"އިންޑިއާ އައުޓް" ކެމްޕެއިންގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައްސަލަ އެއްވެސް ފަރާތަކުން ޖައްސައިފިނަމަ އެމައްސަލަ ބަލާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފިއެވެ.
އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީޤް ރާއްޖެޓީވީއަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިންގެ ސަބަބުން ދިމާވާ ގެއްލުންތަކުގެ މައްސަލަ އެއްވެސް ފަރާތަކުން އެކޮމިޝަނަށް ޖައްސާފައި ނުވާކަމަށެވެ. އެގޮތުން އެ ކެމްޕެއިނުގެ ސަބަބުން ގައުމުގެ އާންމު މަސްލަހަތަށް ބުރޫއަރާފާނެކަމަށް ހޯމް މިނިސްޓްރީން އަންގައިފިނަމަ އެމައްސަލަ އެކޮމިޝަނުން ބަލާނެކަމަށް ފުއާދު ވިދާޅުވިއެވެ. އަދި އެއީ ގައުމީ ސަލާމަތަށް ހުރި ނުރައްކަލެއްކަމަށް އެމްއެންޑީއެފުންވެސް އަންގާފައި ނުވާކަން ފުއާދު ފާހަގަކުރެއްވިއެވެ.
ފުއާދު އިތުރަށް ވިދާޅުވީ އެފަދަ މާނައެއް ދޭހަވާގޮތަށް އެއްވެސް ފަރާތަކުން އިންޑިއާ އައުޓް ކެމްޕެއިނާ ގުޅޭގޮތުން މައްސަލައެއް ހުށަހަޅައިފިނަމަ އެކޮމިޝަނުން އެމައްސަލަ ބަލާނެކަމަށެވެ. އަދި ސިޔާސީ ޕާޓީތަކުގެ ބެލެނިވެރި ފަރާތަކީ އިލެކްޝަންސް ކޮމިޝަނަށް ވާއިރު، އެފަދަ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލަ ބެލުމަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެކަމަށެވެ. ނަމަވެސް އެއްވެސް ފަރާތަކުން މައްސަލަ ހުށަނާޅަނީސް އެކޮމިޝަނުން އިސްވެ މި މައްސަލަ ނުބަލާނެކަމަށް ފުއާދު ވިދާޅުވިއެވެ.
އިދިކޮޅުން ކުރިއަށްގެންދާ އިންޑިއާ އައުޓް ކެމްޕެއިނުގެ ތެރެއިން ށ. ފުނަދޫގައި ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީނު ވަނީ ފާރުތަކުގައިވެސް އިންޑިއާ އައުޓް ޖެހުމަށް ގޮވާލާފައެވެ. އޭގެފަހުން މާގިނައިރެއް ނުވަނީސް ފުނަދޫ ސްކޫލް ފާރުގެ ބޭރުގައި "އިންޑިއަން އައުޓް" މި މޭރުމުން ވަނީ ލިޔެފައެވެ. އެޑިއުކޭޝަން މިނިސްޓްރީން ވަނީ މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ކެމްޕެއިނުގެ ސަބަބުން ރާއްޖޭގައި އުޅެމުންދާ އިންޑިއާ ޓީޗަރުންނަށްވެސް އެކި ބާވަތުގެ ފުރައްސާރަ ކުރިމަތިވަމުންދާ ކަމަށާއި ދަރިވަރުންގެ ކިޔެވުމަށްވެސް އޭގެ ސަބަބުން ނޭދެވޭ އަސަރު ކޮށްފާނެކަމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ބުނެފައެވެ.
ފުއާދު ވިދާޅުވީ އެޑިއުކޭޝަން މިނިސްޓްރީންވެސް ސިޔާސީ ވަކި ޕާޓީއަކުން ހިންގާ މިފަދަ އަމަލުތަކުން ގެއްލުން ލިބޭކަމުގެ މައްސަލަ ބެލުމަށް އެދިއްޖެނަމަ އެކަން ކުރާނެކަމަށެވެ.