ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 13:42
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފޮރިން މިނިސްޓްރީ
ރާއްޖެއާއި ތުރުކީއާއި ދެމެދު އެއްބަސްވުންތަކެއް
ދަނޑުވެރިކަން ތަރައްޤީކުރުމާއި ކުނި މެނޭޖްކުރުމާއި ގުޅޭ އެއްބަސްވުންތަކެއް ތުރުކީއާއެކު
 
ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް އެއްބަސްވެފައިވޭ
 
ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްވެސް ހިމެނޭ
 
ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެ

ރާއްޖެއިން ތުރުކީއާއެކު ދަނޑުވެރިކަން ތަރައްޤީ ކުރުމާއި ކުނި މެނޭޖް ކުރުމާ ގުޅޭ އެއްބަސްވުންތަކެއްގައި ސޮއިކޮށްފިއެވެ.

ދަނޑުވެރިކަމުގެ ދާއިރާއިން ގުޅުން ބަދަހިކުރުމަށް ދެޤައުމުގެ މެދުގައި އާދިއްތަ ދުވަހު ވެފައިވާ އެއްބަސްވުމުގައި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުގެ ފޮރިން މިނިސްޓަރ ޝަވްޝަގްލޫއެވެ. ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ އެންޑް މެރިން ރިސޯސަސް ޑރ. ހުސެން ރަޝީދު ހަސަން އެވެ.

ފޮރިން މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި އެއްބަސްވުމުގެ ދަށުން ދިވެހިރާއްޖޭގެ ދަނޑުވެރިންނަށް ބޭނުންވާ ތަމްރީނު ދެވި، ހުނަރު ތަރައްޤީ ކުރެވޭނެއެވެ. އަދި ދަނޑުވެރިކަމުގެ ވިޔަފާރި ރާއްޖޭގައި އިތުރަށް ފުޅާކުރުމަށް މި އެއްބަސްވުމުގެ ތެރެއިން ފުރުސަތު ލިބޭނެއެވެ.

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދުގެ ދަޢުވަތަކަށް ދިވެހިރާއްޖެއަށް ތުރުކީވިލާތުގެ ޚާރިޖީ ވަޒީރު މެވްލުތް ޝަވްޝަގްލޫގެ ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން 5 އެމްއޯޔޫއެއްގައި ވަނީ ސޮއި ކުރައްވާފައެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖެއާއި ތުރުކީ އާއި ދެމެދު ތިމާވެށީގެ ދާއިރާއިން ގުޅުން ބަދަހިކުރުމާއި ގުޅޭ އެއްބަސްވުމެއްވެސް ހިމެނެއެވެ. މި އެއްބަސްވުމުގެ ދަށުން ރާއްޖޭގައި ކުނި ނައްތާލުމުގެ ނިޒާމު ހަރުދަނާކުރުމާއި، ރާއްޖޭގައި އިއާދަ ކުރަނިވި ހަކަތަ ބޭނުންކުރާ މިންވަރު އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރުމަށްވަނީ ހަމަޖެހިފައެވެ.

އެއްބަސްވުމުގައި ދިވެހިރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ތިމާވެއްޓާއި ބެހޭ ވަޒީރު އާމިނަތު ޝައުނާއެވެ. އަދި ތުރުކީވިލާތުގެ ފަރާތުން ސޮއިކުރެއްވީ އެޤައުމުގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫ އެވެ.

ރާއްޖެއާއި ތުރުކީވިލާތާ ދެމެދު ގުޅުން ބަދަހި ކުރުމަށް އެމްއޯޔޫތަކެއްގައި ސޮއި ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން - ފޮރިން މިނިސްޓްރީ

މި އެއްބަސްވުމުގެ ދަށުން ރާއްޖެއިން މޫސުމީ ބަދަލުތަކާއި ދެކޮޅަށް ކުރަމުންދާ މަސައްކަތްތަކުގަޔާއި، ތިމާވެށި ހިމާޔަތްކޮށް، ރައްކާތެރިކުރުމަށް ކުރަމުންދާ މަސައްކަތުގައި ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ. އަދި ކެމިކަލް ހުންނަ ތިމާވެއްޓަށް ނުރައްކާތެރި ޒާތުގެ ކުނިބުނި ނައްތާލުމުގެ ކަންކަމުގައިވެސް ތުރުކީވިލާތުގެ އެހީތެރިކަން ލިބިގެންދާނެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
0%
0%
0%
0%
0%
0%
ކޮމެންޓް