ހޮނިހިރު ދުވަހު ރެކޯޑް އަދަދަކަށް މީހުން ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ ހޮނިހިރު ދުވަހުގެ ތަފާސް ހިސާބުތައް ދައްކާގޮތުން، ހުކުރު ދުވަހުގެ އިރުއޮއްސި 6:00ން ހޮނިހިރު ދުވަހުގެ އިރުއޮއްސި 6:00ށް ނެގި ސާމްޕަލްތަކުގެ ތެރެއިން 2349 މީހުން ވަނީ ޕޮޒިޓިވްވެފައެވެ. ހޮނިހިރު ދުވަހު 2349 މީހަކު ޕޮޒިޓިވްވި އިރު، ހުކުރު ދުވަހު 1697 މީހުން އަދި ބްރާސްފަތި ދުވަހު 2199 މީހުން ޕޮޒިޓިވްވެގެން ރިޕޯޓްކުރިއެވެ.
މި 24 ގަޑިއިރު ތެރޭގައި މާލެ ސަރަހައްދުން 3635 ސާމްޕަލާއެކު ޖުމްލަ 7574 ސާމްޕަލް ވަނީ ނަގާފައެވެ. މީގެ ތެރެއިން 2349 މީހަކު ޕޮޒިޓިވްވިއިރު، އޭގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވްވި 1325 މީހުންނާއި، ރަށްރަށުން ޕޮޒިޓިވްވި 681 މީހުންނާއި، ރިސޯޓްތަކުގެ ޕޮޒިޓިވްވި 54 މީހުންނެވެ. މި 24 ގަޑިއިރު ތެރޭގައި 289 މީހުން ޕޮޒިޓިވްވީ ކޮން ތަނަކުން ކަމެއް ދެނެގަނެވިފައެއް ނުވެއެވެ.
އާދިއްތަ ދުވަހު849 މީހަކު ބަލިން ރަނގަޅުވެފައިވާ އިރު، ޖުމްލަ 101،606 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ. އެކްޓިވް ކޭސްތަކުގެ އަދަދު 13،035ށް އަރާފައިވާ އިރު، މީގެ ތެރެއިން ހޮސްޕިޓަލްތަކުގައި ފަރުވާދެމުން އަންނަނީ 48 މީހުންނަށެވެ. މި 24 ގަޑި އިރުތެރޭގައި 1500 މީހުން އެކްޓިވް ކޭސްތަކަށް އިތުރުވެފައިވާ އިރު، ހަފްތާއެއް ތެރޭގައި އެޑްމިޓް ކުރި މީހުންގެ އަދަދު ވަނީ ދެގުނަވެފައެވެ.
ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން 37 މީހަކަށް ފަރުވާ ދެނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައެވެ. މީގެ ތެރެއިން 7 މީހަކަށް ފަރުވާ ދެމުން އަންނަނީ އައިސީޔޫގައެވެ. އަދި 4 މީހަކަށް ފަރުވާ ދެނީ ވެންޓިލޭޓަރުގައެވެ. ޑީއެޗް 16 ގައި 9 މީހަކު އަދި އައްޑޫ އަދި ބ.އަތޮޅު ފެސިލިޓީގައި ދަނީ އެކަކަށް ފަރުވާ ދެމުންނެވެ. މިހާތަނަށް 265 މީހުން ވަނީ ބަލީގައި ނިޔާވެފައެވެ.
މާލެ ސަރަހައްދުގައި ސާމްޕަލް ޕޮޒިޓިވިޓީ ރޭޓް ހުރީ 36 އިންސައްތައިގައެވެ. މިއީ މީގެ ހަފްތާއަކާއި އަޅާ ބަލާއިރު 10 އިންސައްތައިގެ އިތުރުވުމެކެވެ. މާލެ ސަރަހައްދުގައި ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ އިރު، މާލެ ސަރަހައްދުން ރަށްރަށަށް ދަތުރުކުރާ ފަރާތްތަކުން އަމަލުކުރަންޖެހޭ އުސޫލުތަކެއް ވަނީ މިހާރު ކަނޑައަޅާފައެވެ.