އެކްސްޕޯ 2030 ސައޫދީގައި ބާއްވަން ރާއްޖެއިން ތާއީދުކުރާކަން ހާމަކޮށްފިއެވެ.
އެކަމާ ގުޅޭގޮތުން ފޮރިން މިނިސްޓްރީން ބުނީ، 2030 ވަނަ އަހަރު ބާއްވާ ވޯލްޑް އެކްސްޕޯ، ސަޢުދީ ޢަރަބިއްޔާގައި ބާއްވަން ދިވެހިރާއްޖެއިން ތާއީދުކުރާނެކަމަށް ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ވިދާޅުވެފައިވާކަމަށެވެ. އެގޮތުން އެމަނިކުފާނު އެހެން ވިދާޅުވީ ބުދަ ދުވަހުގެރޭ ސަޢޫދީ ޢަރަބިއްޔާގެ ޚާރިޖީ ވަޒީރު އަމީރު ފައިސަލް ބިން ފަރްހާން އާލް ސަޢޫދާއިއެކު ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައެވެ.
މި ފޯންކޯލްގައި، ދެޤައުމުގެ އަޚުވަންތަ ގުޅުން އިތުރަށް ހަރުދަނާކުރުމާ ގުޅޭ ގޮތުން ވަނީ މަޝްވަރާ ކުރައްވާފައެވެ.
މީގެއިތުރުން، ސަޢުދީ ފަންޑުގެ އެހީގައި ދިވެހިރާއްޖޭގައި ކުރިއަށްދާ ތަރައްޤީގެ މަޝްރޫޢުތަކާއި ބެހޭ ގޮތުން ދެ ވަޒީރުން މަޝްވަރާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތަނުގައި އެކި ދާއިރާތަކުން ދެ ޤައުމު ގުޅިގެން މަސައްކަތް ކުރެވިދާނެ ދާއިރާތަކާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާ ކުރައްވާފައިވާކަމަށް ފޮރިން މިނިސްޓްރީން މައުލޫމާތު ދެއެވެ.