ކ. މާލެ
|
25 ޖެނުއަރީ 2022 | އަންގާރަ 22:37
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރ ޝާޒިޔާ އަލީ
ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރ ޝާޒިޔާ އަލީ
ރާއްޖެއެމްވީ
ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް
ކޮރަޕްޝަން އިންޑެކްސްގައި ރާއްޖޭގެ ދަރަޖަ ދަށްވީ ތަންފީޒުކުރަންޖެހޭ ކަންކަން ތަންފީޒުނުކުރެވުމުން: ޓްރާންސްޕޭރެންސީ މޯލްޑިވްސް
2020 ވަނަ އަހަރު ކުރިއެރުން އައިސްފައިވަނީ ގާނޫނަށް ގެނެވުނު ބަދަލުތަކަކުން
2021ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި، އަދި 40 ޕޮއިންޓް

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެ ދަށަށް ގޮސްފައިވަނީ ގާނޫނަށް ގެނެވުނު ބަދަލުތައް ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޒު ނުކުރެވުމުން ކަމަށް ޓްރާންސްޕޭރެންސީ މޯލްޑިވްސްއިން ބުނެފިއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޓްރާންސްޕޭރެންސީ މޯލްޑިވްސްގެ ގްރާންޓްސް އެންޑް އައުޓްރީޗް މެނޭޖަރ ޝާޒިޔާ އަލީ ވިދާޅުވީ، 2020 ވަނަ އަހަރު ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްގައި ރާއްޖެއަށް ލިބުނު ކުރިއެރުމުގެ އަސްލަކީ ބައެއް ގާނޫނުތަކަށް ގެނައި އިސްލާހުތައް ކަމަށެވެ. މީގެ ތެރޭގައި ވޯޓު ގަތުން ފަދަ ކަންކަން ހުއްޓުވުމަށް، ބެލެޓް ބޮކްސްގައި ފާހަގަ ޖެހުން ދަށްކުރުން ފަދަ ކަންކަން ހިމެނޭ ކަމަށް ޝާޒިޔާ ވިދާޅުވިއެވެ.

ޝާޒިޔާ ވިދާޅުވީ މި ބަދަލުތައް ގެނައުމަށްފަހުވެސް އެކަންކަން ތަންފީޒުކުރުމަށް އިތުރު ނިޒާމީ ކަންކަން ރަނގަޅުކުރަންޖެހޭކަން މީގެ ކުރިންވެސް ފާހަގަކޮށްފައިވާނެކަމަށެވެ. އަދި މި ބަދަލުތައް ނުގެނެވިއްޖެ ކަމަށްވާނަމަ އެ އައި ކުރިއެރުންތައް ހިފަހައްޓާނުލެވޭނެކަންވެސް ފާހަގަކޮށްފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާޒިޔާ ވިދާޅުވީ، މިފަހަރު ރާއްޖެ 3 ދަރަޖަ ދަށަށް ވެއްޓުމުގައި، ގާނޫނުތަކަށް ގެނައި ބަދަލުތަކާއެކު އަޅަންޖެހޭ ފިޔަވަޅުތައް ނޭޅި ދިއުން ހިމެނޭ ކަމަށެވެ. މީގެތެރޭގައި، މިވަގުތު ކުރިއަށްދާ ބައި އިލެކްޝަންގެ ތެރޭގައިވެސް ދައުލަތުގެ މުދާ ނަހަމަ ގޮތުގައި ބޭނުންކުރުން ފަދަ ކަންކަން މިހާރުވެސް ފާހަގަކުރެވެމުންދާކަމަށެވެ. އޭގެތެރޭގައި ކުއްލި ކުއްލިއަށް ޕްރޮޖެކްޓުތައް އިއުލާނުކުރުން ފަދަ ކަންކަން ފާހަގަކުރެވޭކަމަށް ޝާޒިޔާ ވިދާޅުވިއެވެ. އެހެންކަމުން 2021 ވަނަ އަހަރުގެ ތެރޭގައިވެސް އެފަދަ ކަމެއް ހިނގާފައިވާނަމަ ކޮރަޕްޝަން އިންޑެކްސްގައި ރާއްޖެ އޮތް ދަރަޖައަށް އަސަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ޝާޒިޔާ އިތުރަށް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަންގެ މަސައްކަތްތަކުގައި މާ ގިނަ ކުރިއެރުންތަކެއް އައިސްފައިވާތަން ފެނިގެންނުދާކަމަށެވެ. ވިސްލްބްލޯ ޔުނިޓެއް ރަނގަޅަށް އުފެދި އެ ޔުނިޓްގެ މަސައްކަތްތައް ރަނގަޅަށް ހިނގަމުންދާކަން ފާހަގަކުރެވިފައިނުވާކަމަށާއި، މާލީ ބަޔާންތައް ހާމަކުރަމުން ދިޔަނަމަވެސް، މާލީ ބަޔާންތަކަކީ އެންމެ ރަނގަޅުގޮތުގައި ހުށަހެޅިފައިވާ މާލީ ބަޔާންތަކަށްވެސް ނުވާކަމަށް ޝާޒިޔާ ވިދާޅުވިއެވެ.

ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސްއަކީ ދުނިޔޭގެ 180 ގައުމެއްގައި ދައުލަތްތައް ހިންގުމުގައި ކޮރަޕްޝަން އަށަގަނެފައިވާކަމަށް ގަބޫލުކުރެވޭ މިންވަރު ބެލުމަށް ކޮށްފައިވާ ސަރވޭތަކާއި ފަންނީ މާހިރުންގެ ހޯދުންތަކުގެ އަލީގައި އެ ގައުމުތައް ގިންތިކޮށް ޕޮއިންޓް ދޭ އިންޑެކްސްއެކެވެ. މި އިންޑެކްސްގައި ބޭނުންކުރަނީ ސުމަކުން ފެށިގެން ސަތޭކައާއި ދެމެދުގެ މިންގަނޑެއް ކަމަށް ވާއިރު, ސުމެއް ލިބެނީ ވަރަށް ކޮރަޕްޓް ގައުމުތަކަށެވެ. އަދި 100 ލިބެނީ ކޮރަޕްޝަންގެ އަމަލުތައް މަދު، ހިންގުމުގެ ނިޒާމު ސާފު އަދި ހާމަކަން ބޮޑު ގައުމުތަކަށެވެ.

ގައުމުތަކުގައި ކޮރަޕްޝަން އަށަގަނެފައިވާ މިންވަރު ދެނެގަތުމުގެ މަގުސަދުގައި ޓްރާންސްޕޭރެންސީ އިންޓަރނޭޝަނަލްގެ ފަރާތުން ނެރުނު ކޮރަޕްޝަން ޕަރސެޕްޝަން އިންޑެކްސް އަންގާރަ ދުވަހު އާންމުކޮށްފައިވާއިރު، މި އިންޑެކްސްއިން ދައްކާ ގޮތުގައި ދިވެހިރާއްޖެ އަދިވެސް ހިމެނެނީ 50 ޕޮއިންޓުން ދަށުން ސްކޯރ ކުރާ ތިންބައި ކުޅަ ދެބައި ގައުމުތަކުގެ ތެރޭގައެވެ.

2020 ވަނަ އަހަރުގެ ސީޕީއައިއިން ދިވެހިރާއްޖެއަށް ލިބުނީ، 180 ގައުމުގެ ތެރެއިން 75 ގިންތި އަދި 43 ޕޮއިންޓް ކަމުގައި ވީނަމަވެސް 2021ގައި ދިވެހިރާއްޖެއަށް ލިބިފައިވަނީ 85 ވަނަ ގިންތި އަދި 40 ޕޮއިންޓްކަމަށް ޓްރާންސްޕޭރެންސީން ބުނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް