ކ. މާލެ
|
23 ޖެނުއަރީ 2022 | އާދީއްތަ 22:21
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން - މިތަނުން އެންޓިޖެން ޓެސްޓް ހެދޭނެ
ކޮވިޑް ސާމްޕަލް ނެގުމަށް ހުޅުމާލެ ރުއްގަނޑުގައި ހަދާފައިވާ ތަން - މިތަނުން އެންޓިޖެން ޓެސްޓް ހެދޭނެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެންޓިޖެން ޓެސްޓް ކިޓް
އެންޓިޖެން ޓެސްޓް ކިޓް ބޭނުން ކުރަން ފަށައިފި
ހުޅުމާލޭގެ ރުއްގަނޑު ސާމްޕަލް ނަގާ ސެންޓަރާއި، މާލޭގެ ހެންވޭރު ފުޓްބޯޅަ ދަނޑު އަދި ސޯޝަލް ސެންޓަރުގައި ޓެސްޓް ކުރަމުންދާނެ
މި ކިޓަކީ 15 މިނެޓް ތެރޭގައި ނަތީޖާ ލިބޭނެ ކިޓެއް
ހޯމަ ދުވަހު މާލޭގައި އިތުރު 2 ތަން، އަދި ހުޅުމާލެ ފޭސް 2ގައި އިތުރު ތަނެއް ހުޅުވާނެ

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން އެންޓިޖެން ޓެސްޓް ކިޓް ބޭނުންކުރަން ފަށައިފިއެވެ.

އެޗްޕީއޭއިން ބުނީ އެންޓިޖެން ޓެސްޓް ކިޓް ބޭނުންކޮށްގެން ޓެސްޓްކުރުމުގެ މަސައްކަތުގެ ތެރެއިން އާދީއްތަ ދުވަހު 3 ތަނެއްގައި ޓެސްޓްކުރުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އެގޮތުން ހުޅުމާލޭގެ ރުއްގަނޑު ސާމްޕަލް ނަގާ ސެންޓަރާއި، މާލޭގެ ހެންވޭރު ފުޓްބޯޅަ ދަނޑު އަދި ސޯޝަލް ސެންޓަރުގައި ޓެސްޓް ކުރަމުންދާނެ ކަމަށެވެ.

މީގެ އިތުރުން ހޯމަ ދުވަހު ހުޅުމާލެ ފޭސް 2ގައި އެންޓިޖެން ޓެސްޓް ކުރުމަށް އިތުރު ސެންޓަރެއް ހުޅުވާއިރު، މާލޭގައި އިތުރު 2 ތަނެއް ހުޅުވާނެ ކަމަށެވެ. އެޗްޕީއޭއިން ވަނީ ބަލީގެ އެއްވެސް އަލާމާތެއް ހުރިނަމަ މި ތަންތަނަށް ގޮސް އަވަހަށް ޓެސްޓް ކުރުމަށް އެދިފައެވެ.

މިކިޓް ބޭނުން ކުރުމަށްޓަކައި އެންމެ ފުރަތަމަ ޖެހޭނީ ތިނެއް ނުވަތަ ފަސް ފަހަރު ގަދަޔަށް ކެއްސާލާށެވެ. އެއަށްފަހު އޭގައި އޮންނަ ޓިއުބަށް ކުޅު ޖަހައި 'ބަފަ' އާއި އެއްކޮށްލުމަށްފަހު ކިޓަށް އޭގެން ދެތިކި ޖައްސާނީއެވެ.

މިޓެސްޓު ހެދުމަށްފަހު 15 މިނެޓު ތެރޭގައި ކިޓުން ދެރޮނގު ދައްކައިފި ނަމަ އޭގެ މާނައަކީ އެމީހާ ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. ނަތީޖާ ނެގެޓިވްވެއްޖެ ނަމަ ކިޓުގައި އިންނަ 'ސީ' އަކުރާ ދިމާލުން ރޮނގެއް އަރާނެއެވެ. އަދި ނުބައިކޮށް ޓެސްޓު ހެދިއްޖެ ނަމަ ކިޓުގައި އިންނަ 'ޓީ' އަކުރާ ދިމާލުން ރޮނގެއް ފެންނާނެއެވެ.

މާލެ ސަރަހައްދުގައި 3 ފްލޫ ކްލިނިކެއް ވަނީ ހުޅުވާފައެވެ. އެއީ ސެނަހިޔަ ފްލޫ ކްލިނިކް، ވިލިމާލެ ފްލޫކްލިނިކް އަދި ހުޅުމާލެ ހޮސްޕިޓަލެވެ. މީގެ އިތުރުން ސާމްޕަލް ކަލެކްޝަން ސެންޓަރުގެ ގޮތުގައި ހެންވޭރު ފުޓްބޯޅަ ދަނޑު، ސޯޝަލް ސެންޓަރ، ވިލިމާލެ ފުލޫ ކްލިނިކް އަދި ހުޅުމާލެ ރުއްގަނޑު 1 ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެފްއޭއެމް ބިލްޑިންގައި، ޕޮޒިޓިވްވާ މީހުންނަށް ޚާއްސަ ކްލިނިކެއް ވަނީ ހުޅުވާފައެވެ.

- ކޮމެންޓް