އަންނަ ފެބްރުއަރީ މަހުގެ 5 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީކޮށްފައިވާ ފޮއްޓާއި ގުޅިގެން ޝަކުވާ ހުށަހެޅުމުގެ ފުރުސަތު އިލެކްޝަން ކޮމިޝަން (އީސީ)ން ހުޅުވާލައިފިއެވެ.
ފެބުރުއަރީ 05 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަނާއި ތ. ވިލުފުށި އަދި ގއ. ގެމަނަފުށީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ ބައި-އިލެކްޝަނެވެ. އެކަމާއި ގުޅިގެން އީސީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ވޯޓުލުމަށް ރަޖިސްޓަރީ ކޮށްފައިވާ ފޮށީގެ މަޢުލޫމާތު ހިމެނޭ ރަޖިސްޓަރީ އާންމުކޮށް، ރަޖިސްޓަރީއަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ޖަނަވަރީ 26 ވާ ބުދަ ދުވަހުގެ ހެނދުނު 09:00 އިން ފެށިގެން ޖަނަވަރީ 27 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 03:00 ގެ ނިޔަލަށް ހުޅުވާލާފައިވާކަމަށެވެ.
ރަޖިސްޓަރީ ކޮމިޝަނުގެ ވެބްސައިޓްގައި ޢާންމުކޮށް ފެންނަން ހުންނާނެއެވެ. އަދި ވޯޓުލުމަށް ރަޖިސްޓަރީ ވެފައިވާ ވޯޓުފޮށީގެ މަޢުލޫމާތު، (VR space IDNO Send to 1414) އެސް.އެމް.އެސް ކޮށްގެން ޗެކްކުރެވޭނެއެވެ.
ރަޖިސްޓަރީއަށް އެއްވެސް ފަރާތަކުން ޝަކުވާ ހުށަހަޅަން ބޭނުންވާނަމަ ޝަކުވާ ހުށަހަޅާނީ "ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު"ން ކަމަށް އީސީން ބުނެއެވެ.
ޝަކުވާ ހުށަހަޅާ ފޯމު ކޮމިޝަނުގެ ވެބްސައިޓުން ލިބެން ހުންނާނެކަމަށާއި ފޯމު ބަލައިގަތުމުގެ އިންތިޒާމު ހަމަޖެހިފައިވަނީ ކޮމިޝަނުގެ އީމެއިލް އެޑްރެސް އަށް ފޮނުވައިގެން ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތުދެއެވެ.
އީސީން ބުނީ މި މުއްދަތުގެ ތެރޭގައި ޝަކުވާ ހުށަހެޅޭނީ ވޯޓުލުމަށް ރަޖިސްޓަރީވެފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުންކަމަށެވެ.