Advertisement
ކ. މާލެ
|
30 ޖެނުއަރީ 2022 | އާދީއްތަ 11:35
ފެމިލީ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ފެމިލީ ކޯޓަށް އަލަށް އައްޔަނު ކުރެއްވި ދެ ފަނޑިޔާރުން ހުވާ ކުރެއްވުމުގެ ރަސްމިއްޔާތުގެ ތެރެއިން
ޖޭއެސްސީ
ފެމިލީ ކޯޓަށް ފަނޑިޔާރުން އައްޔަން ކުރުން
ޖުޑީޝަލް އިންޑަކްޝަނަށްފަހު ފަނޑިޔާރުން ޒަޢީމާ އާއި މައީޝާ ފެމިލީ ކޯޓުގެ މަސައްކަތަށް ގުޅިވަޑައިގެންފި
2021 ނޮވެމްބަރު 28 ވަނަ ދުވަހު ފަނޑިޔާރުކަމުގެ ހުވާ ކުރެއްވި
އާއިލާއާއި ބެހޭ ޤާނޫނާއި އާއިލީ ކޯޓު އަދި އެދާއިރާގެ ފަނޑިޔާރުންގެ ދައުރު ވަރަށް ފުޅާ
ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިވަނީ 27 ޖެނުއަރީ 2022 ގައި

ފެމިލީ ކޯޓަށް އައްޔަން ކުރެއްވި ދެ ފަނޑިޔާރުން ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމަށްފަހު މަސައްކަތަށް ގުޅިވަޑައިގެންފިއެވެ.

ފެމިލީ ކޯޓަށް އަލަށް އައްޔަނު ކުރެވުނު ދެ ފަނޑިޔާރުންނަކީ އއ. ފެރިދޫ، ނަޝީދީހިޔާ، އަލްއުސްތާޛާ ޒައީމާ ނަޝީދު އަބޫބަކުރާއި މ.ވިލުފުށީގެ، އަލްއުސްތާޛާ މައީޝާ ޔޫސުފް ސަމީރެވެ. އެ ދެބޭފުޅުންނަކީ ފަނޑިޔާރުން ޢައްޔަންކުރާ ކޮމިޓީން އިންޓަރވިއުކޮށް އެންމެ ޤާބިލުކަމަށް ފެންނަކަމަށް ނިންމަވައި ކޮމިޝަނަށް ލަފާ ދެއްވި ދެބޭފުޅުންނެވެ.

އެ ދެބޭފުޅުން ފަނޑިޔާރު ކަމުގެ ހުވާ ކުރައްވާފައިވަނީ 28 ނޮވެމްބަރު 2021 ގައެވެ. އަދި ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމް ފުރިހަމަ ކުރައްވާފައިވަނީ 27 ޖެނުއަރީ 2022 ގައެވެ.

އަންހެނުން ހުށައަޅާ މައްސަލަތައް ނިސްބަތުން ގިނަ ކޯޓެއްގައި އަންހެން ފަނޑިޔާރުން ނެތުމަކީ އާއިލީ އަދުލުގެ ނިޒާމަށް ދިމާވެފައިވާ ހީނަރުކަމެއްކަމަށް ޖޭއެސްސީން ދެކެއެވެ. އަދި ފެމިލީ ކޯޓަށް ދެ އަންހެން ފަނޑިޔާރުން އައްޔަން ވެގެން ދިއުމުން ޖޭއެސްސީން ވަނީ އެކަމަށް މަރުޙަބާ ކިޔާފައެވެ.

Advertisement

އަލްއުސްތާޛާ ޒައީމާ ނަޝީދު ވަނީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާއިން ޝަރީއަތާއި ގާނޫނުން ބެޗްލަރ ޑިގްރީ ހާސިލް ކުރައްވައި، ވިލާ ކޮލެޖުން މާސްޓަރ އޮފް ޝަރީއާ ހާސިލް ކުރައްވާފައެވެ. އަލްއުސްތާޛާ ޒައީމާ ނަޝީދު ވަނީ ޖުވެނައިލް ކޯޓުގެ ރެޖިސްޓްރާރުގެ މަގާމުގައި 9 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވާފައެވެ. 

އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޔުނިވަރސިޓީ އޮފް ލަންޑަނުން ބެޗެލާރސް އޮފް ލޯސް ހާސިލް ކުރައްވާފައެވެ. އަލްއުސްތާޛާ މަޢީޝާ ޔޫސުފް ސަމީރު ވަނީ ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުގެ ޕްރޮސިކުޓަރެއްގެ މަގާމުގައި 3 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރެއްވުމުގެ އިތުރުން، އެޓޯލްސް ސެކްޝަންގެ ޔުނިޓް ހެޑް އަދި ފެމިލީ އެންޑް ޗައިލްޑްސް ޔުނިޓުގެ ޔުނިޓު ހެޑްގެ ގޮތުގައި މަސައްކަތް ކުރައްވާފައެވެ.

ގެވެށި އަނިޔާގެ މައްސަލަތަކާއި، ކުޑަކުދިންގެ ރައްކާތެރިކަމާއި ގުޅޭ މައްސަލަތަކާއި، ދެމަފިރިންގެ މުދަލާއި ބެހޭ މައްސަލަތަކާއި، ދޭސީ އަދި ބިދޭސީ ކައިވެނިތަކާއި ގުޅޭ މައްސަލަތަކާއި، އެފަދަ ކައިވެނީގެ މައްޗަށް ލިބޭ ދަރިންނާއި ގުޅޭ އެކި މައްސަލަތަކާއި، ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިންނާއި ގުޅޭ މައްސަލަތައް ފަދަ ކަންކަމަކީ ފެމިލީ ކޯޓުގެ އިހްތިސާސްގައި ހިމެނޭ ބައެއް ކަންކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް