މެކްސިމަމް ރީޓެއިލް ޕްރައިޒް ނުވަތަ ބޭއް ވިއްކޭނެ އެންމެ މަތީ އަގު ކަނޑައެޅުން މާޗް މަހަށް ފަސްކޮށްފިއެވެ.
ކުރިން އޮތްގޮތުން ބޭހުގެ އަގު ކޮންޓްރޯލްކޮށް ވިއްކަން ނިންމާފައިވަނީ މި ހިނގަމުންދާ ޖެނުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް ބޭސް ވިއްކާ ފަރާތްތަކުގެ ދެކޮޅު ހެދުމާއި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން ގޮތް ނުނިންމި ލަސްވުމުގެ ސަބަބުން މިއަހަރުގެ މާޗް މަހުގެ 1 ވަނަ ދުވަހުން ފެށިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ވަނީ ނިންމާފައެވެ.
މި އަހަރުން ފެށިގެން ޑޮކްޓަރީ ބޭސް ވިއްކޭނެ އެންމެ މަތީ އަގު ނުވަތަ މެކްސިމަމް ރީޓެއިލް ޕްރައިސް (އެމްއާރުޕީ) ކަނޑައަޅަން ވަނީ ނިންމީ އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު، އާސަންދައަށް ކުރާ ހޭދަ ކުޑަކުރުމަށެވެ. އާސަންދައިގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިދިޔަ އަހަރު އެކަނިވެސް ފާމަސީތަކަށް ބޭހަށް 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރިއެވެ.
ހެލްތު މިނިސްޓްރީން ހޯމަ ދުވަހު އާންމުކުރި ބޭހުގެ މެކްސިމަމް ރީޓެއިލް ޕްރައިސް ކަނޑައެޅުމާއި ތަންފީޒުކުރުމުގެ ގަވާއިދަށް 1 ވަނަ އިސްލާހު ގެނައުމުގެ ގަވާއިދުގައި ބުނެފައިވަނީ އެސެންޝިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު)ގައި ހިމެނޭ ހުރިހައި ބޭހެއް ވެސް، 1 މާރޗް 2022އިން ފެށިގެން ވިއްކަންވާނީ، މި ގަވާއިދުގެ ދަށުން ކަނޑައަޅައިފައިވާ އެމް.އާރު.ޕީ.އަށްވުރެ ބޮޑު ނޫން އަގެއްގައި ކަމަށެވެ.
1 މާރިޗު 2022އިން ފެށިގެން، މި ގަވާއިދުގެ 4 ވަނަ މާއްދާއަށް ރިޢާޔަތްކޮށް، އެސެންޝިއަލް މެޑިސިން ލިސްޓު (އަސާސީ ބޭހުގެ ލިސްޓު)ގައި ހިމެނޭ ބޭހުގެ އެމް.އާރު.ޕީ ކަނޑައެޅުމަށްފަހު، ބޭހުގެ އަގުތައް ހިމެނޭ ލިސްޓު، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢު ކުރަން ވާނެކަމަށް މި އިސްލާހުގައިވެއެވެ. އަދި 1 މާރިޗު 2022އިން ފެށިގެން ފާމަސީތަކުގައި ވިއްކާ ބޭހުގެ އެމް.އާރް.ޕީ، ފާމަސީތަކުން ޚިދުމަތް ހޯދަން އަންނަ ފަރާތްތަކަށް ފެންނަން ހުންނަންވާނެއެވެ. ނުވަތަ އެމް.އާރް.ޕީ އެނގޭނެ ގޮތުގެ އިންތިޒާމު ފާމަސީތަކުގައި ހަމަޖެހިފައި ހުންނަންވާނެ ކަމަށް ވަނީ ބުނެފައެވެ.
ޖެނުއަރީން ފެށިގެން ބޭހުގެ އަގު ކޮންޓްރޯލް ކުރުމަށް ކުރިން ނިންމުމާ ގުޅިގެން ހެލްތު މިނިސްޓްރީން އެއިރު ބުނެފައިވަނީ ބޭސް ގަންނަ އަގަށް އެފްއޯބީ ނުވަތަ ކޮސްޓް ޕްރައިޒްއަށް ބޮޑުވެގެން ލެވޭނީ 100ގެ މާކްއަޕެއް ކަމަށެވެ. މިގޮތުން ދިވެހިރާއްޖެއަށް އިމްޕޯޓްކޮށް ވިއްކާ ހުރިހާ ބޭސް ތަކަށް މެކްސިމަމް ރިޓެއިލް ޕްރައިޒް ކަނޑައެޅުމަށް ވަނީ ހަމަޖެހިފައެވެ.
މިމަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ 2 ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގައި، ރާއްޖެ އަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ އަސާސީ ބޭހަކަށް 1 ޖެނުއަރީ 2022އިން ފެށިގެން މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރަން ފެށުމަށް ވަނީ ހަމަޖެހިފައެވެ. ނަމަވެސް ގަވާއިދަށް ގެނައި އިސްލާހާއެކު ފުރަތަމަ ފިޔަވަހި މިހާރު ތަންފީޒުކުރަން ފަށާނީ މާޗް މަހުގައެވެ. އަދި ދެވަނަ ފިޔަވަހީގައި، ރާއްޖެއަށް އިމްޕޯރޓްކޮށް ވިއްކާ ހުރިހާ ބޭހަކަށް، މެކްސިމަމް ރީޓެއިލް ޕްރައިޒް ތަންފީޒު ކުރާނެއެވެ. ދެވަނަ ފިޔަވަހި ތަންފީޒު ކުރާނީ 2022 ވަނަ އަހަރުގެ މެދު ތެރޭގައެވެ.
ބޭސް އިމްޕޯޓްކޮށް ފަރާތްތަކާއި އާއްމުން މިކަމަށް ތައްޔާރުވުމަށް ޓަކައި އަސާސީ ބޭސް ލިސްޓް، މެކްސިމަމް ރީޓެއިލް ޕްރައިސްއާއެކު މިމުއްދަތުގެ ކުރިން ހެލްތު މިނިސްޓްރީން އާއްމު ކުރާނެއެވެ.
އެމްއާރްޕީ ކަނޑައެޅުމުގެ މައިގަނޑު މަގުސަދަކީ އަމިއްލަ ފަރުދުންގެ ޖީބުން ބޭހަށް ކުރާ ޚަރަދު ކުޑަކޮށް އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމު (އާސަންދަ)ގެ ތެރެއިން ބޭހަށް ކުރާ ހޭދަ އިތުރުވަމުންދާ މިންވަރު ދެމެހެއްޓިނި މިންގަނޑެއްގައި ހިފެހެއްޓުމެވެ. ފިސްކަލް ޕޮލިސީގެ ނަޒަރުން ބަލާއިރު އެމްއާރްޕީ ކަނޑައެޅުން މުހިއްމުވާ މައިގަނޑު ސަބަބަކީ އާސަންދަ ނިޒާމުގެ ތެރެއިން ދައުލަތުން އެއް ކަމަކަށް އެންމެބޮޑު ޚަރަދެއްކުރަމުން އަންނަނީ ބޭހަށް ކަމަށްވާތީއެވެ. އެގޮތުން ރާއްޖޭގައި ބޭހުގެ އަގު ކޮންޓްރޯލެއްނެތި ބޮޑުވަމުން ދިއުމުގެ ސަބަބުން އާސަންދައަށާއި ބޭސްފަރުވާގެ އެހެނިހެން ޚިދުމަތް ދިނުމަށް ދައުލަތުގެ ހޮސްޕިޓަލްތަކުން ކުރާ ޚަރަދު އިތުރުވެ، ދައުލަތުން އެހެން ޚިދުމަތްތަކަށް ބަޖެޓުން ދެވޭ ޖާގަ ހަނިވެގެންދާކަމަށް ސަރުކާރުން ބުނެއެވެ.