ތުރުކީއާ ރާއްޖެއާ ދެމެދު މުހިންމު 5 އެއްބަސްވުމެއްގައި ސޮއިކުރަން ނިންމައިފިއެވެ.
ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދުގެ ދައުވަތަކަށް ތުރުކީގެ ޚާރިޖީވަޒީރު މެވްލުތު ޗަވްޝޯލޫ ރާއްޖެއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން 5 އެއްބަސްވުމުގައި ސޮއިކުރަން ނިންމާފައިވާކަން ޚާރިޖީ ވުޒާރާގެ ޖޮއިންޓް ސެކްރެޓަރީ ޝިއުނީން ރަޝީދު ވަނީ ހާމަކުރައްވާފައެވެ. މި އެއްބަސްވުންތަކުގައި ސޮއިކުރުމަށް ނިންމާފައިވަނީ އާދިއްތަ ދުވަހުއެވެ.
މި އެއްބަސްވުންތަކުގެ ތެރޭގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް ވެވޭ އެއްބަސްވުމަކާއި، ސަގާފަތާއި ތަރިކަ އިތުރަށް ހިމާޔަތްކޮށް މި ދާއިރާއިން ގުޅުން ބަދަހިކުރުމާ ގުޅޭ އެއްބަސްވުމަކާއި، ތިމާވެށީގެ ދާއިރާއިން އިތުރަށް ގުޅުން ބަދަހިކުރުމާގުޅޭ އެއްބަސްވުމަކާއި، ދަނޑުވެރިކަމާ ގުޅޭ އެއްބަސްވުމަކާއި، ޕްރޮފެޝަނަލް ފޮރިން ސަރވިސް ކެޑޭޓެއް ގާއިމްކުރުމާ ގުޅޭގޮތުން އެއްބަސްވުމެއްގައި ސޮއިކުރެވިގެންދާނެ ކަމަށް ޝިއުނީން ވިދާޅުވިއެވެ.
ޝިއުނީން ވިދާޅުވީ އެއްބަސްވުންތަކުގައި ސޮއިކުރުމުގެ އިތުރުން ދިވެހި ސަރުކާރާއި ތުރުކީ ސަރުކާރާ ދެމެދު ރަސްމީ ވާހަކަތައް ބޭއްވޭނެ ކަމަށާއި، މި ވާހަކަތަކުގައި އެކި ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވިގެންދާނެ ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހުގެ އަރިހަށާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އަރިހަށް އިހުތިރާމުގެ ޒިޔާރަތެއް ކުރައްވަން ހަމަޖެހިފައިވާކަމަށް ޝިއުނީން ވިދާޅުވިއެވެ.
ރާއްޖެއާ ތުރުކީއާ ދެމެދު ސިޔާސީ ގުޅުން ގާއިމްކުރިތާ 42 އަހަރު ވަނީ ވެފައެވެ. މިއީ މި މުއްދަތުގެ ތެރޭގައި ތުރުކީގެ ޚާރިޖީ ވަޒީރަކު ރަސްމީ ހައިސިއްޔަތުން ރާއްޖެއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ދަތުރުފުޅެވެ.