ކ. މާލެ
|
18 ޖެނުއަރީ 2022 | އަންގާރަ 12:48
ފިނޭންސް މިނިސްޓްރީ- ފިނޭންސް މިނިސްޓްރީން ވަނީ އުވާލުމުގެ މަރުޙަލާގައިވާ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފައި
ފިނޭންސް މިނިސްޓްރީ- ފިނޭންސް މިނިސްޓްރީން ވަނީ އުވާލުމުގެ މަރުޙަލާގައިވާ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފައި
ރާއްޖެއެމްވީ
ކުންފުނި އުވާލުން
ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލުމުގެ މަރުޙަލާގައި
ކުންފުންޏެއް އުވާލެވޭނެ 3 ގޮތެއް އޮވޭ
ލިކުއިޑޭޝަން މަސައްކަތް 2016 ވަނަ އަހަރު ޙަވާލުކޮށްފައިވާ 6 ކުންފުންޏެއް ހިމެނޭ
އެ ކުންފުނިތަކުގެ މަސައްކަތް މިހާރު ވަނީ އެހެން ކުންފުނިތަކަށް ބަދަލުކޮށްފައި

ސަރުކާރު ހިއްސާވާ 9 ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރަމުންދާކަމަށް ފިނޭންސް މިނިސްޓްރީން ބުނެފިއެވެ.

ފިނޭންސް މިނިސްޓްރީން ވަނީ އުވާލުމުގެ މަރުޙަލާގައިވާ ކުންފުނިތަކުގެ ލިސްޓު އާންމުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ކުންފުނީގެ ލިކުއިޑޭޝަން މަސައްކަތް 2016 ވަނަ އަހަރު ޙަވާލުކޮށްފައިވާ 6 ކުންފުންޏަކާއި، 2018 ވަނަ އަހަރު ޙަވާލު ކޮށްފައިވާ ކުންފުންޏެއްގެ އިތުރުން، 2019 ވަނަ އަހަރު ޙަވާލުކޮށްފައިވާ 2 ކުންފުންޏެކެވެ. އޭގެ ތެރެއިން 2019 ވަނަ އަހަރު ޙަވާލުކޮށްފައިވާ 2 ކުންފުނީގެ ލިކުއިޑޭޝަން މަސައްކަތް ކުރަމުން ގެންދަނީ އެމްއެޗްޕީއޭ އެލްއެލްޕީންނެވެ. އަދި ބާކީ ހުރި ކުންފުނިތައް އުވާލުމާއިގުޅޭ ޤާނޫނީ ކަންކަން ކުރަމުންދަނީ އެކްރޫޕްލަސް އެލްއެލްޕީންނެވެ.

  1. މޯލްޑިވްސް ނޭޝަނަލް ބްރޯޑްކާސްޓިން ކޯޕަރޭޝަން ޕްރައިވެޓް ލިމިޓެޑް (އެމްއެންބީސީ)
  2. ފެލިވަރު ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  3. ކޫއްޑޫ ފިޝަރީޒް މޯލްޑިވްސް ލިމިޓެޑް
  4. މަޑިވަރު ހޯލްޑިންގްސް ޕްރައިވެޓް ލިމިޓެޑް
  5. ގޭން އެއާޕޯޓް ކޮޮމްޕެނީ ލިމިޓެޑް
  6. ވޯކްސް ކޯޕަރޭޝަން ލިމިޓެޑް
  7. މޯލްޑިވްސް ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން
  8. ހަޒާނާ މޯލްޑިވްސް ލިމިޓެޑް
  9. ނެޝަނަލް އިންވެސްޓްމެންޓް މެނޭޖްމެންޓް ކޮމްޕެނީ ލިމިޓެޑް

މިހާރު އުވާލުމުގެ މަސައްކަތް ފަށާފައިވާ ކުންފުނިތަކަކީ ސަރުކާރުގެ ސިޔާސަތުތަކާއި ހިންގުމަށް އައި ބަދަލުތަކާއެކު އެ ކުންފުނިތަކުގެ މަސައްކަތް މިހާރު އެހެން ކުންފުނިތަކަށް ބަދަލުވެފައިވާ ތަންތަނެވެ.

އެކަމާއި ގުޅޭގޮތުން ރާއްޖެއެމްވީން ސުވާލުކުރުމުން އެކްރޫޕްލަސް އެލްއެލްޕީން ބުނީ، ބައެއް ކުންފުނިތަކުގެ މަސައްކަތް މިހާރު ވަނީ ކޯޓު މަރުޙަލާގައި ކަމަށާއި، ވީހާވެސް އަވަހަށް މަސައްކަތް ނިންމާލުމަށް އެކްރޫޕްލަސް އެލްއެލްޕީން މަސައްކަތް ކުރަމުންދާ ކަމަށެވެ. އެމްއެޗްޕީއޭ އެލްއެލްޕީން ބުނީ، ލިކުއިޑޭޝަން މަސައްކަތްތައް އިކޮނޮމިކް މިނިސްޓްރީއާއި ގުޅިގެން ކުރަމުންދާ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީގެ މަސައްކަތްތަކުގެ ތެރެއިން ކުންފުންޏާއި ބެހޭ ޤާނޫނުގައި ކުންފުންޏެއް އުވާލެވޭނެ 3 ގޮތެއް އޮވެއެވެ. އެއީ ކުންފުންޏެއް އުވާލުމަށް އެ ކުންފުންޏަކުން ކަނޑައެޅުމާއި، ކުންފުންޏެއް އުވާލުމަށް ކޯޓުން އަމުރުކުރުމާއި، ކުންފުންޏެއް އުވާލުމަށް ރެޖިސްޓްރާރ އޮފް ކޮމްޕެނީޒް ކަނޑައެޅުއްވުމެވެ.

ކުންފުންޏެއް އުވާލުމުގެ މަސައްކަތް ކުރުމަށް ހަވާލުވާ މީހަކު, ނުވަތަ ބަޔަކު އެކުންފުންޏެއް އުވާލުމުގެ މަސައްކަތާ އެމީހަކު ނުވަތަ އެބަޔަކު ހަވާލުވެއްޖެކަން އެ މަސައްކަތާ ހަވާލުވާ ތާރީޚުން ފެށިގެން 7 ދުވަހުގެ ތެރޭގައި ރެޖިސްޓްރާރ އޮފް ކޮމްޕެނީޒަށް އަންގައި, އެމީހަކު ނުވަތަ އެބަޔަކު އެކަން އާންމުކޮށް އިޢްލާނު ކުރުމަށްފަހު, ކުންފުންޏާއި ބެހޭ ޤާނޫނާއި ޤާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން އެ ކުންފުންޏެއް އުވާލުމުގެ މަސައްކަތް ފަށަންވާނެކަމަށް ވަނީ ބަޔާންކޮށްފައެވެ.


Advertisement
- ކޮމެންޓް