ ނިޒާމު އޮތެވެ. އެކަންވެސް ހަވާލު ކޮށްފިއެވެ. މިއީ ތަރައްގީ ނޫންކަމުގައި ދަންނަވާނަމަ, ދެން ތަރައްގީއަކީ ކޯއްޗެއްތޯ ސުވާލު ކުރެވެން ޖެހެއެވެ.

ވޭތުވެދިޔަތަނުގައި އައި ހުރިހާ ސަރުކާރަކަށް ނިންމިފައިވަނީ 69 ރަށުގެ ނަރުދަމާއާއި 37 ރަށުގެ ފެނުގެ ނިޒާމެވެ. 118 ރަށުގެ ނަރުދަމާ އޮތީ ނާޅައެވެ. 150 ރަށުގެ ފެނުގެ ނިޒާމް އޮތީ ގާއިމުނުކުރެވިއެވެ. ނަމަވެސް މި ސަރުކާރުން އެކަމެއް ދުލެއް ނުކުރިއެވެ. ސަބަބަކީ ހަމަ ހަގީގަތުގައިވެސް ތަރައްގީގެ ވާހަކަ ދައްކަން ފަށަން ޖެހޭނީ ގައިން ތާހިރުވެ ތިބެގެން ކަމަށްވާތީއެވެ.

މިއީ ބިމު އަޑީގައި ގާއިމުކުރެވޭ ނިޒާމަކަށްވާތީ ބައެއް މީހުންގެ ލޮލަށް މި ނުފެނި އެއީ ތަރައްގީކަމުގައި ނުދެކޭކަމަށް ވެސް ވެދާނެއެވެ. ނަމަވެސް އެތައް ހާސް ރައްޔިތުންނެއް ދަނީ މިއަދު މި ތަރައްގީއާއެކު އެންމެ އަސާސީ ޚިދުމަތްތައް ލިބިގަންނަމުންނެވެ.

ރާއްޖެ ތަރައްގީކުރިކަމަށް ބުނާ ވެރިކަމެއް ނިމިގެން 5 އަހަރު ވެރިކަން ކުރި އިރު ތަރައްގީ ޖަމާކުރީ ފުރަ މާލެއަށެވެ. މާލެއަށް އެންމެން އެއްފަސްކުރުމުގެ ޚިޔާލެއްގައެވެ. އަތޮޅުތެރެ އޮތީ ދޫކޮށްލެވިފައެވެ. ވަކިން ޚާއްސަކޮށް ކުދި އާބާދީތައް އެއްފަރާތްކޮށްފައެވެ. އެހެންކަމުން މާލެ ސަރަހައްދުގައި މި ސަރުކާރުން އުސްއިމާރާތާއި ކޮންކްރީޓް ފާލަން ނާޅާތީ ތަރައްގީ ނުފެންނަނީކަމަށް ވެދާނެއެވެ. އަތޮޅުތެރޭގައި ކުރާ ކަމެއް, އުސް އިމާރާތްތަކުގެ މަތީގައި ތިބެގެން ނުފެންނަނީކަމުގައި ވެސް ވެދާނެއެވެ.

އަތޮޅު ތެރޭގައި މިހާރުވެސް އެމްޓީސީސީއާއި ހަވާލުކޮށްގެން 350ށްވުރެ ގިނަ ޕްރޮޖެކްޓް އެބަ ކުރިއަށްގެންދެއެވެ. މީގެ ތެރޭގައި ރަށްރަށުގެ ބަނދަރު ހެދުމާއި، މަގު ހެދުމާއި، ހޮސްޕިޓަލް އިމާރާތް ކުރުމާއި، ދަތުރުފަތުރުގެ ނިޒާމުން މުޅި ރާއްޖެ ގުޅުމާލާ ބޮޑު ޕްރޮޖެކްޓާއި، ބިން ހިއްކުމާއި، ބޯހިޔާވަހިކަން ހިމެނެއެވެ. އެމްޑަބްލިއުއެސްސީން 50އާ ގާތްކުރާ އަދަދެއްގެ ޕްރޮޖެކްޓްދަނީ ހިންގަމުންނެވެ. ފެނަކަ ކޯޕަރޭޝަނުން 100ށްވުރެ ގިނަ ރަށްރަށުގައި ހުރި ބައު އިންޖީނުގެތައް ޒަމާނީ އިންޖީނުގެތަކަށް ބަދަލުކޮށް, ދަނީ ކަރަންޓު ފޯރުކޮށްދިނުމުގެ އަސާސީ ހިދުމަތަށް އިންގިލާބީ ބޮޑު ބަދަލެއް ގެންނަމުންނެވެ.

ސަރުކާރުން ޕީއެސްއައިޕީގެ ގޮތުގައި 2020 ވަނަ އަހަރު އެކަނިވެސް 4.9 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. 2021 ވަނަ އަހަރު 5.2 ބިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ. އަދި މި ހިނގަމުންދާ އަހަރު އެކަނި ވެސް 6.3 ބިލިއަން ރުފިޔާ ޕީއެސްއައިޕީއަށް ވަނީ ކަނޑައަޅާފައެވެ. މިއީ ކޮވިޑްގެ ހާލަތުގައި ޚަރަދުކޮށްފައިވާ މިންވަރެވެ. އަދިވެސް ތަރައްގީ ވީ ކޮންތަނެއްކަމެއް ބަޔަކަށް ނޭނގިގެން އުޅެއެވެ.

މި ސަރުކާރުން ކަޑައެއް ނުޖަހައެވެ. އަދި ދަޅައެއްވެސް ނުދައްކައެވެ. ކޮންމެ މަސައްކަތެއް ވެސް ހަވާލު ކުރެވި އެ މަސައްކަތް ކުރިއަށްދޭތޯ ބަލައެވެ. މަސައްކަތް ހަލުވި މިނުގައި ނިންމައެވެ. މި ސަރުކާރުން ހިންގާ މަޝްރޫއުތަކުގެ ރިބަން ކަނޑަން ވެއްޖެނަމަ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ސަރުކާރު ހިންގުމުގެ އެހެން މަސައްކަތެއް ކުރައްވާނެ ވަގުތެއް ލިބިވަޑައެއް ނުގަންނަވާނެއެވެ. އެމަނިކުފާނުގެ ވިސްނުންފުޅު ހުރި ރައްޔިތުންނަށް ލުއިފަސޭހަކޮށްދެވޭނެ ކަންކަން ކުރެއްވުމަށެވެ.

ކުރީ ސަރުކާރުން ރިބަންފައް ކެނޑި އަދަދު ގިނަވުމުން އެ ސަރުކާރުގައި ގިނަ ކަންކަން ކުރިކަމަށް ތި ކުރެވެނީ ކުށްހީއެވެ. މި ސަރުކާރުން ކުރަނީ ރައްޔިތުންގެ އަސާސީ ބޭނުންތައް ފުރަތަމަ ފުއްދުމުގެ މަސައްކަތެވެ. އޭގެ ފަހުން ބޮޑު ޕްރޮޖެކްޓްތައް ވެސް އެ ދަނީ ފެނުން މައްޗަށް ހިއްލެމުންނެވެ. ސިއްހީ ފަރުވާއަށް މާލެއަށް ބަރޯސާވުން ކުޑަކުރުމަށް އަތޮޅު ތެރޭގެ ސިއްހީ ނިޒާމު ވަރުގަދަ ކުރެވިއްޖެއެވެ. އެއީ ކުރީގެ ސަރުކާރުން ނުކުރިކަމެކެވެ. އެއިރު ކުރި ކަމަކީ ނުއަގުގައި 25 ބުރީގެ އިމާރާތެއް އަޅައި ދިވެހިންގެ ބޮލުގައި ބޮޑު ދަރަންޏެއް އެޅުވީއެވެ.

ހައެއްކަ ލޭނު ހުންނާނެ ކަމަށް ބުނެ އެޅި ބްރިޖް ނިމިގެން ދިޔަ އިރު އެވެސް ވީ ފަސޭހައަކަށްވުރެ ބޮޑު ދަރަންޏަކަށެވެ. އެއިން 2 ލޭނު ގާދޫކޮލުން އޮޔާ ދިޔަކަށް ބެލެވެއެވެ. އެ ލޯނުވެސް ދައްކަނީ މި ސަރުކާރުންނެވެ. 25 ބުރީގެ ޓަވަރުތަކެއް އަޅައި އެވެސް ކުލަގަދަކޮށް ފާހަގަކުރިއެވެ. ބިލިއަނުން ގުނާލެވޭ އެ ލޯނުވެސް ދައްކަނީ މި ސަރުކާރުންނެވެ.

މި ސަރުކާރުން ތަރައްގީގެ ކަންކަން ކުރަން ބެލި އިރު ރިޒާވް އޮތީ ހުސްކޮށްލާފައެވެ. ރަށްތަކާއި ފަޅުތައް އޮތީ ވިއްކާލާފައެވެ. އެ ފައިސާވެސް ދައުލަތުގެ މާލިއްޔަތަށް ވަނުމުގެ ބަދަލުގައި ވަނީ ޖެނެރަލް އިންވެސްޓްމަންޓް އެކައުންޓްތަކަށެވެ. މި ހުރިހާ ދަރަންޏެއް ފިލުވަމުން ވެސް މިވީ 3 އަހަރުގެ ތެރޭގައި 300ށް ވުރެ ގިނަ ޕްރޮޖެކްޓް ހިނގަމުން ނިންނަމުން ދިއުމުން އެކަން ނުފެންނަނަމަ އެއީ ހަމަ ހަގީގަތް ގަބޫލުކުރަން ބޭނުން ނުވާތީ ޖެހޭ ބައްޔެއް ކަމަށް ވެދާނެއެވެ. ކުޑަކޮށް ހަޖަމުކޮށްލާށެވެ. އެއިރުން އަރާފައި ހުރި ވައި ބޭރުވެ ސަރުކާރުގެ މަސައްކަތްތައްވެސް ފެނިދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
0%
25%
25%
25%
0%
25%
ކޮމެންޓް