ފައިޒަރ އެންޑް ބައޯއެންޓެކުން އޮމިކްރޯން ވޭރިއަންޓަށް ޚާއްސަކޮށްގެން އުފައްދަމުން އަންނަ ވެކްސިންގެ ކްލިނިކަލް ޓްރެއަލް އަންގާރަ ދުވަހު ފަށާފައިވާކަމަށް އެކުންފުނިން ހާމަކޮށްފިއެވެ.
ފައިޒަރ އިން އޮމިކްރޯން އަށް ޚާއްސަކޮށްގެން އުފައްދާ ވެކްސިންގައި ފައިޒަރ ވެކްސިންގެ ފުރަތަމަ ދެ ޑޯޒްގައިވާ ބައެއް ބައިތައް ވަނީ އުނިކޮށްފައެވެ. އެމެރިކާގައި ކްލިނިކަލް ޓްރެއަލްތައް ފަށާއިރު އެއްވެސް ވަރަކަށް ވެކްސިން ނުޖަހާ މީހުންނަށް މިވެކްސިންގެ ތިން ޑޯޒް ދޭނެއެވެ. އަދި ކުރިން ފައިޒަރ ވެކްސިންގެ ދެ ޑޯޒް ޖަހާފައިތިބި މީހުންނަށް ބޫސްޓަރ ޑޯޒެއްގެ ގޮތުގައި މިހާރު އުފައްދަމުން މިއަންނަ ވެކްސިންގެ ޑޯޒެއް ދޭނެއެވެ.
މީގެއިތުރުން ފައިޒަރ ވެކްސިންގެ ތިން ވަނަ ޑޯޒެއް ޖަހާފައިވާތާ ތިން މަސް ނުވަތަ ހަ މަސް ވެފައިވާ މީހުންނަށްވެސް އޮމިކްރޯން ވޭރިއަންޓަށް ޚާއްސަކޮށްގެން އުފައްދާފައިވާ ވެކްސިންގެ ޑޯޒެއް ހަތަރު ވަނަ ޑޯޒެއްގެ ގޮތުގައި ދީގެން ޓެސްޓްކުރުމަށްވެސް ވަނީ ނިންމާފައެވެ.
ކުންފުނިން މަސައްކަތްކުރަމުން އަންނަނީ ޑޯޒްތައް ދީގެން އެމީހުންގެ ހަށިގަނޑުގެ ދިފާއީ ނިޒާމަށް އަންނަ ބަދަލުތަކާއި އެގޮތަށް ޑޯޒް ދިނުން ރައްކާތެރިތޯ ދެނެގަތުމަށެވެ. މިކްލިނިކަލް ޓްރެއަލްގައި 1400 މީހުން ބައިވެރިވެއެވެ.
މި ޓްރެއަލްއާ ގުޅޭގޮތުން ފައިޒަރގެ ހެޑް އޮފް ވެކްސިން ރިސަރޗް އެންޑް ޑިވެލޮޕްމަންޓް ކެތަރިން ޖެންސެން ވިދާޅުވީ މިހާރު ދުނިޔޭގައި ހަދަމުންދާ ދިރާސާތަކަށް ބަލާއިރު ބޫސްޓަރ ޑޯޒް ޖެހުމުން އޮމިކްރޯން ވޭރިއަންޓުން ބޮޑުވަރުވުމާއި ހޮސްޕިޓަލްގައި އެޑްމިޓްވާ މިންވަރު ކުޑަކޮށްދޭކަން ހާމަވެފައިވާކަމަށެވެ. އަދި ކުރިޔަށް އޮތްތަނުގައިވެސް މިގޮތަށް ރައްކާތެރިކަން ލިބިދޭތޯ އާއި ރައްކާތެރިކަން ލިބިގެންދާ މުއްދަތާއި އޮމިކްރޯން އާއި ދެންވެސް އަންނަން އޮތް ވޭރިއަންޓަކަށް ވެކްސިނުން ރައްކާތެރިކަން ލިބޭތޯ ބަލަން ބޭނުންވާކަމަށް ކެތަރިން ވިދާޅުވިއެވެ.
އަދި ކްލިނިކަލް ޓްރެއަލްގައި ލިބޭ ޑާޓާތަކަށް ބަލާއިރު ކުރިން އޮމިކްރޯން ވޭރިއަންޓަށް ޚާއްސަ ވެކްސިން މާރޗް މަހުގެ ފަހުކޮޅު ނެރެވޭނެކަމަށް ބެލެވުނު ނަމަވެސް އެގޮތަށް އެކަން ހިނގައި ނުދާނެކަމަށްވެސް ކެތަރިން ވިދާޅުވިއެވެ.
ފައިޒަރ އިން ބުނެފައިވަނީ ފައިޒަރ އިން މީގެކުރިން އުފައްދާފައިވާ ކޮވިޑް ވެކްސިންގެ ދެ ޑޯޒުން އޮމިކްރޯން ވޭރިއަންޓުން ރަނގަޅަށް ރައްކާތެރިކަން ނުލިބިދާނެކަމަށެވެ. ނަމަވެސް އެމެރިކާގެ ސެންޓަރ ފޮރ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަން އިން ބުނެފައިވަނީ ފައިޒަރ ވެކްސިންގެ ތިން ޑޯޒުން އޮމިކްރޯން ވޭރިއަންޓާ ދެކޮޅަށް 90 އިންސައްތަ ރައްކާތެރިކަން ފޯރުކޮށްދޭކަމަށެވެ.